ނަޝީދު ރާއްޖެ ގެންނަން މަސައްކަތްކުރުމަކީ އިތުރު ނުރައްކަލަކަށް ވައްޓާލުން: ވަކީލުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިވަގުތު ރާއްޖެ ގެންނަން މަސައްކަތްކުރުމަކީ އެމަނިކުފާނު އިތުރު ނުރައްކަލެއްގެ ތެރެއަށް ފާޅުގައި ވައްޓާލަން މަސައްކަތްކުރުން ކަމަށް ނަޝީދުގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

ނަޝީދުގެ ވަކީލުން ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ މިއަދު އެމްޑިޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

އެގޮތުން މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި އިކްރާމް ވިދާޅުވީ ރައީސް ނަޝީދަށް ރާއްޖެ ވަޑައިނުގެންނެވެންވީ ސަބަބެއް މިހާރު ނެތް ކަމަަށެވެ. އަދި މިހާރު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު ކުރިއަށް ވުރެ ބޮޑަށް ނަޝީދަށް ސެކިޔުރިޓީ ލިބިވަަޑައިގަންނަވާނެކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.

މި ވާހަކަތަކާ ގުޅިގެން މިއަދު ނަޝީދުގެ ވަކީލުން ނެރުނު ބަޔާނުގައި ވަނީ އިކްރާމްގެ ވާހަކަތަކާ ގުޅިގެން ނަޝީދު ކަންބުވުން ފާޅުކުރައްވާކަމަށެވެ.

"ނަޝީދަށް ކުރިއަށްވުރެ ބޮޑަށް މިހާރު ސެކިޔުރިޓީ ލިބިވަޑައިގަންނަވާނެކަމަށް އިކްރާމް ވިދާޅުވިއިރު އެމަނިކުފާނުގެ ހަށިކޮޅަށް ބޮމުގެ ހަމަލާ ދިން އެތިފަހަރު ރާވައި ފަންޑުކުރި ފަރާތްތައް އަދި ހިފިފައިނުވާކަމުގައި ފުލުހުން ވަނީ އިއުތިރާފުވެފައި،" ވަކީލުންގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ވަކީލުން ވިދާޅުވީ އިކްރާމްގެ ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ ދާއިރާގެ ރައްޔިތުންވެސް ބަލައިގަންނާނެ ވާހަކަތަކެއް ނޫން ކަމަށް އެ ބަޔާނުގައިވެއެވެ.

އަދި ނަޝީދަށް އޮތް ނުރައްކާ ކުޑަކަމަަށް ބުނެ "ހައްދާލައިގެން" ރާއްޖެ ގެންނަން މަސައްކަތް ނުކުރުމަށްވެސް ނަޝީދުގެ ވަކީލުން ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދު މި ވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަލުން ފެށިފައިވާއިރު ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވުމަށް އެދި މަޖިލީހަށް ސިޓީފުޅެއްވެސް ފޮނުއްވާފައެވެ.

މޭ ހަވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ހަމަލާގެ ބައިވެރިންގެ ތެރެއިން ދައުވާ އުފުލާފައިވާ ހަތަރު މީހެއްގެ ޝަރީއަތް ހޮނިހިރު ދުވަހު ކުރިމިނަލް ކޯޓުގައި ވަނީ ފަށައިފައެވެ.

comment ކޮމެންޓް