މެއި ހައެއް ހަމަލާ: އިސްހާގުގެ ބަންދަށް އިތުރު 10 ދުވަސް، ފަހުމީގެ ބަންދަށް 15 ދުވަސް

އިސްހާގާއި ފަހުމީ -- ފޮޓޯ/ ޕޮލިސް މީޑިއާ

މެއި ހައެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްުޔަރުކުރި އިސްހާގު އާއި ފަހުމީ އަލީގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެ ދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ މުއްދަތު ޖަހާފައިވާއިރު، އިސްހާގުގެ ބަންދަށް ވަނީ އިތުރު 10 ދުވަސް ޖަހާފައެވެ. ފަހުމީގެ ބަންދު އިތުރުކޮށްފައިވަނީ 15 ދުވަހަށެވެ.

މި ދެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، ޕީޖީން ވަނީ މި ހަފްތާ ތެރޭގައި މި ދެމީހުންގެ މައްޗަށް ދައުވާކުރަން ވެސް ފޮނުވާފައެވެ.

ޕީޖީން ވަނީ އިސްހާގުގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއާއި އެފަދަ އަމަލެއްގައި ބައިވެރިވުމުގެ ދައުވާ ކޮށްފައެވެ.

ފަހުމީގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

މީގެ ކުރިން ފުލުހުން ވަނީ އިސްހާގަކީ ހަމަލާ ރާވައި ހިންގުމުގައި އިސް ދައުރެއް އަދާކުރި މީހެއް ކަމުގައި ބުނެފައެވެ. އަދި ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވައިލި އަދުހަމް އަހުމަދު ރަޝީދު ތައްޔާރުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކަކީ ވެސް އޭނާ ކަމަށް ފުލުހުން ބުނެފައިވެެއެވެ.

މީގެ އިތުރުން، އިސްހާގަކީ ހަމަލާގައި އެންމެ އިސްކޮށް ބައިވެރިވި ތިން މީހުންގެ ތެރެއިން އެކެއް ކަމަށާއި ފަހުމީ އަކީ ވެސް ހަމަލާގައި އެކި ދައުރު އަދާކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ދެމީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ޖުލައި މަހުގެ ފަހުކޮޅު ކްރިމިނިލް ކޯޓުން ވަނީ 30 ދުވަސް ދީފައެވެ. އޭގެ ފަހުން ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ވެސް އެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިދިން އިރު، އެމީހުން ބަންދުގައި ބައިތިއްބާ މުއްދަތު އިއްޔެ އިތުރުކުރީ އެ މުއްދަތު ހަމަވުމުންނެވެ.

އިސްހާގާއި ފަހުމީގެ އިތުރުން މި މައްސަލައިގައި ދެން ދައުވާ އުފުލާފައިވަނީ އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމާއި، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދާއި މއ. ފޭރުގެ، މުޖާޒު އަހުމަދުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް ގެ މައްޗަށެވެ.

comment ކޮމެންޓް