އަލީ ވަހީދުގެ ވަކީލުންގެ ފަރާތުން ކްރިމިނަލް ކޯޓަށް ސިޓީއެއް

ފެބްރުއަރީ 3، 2020: އަލީ ވަހީދު --- ސަން ފޮޓޯ/ މާޝާ ނައީމް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ފަރާތުން އޭނާގެ ވަކީލުން ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވައިފިއެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ އަޑުއެހުމެއް މިއަދު ހެނދުނު 9:00 ޖަހާއިރަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވާއިރު އިއްޔެ އިނގިރޭސިވިލާތުން އޭނާ ހައްޔަރުކޮށްފައިވުމުގެ ސަބަބުން މިއަދު އޮތް އަޑުއެހުމަށް ހާޒިރުވެވިފައިނުވާކަމަށް ވަކީލުން ވަނީ އެ ސިޓީގައި ބުނެފައެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ކްރިމިނަލް ކޯޓަށް އަލީ ވަހީދު ހާޒިރުނުވޭނެ ކަމަށް ބުނެ ވަކީލުން ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެ ސިޓީގައި އޭނާ ހައްޔަރުގައި ހުރުމުން ހާޒިރު ނުވެވޭނެ ކަން ބަޔާންކޮށްފައިވާ ކަމަށެވެ.

"ވަކީލުންގެ ސިޓީއެއް ފޮނުވާފަ އެބައިން ކޯޓަށް. ހައްޔަރުގައި ހުރުމުން ހާޒިރު ނުވެވޭނެ ކަމަށް ބުނެފައި އިނީ. އިތުރު މައުލޫމާތެއް ނުލިބޭ އެކަމާ ގުޅޭގޮތުންނެއް" ކްރިމިނަލް ކޯޓުގެ އޮފިޝަލް ވިދާޅުވިއެވެ. އަލީ ވަހީދު އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން އުޅެނިކޮށް ހައްޔަރުކޮށްފައިވާއިރު ރާއްޖޭގެ އެއްވެސް އިދާރާއަކަށް އޭނާ ހައްޔަރުކުރި ކަމެއް މުޅިން ސާފުވެފައެއް ނުވެއެވެ.

އަލީ ވަހީދުގެ މައްޗަށް ކުރަނީ އޭނާ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރިއިރު އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުއައްޒަފުންތަކަކަށް ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގެ ހަތް ދައުވާއެކެވެ.

comment ކޮމެންޓް