ދާއިރާގެ ދެ ރަށެއްގައި ރާއީގެ ޓިއުޝަން ސެންޓަރުތަކެއް: ގުރުއާން ކިޔަވައިދޭނީ ހިލޭ

މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ނިސްބަތްވެވަޑައިގަންނަވާ ދާއިރާގެ ދެ ރަށެއްގައި ޓިއުޝަން ސެންޓަރުތަކެއް ހުޅުވައިފިއެވެ.

ޓިއުޝަން ސެންޓަރުތައް ހުޅުވާފައިވަނީ ހދ. ކުމުންދޫ އާއި އެ އަތޮޅު ނޭކުރަންދޫގައެވެ.

ޓިއުޝަން ސެންޓަރުތަކާ ގުޅޭ ގޮތުން މެންބަރު ރާއީ "ސަން" އަށް ވިދާޅުވީ މި ދެ ރަށުގައި ތުއްތު ކުދިންނަށް ގުރުއާން ކިޔަވައިދޭނެ ފަހި ގޮތެއް ގާއިމްކޮށްދިނުމަށް ކެމްޕެއިނު ތެރޭގައި އެ ދެ ރަށުގެ ރައްޔިތުން ވެސް އެދިފައިވާ ކަމަށެވެ.

އެގޮތުން މި ގާއިމް ކުރެވުނު ސެންޓަރުތަކުގައި ގުރުއާން ކިޔަވައިދެމުން ގެންދާނީ އެއްވެސް ފީއެއް ނެގުމެއް ނެތި، މުޅިން ހިލޭ ކަން ރާއީ ފާހަގަކުރެއްވިއެވެ.

"މި ސެންޓަރުތަކުގެ މަގުސަދަކީ މި ދެ ރަށުގެ ތުއްތު ކުދިންނަށް ގުރުއާން ރަނގަޅަށް ކިޔަވަން ދަސްކޮށްދިނުން. އެއްވެސް ފީއެއް ނުނަގަނާނެ ގުރުއާން ކްލާސްތަކަކަށް. ބޮޑަށް ގުރުއާން މާއްދާއަށް ފޯކަސް ކުރެވުނަށް އެހެން މާއްދާތައް ވެސް ކިޔަވައިދެވޭނެ" ރާއީ ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ މި ދެ ސެންޓަރުގައި ވެސް ކިޔަވައިދޭނީ ތަޖުރިބާހުރި ޓީޗަރުން ކަމަށާއި ނޭކުރަންދޫގައި ގުރުއާން ކިޔަވައިދޭނީ ބިދޭސީ ޓީޗަރެއް ކަމަށެވެ. އަދި ކްލާސްތައް ގާއިމްވެފައި ހުންނާނީ ވާޗުއަލް ކޮށް ވެސް ކިޔަވައިދޭ ގޮތަށްކަން ފާހަގަކުރައްވާ ރާއީ ވަނީ މާލެއިން މުދައްރިސެއްގެ އެހީ ބޭނުންވެއްޖެނަަމަ އެކަން ވެސް ފަހިވެފައި އޮންނާނެ ކަން ފާހަގަކުރައްވާފައެވެ.

އެއްފަހަރާ 30 ކުދިންގެ ޖާގައިގެ މި ޓިއުޝަން ސެންޓަރުތަކަށް ލިބޭ ތަރުހީބުކޮށް ބޮޑުކަން ފާހަގަކުރައްވާ ރާއީ ވިދާޅުވީ ކްލާސްތައް މިހާރު މުޅީން ފުލް ވެފައިވާ ކަމަށެވެ.

މީގެ އިތުރުން މި ސެންޓަރުތަކުގައި ބެލެނިވެރިންނަށް ހާއްސަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގޭނެ ކަމަށް ވެސް ރާއީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވެސް އެއްޗެސް ފީއެއް ނެތި ކުރިއަށް ގެންދާނެ ވާޗުއަލް ޕްރޮގްރާމެއް ކަމަށެވެ.

ޓިއުޝަން ސެންޓަރުގެ އިތުރުން ކުމުންދޫގައި ވަނީ "ސްމާޓޭ އެކަޑެމީ"ގެ ނަމުގައި ސްޕޯޓްސް އެކަޑެމީއެއް ވެސް ރާއީ އިއްޔެ ހުޅުވައިދެއްވާފައެވެ.

ކޮވިޑްގެ ސަބަބުން ސެންޓަރުތައް ހުޅުވުން ލަސްވެގެން ދިޔަ ނަމަވެސް، ދެ ރަށުގެ ރައްޔިތުންނަށް މިކަމުގެ ސަބަބުން އިތުރު އުފާވެރިކަމެއް ލިބިގެންގޮސްފައިވާ ކަމަށް ރާއީ ވިދާޅުވިއެވެ.

comment ކޮމެންޓް