ޕެރަލިމްޕިކްގައި މާޒިން ހެދި ރެކޯޑް ބަލައި ނުގަންނާނެ!

ޕެރަލިމްޕިކްގައި ވާދަކުރާ މާޒިން އަދި އޭނާގެ އެހީތެރިޔާ ސައިފް--- ފޮޓޯ: އޮލިމްޕިކް ކޮމިޓީ

ޖަޕާނުގެ ޓޯކިޔޯގައި ކުރިއަށްދާ ޕެރަލިމްޕިކްސްގައި ވާދަކުރި ދިވެހި ދުވުންތެރިޔާ މުހައްމަދު މާޒިން ހެދި ގައުމީ ރެކޯޑް ބަލައި ނުގަންނާނެ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބުނެފިއެވެ.

ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ރާއްޖެ މިފަހަރުގެ ޕެރަލިމްޕިކުގައި މުޅިން އަލަށް ވާދަކުރި އިރު، މާޒިން ރެކޯޑް އާކޮށްފައި ވަނީ 100 މީޓާރު ދުވުން 15.74 ސިކުންތުން ނިންމައިގެންނެވެ. މާޒިން ރެކޯޑް އާކޮށްފައިވަނީ ފުރަތަމަބުރުގެ ހަތަރު ވަނަ ހީޓުގައެވެ.

އެހެން ނަަމަވެސް މާޒިންގެ އެ ރެކޯޑް ގައުމީ ރެކޯޑްގެ ގޮތުގައި ނުހިމަނާނެ ކަން "ސަން"އަށް ވަނީ ޔަގީންވެފައެވެ.

ޕެރަލިމްޕިކްސް ކޮމިޓީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވި ގޮތުގައި ޕެރަލިމްޕިކްސްގެ ފުރަތަމަ ދުވަހު ނުކުތް ނަތީޖާ ބަލައިގަތް ނަމަވެސް ދާއިމީ ނަތީޖާ ނުކުތް އިރު މާޒިން ވަނީ ޑިސްކޮލިފައިވެފައެވެ. އެހެން ކަމަށްވާނަމަ އެ ރޭހުގައި މާޒިން ހެދި ރެކޯޑް ބަލައި ނުގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މާޒިންގެ އެ މައްސަލަ މިހާރު އެޕީލް ކުރަން ހުށައަޅާފައިވާ ކަމަށާއި، ނަތީޖާ ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ޕެރެލިމްޕިކް ގޭމްސްގައި ރާއްޖެއިން ބައިވެރިވާ އެތްލީޓުންގެ ތެރެއިން މާޒިންގެ ގައިޑް ދުވުންތެރިޔާގެ ގޮތުގައި ބައިވެރިވީ މުހައްމަދު ސައިފް ޒާހިރެވެ. އަދި ފާތިމަތު އިބްރާހިމްގެ ގައިޑް ދުވުންތެރިޔާގެ ގޮތުގައި ބައިވެރިވީ ރަބާ އިސްމާއީލް އާސިފެވެ.

މާޒިންގެ ނަތީޖާ ފަހުގެ ރިޒަލްޓު ޝީޓުގައި ޑިސްކޮލިފައި ކަމަށް ނިންމާފައިވާ ސަބަބެއް އަދި ސާފުވާގޮތް ވަނީ ނުވެފައެވެ.

މޮރިޝަސްގައި 2019 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކެޓަގަރީގެ 100 މީޓަރު ދުވުމުން މާޒިން ވަނީ ލޯ މެޑަލް ހޯދާފައެވެ.

comment ކޮމެންޓް