ޑިޕްލޮމެޓިކް ޕާސްޕޯޓްގެ ވާހަކަ ޝައިޚް އިލްޔާސް އޮޅުންފިލުވައިދެއްވައިފި

ފެބްރުއަރީ 14، 2020: އައްޝައިޚް އިލްޔާސް ހުސައިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުގެ ރަމްޒީ މަގާމަކަށް އައްޔަން ކުރައްވާފައިވާ ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސައިންއަށް ޑިޕްލޮމެޓިކް ޕާސްޕޯޓެއް ދިނުމާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަށް އޭނާ ޖަވާބުދެއްވައިފިއެވެ.

ކްލަބްހައުސްގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައި، ހައި ކޮމިޝަންގެ ރަމްޒީ މަގާމެއްގައި ހުންނަވައިގެން ޑިޕްލޮމެޓިކް ޕާސްޕޯޓެއް ގެންގުޅުމަކީ ދީނީ ގޮތުންނާއި ގާނޫނީގޮތުން މަނާކަމެއްތޯ ނުވަތަ ނޫންތޯ އެ ބައްދަލުވުމުގެ ބައިވެރިޔަކު ވަނީ ޝައިޚް އިލްޔާސްއާ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން އިލްޔާސް ވިދާޅުވީ އެއީ ދީނީގޮތުންނާއި ގާނޫނީ ގޮތުންވެސް މަނާކަމެއްކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ.

"ދީނީ ގޮތުން އަޅުގަނޑަކަށް އެނގިފައެއް ނެތް، އަދި ގާނޫނީގޮތުން ވެސް އެއީ މަނާކަމެއް ކަމަށް. ފޮރިން މިނިސްޓްރީން އެ ޝަރަފު ދެވޭނެ ކަމަށް ވިދާޅުވީމަ އަޅުގަނޑު ޕާސްޕޯޓު ހޯދީމޭ، ޕާސްޕޯޓު އޮންނާނެ،"

"މީހުން ކިޔަނީ، ގާނޫނީ ގޮތުން ނުދެވޭނޭ. ގާނޫނީ ގޮތުން އަޅުގަނޑަށް އެނގިފައެއް ނެތް އެއީ ކުށެއް ކަމަށް. ކުށެއް ނަމަ މައާފަށް އެދޭނަން. އެއީ ދައުލަތުގެ އެއްޗެއް، ދައުލަތުން އެ ޝަރަފު ދޭ ކަމަށް ވަނީނަމަ، ދެވޭނެކަމަށް ގިނަ ބޭފުޅުން ވިދާޅުވީމަ، އެއީ މައްސަލައެއް ނެތް ކަމަށް އަޅުގަނޑު ގަބޫލުކުރީ،" ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

މެލޭޝިއާގެ ވިސާގައި ކިތައް އަހަރު ހުންނެވިންތޯ ބައްދަލުވުމުގެ ބައިވެރިޔަކު ސުވާލުކުރުމުން ޝައިޚް އިލްޔާސް ވިދާޅުވީ އެ ވިސާގައި އެއް އަހަރު ހުންނެވި ކަމަށެވެ.

ހައި ކޮމިޝަންގެ ރަމްޒީ މަގާމަކާއެކު ޑިޕްލޮމެޓިކް ޕާސްޕޯޓެއް ސަރުކާރުން އިލްޔާސްއަށް ދެއްވީ މެލޭޝިއާ ވިސާގެ މައްސަލައެއް ދިމާވެގެން އޭނާ ހުށަހެޅުއްވުމުންކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު އޭރު އުޅުނީ ކިޔަވަން އެތަނުގައި [މެލޭޝިއާގައި]. އުޅެފަ ވިސާގެ މައްސަލައެއް ދިމާވީމަ އަޅުގަނޑު އެގޮތަށް ހުށަހެޅިން. ހުށަހެޅީމަ ދައުލަތުން އެ މަގާމު އަޅުގަނޑަށް ދެއްވީމަ އަޅުގަނޑު އެ މަގާމު ގަބޫލުކުރިން،" އިލްޔާސް ވިދާޅުވިއެވެ.

އެހެންނަމަވެސް އެ މުއްދަތުގައި ހައި ކޮމިޝަންގެ ކާރާއި އިތުރު އެއްވެސް މުދަލެއް ބޭނުންކޮށްފައި ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. އިލްޔާސް އައްޔަންކޮށްފައިވަނީ ރަމްޒީ މަގާމަކަށްކަމަށާއި އެހެންކަމުން އޭނާއަށް މުސާރައާއި އިނާޔަތެއް ނުލިބޭނެކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް