ބުރާސްފަތި ދުވަހު ތިލަމާލެ ބްރިޖް އެއްބަސްވުމުގައި ސޮއިކުރަނީ

މާލެ-ތިލަފުށި ބްރިޖުގެ ސާވޭއަށް ބޭނުންވާ މެޝިންތަކެއް ގެނެއުން - ސަން ފޮޓޯ/ އަހްމަދު ސައީދު

މި ހަފްތާގެ ތެރޭގައި ތިލަމާލެ ބްރިޖު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރާނެކަމަށް މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ބުނެފިއެވެ.

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލާ ތިލަމާލެ ބްރިޖު އަޅަން ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏަށެވެ.

އެ މަޝްރޫއު ކުރިއަށްގެންދާނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ.

https://sun.mv/144159

މި މަސް ނިމުމުގެ ކުރިން ބްރިޖު އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު "ސަން" އަށް ވިދާޅުވީ މި ހަފްތާގެ ބުރާސްފަތި ދުވަހު ތިލަމާލެ ބްރިޖު އެއްބަސްވުމުގައި ސޮއިކުރަން ނިންމާފައިވާ ކަމަށެވެ.

އެ މަސައްކަތް ނުފެށި ލަސްވެގެން ދިޔައީ ކޮވިޑުގެ ސަބަބުން ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެެވެ.

އެހެންނަމަވެސް އެއްބަސްވުމުގައި ސޮއިކުރެވޭ ހިސާބުން އަމަލީ މަސައްކަތްވެސް އަވަސް މުއްދަތެއްގައި ފެށިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.

ބްރިޖުގެ މަޝްރޫއު 2023 ވަނަ އަހަރަށް ނުނިމޭނެކަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ނަމަވެސް މަސައްކަތް ކުރިޔަށް ދާއިރު މަސައްކަތް ނިމޭ މިންވަރަކުން ބުރިޖުގެ ބައިބައި ހުޅުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް