އެހެން ދީނުގެ ޝިއާރުތައް އާންމުކުރުން ބަލައިނުގަނެވޭނެ: އިލްޔާސް

އައްޝައިޚް އިލްޔާސް ހުސައިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖޭގައި އިސްލާމް ދީން ފިޔަވައި އެހެން ދީންތަކުގެ ޝިއާރުތައް އާންމުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުނިން މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައިވަނީ ހިންދޫ ދީނުގެ އަޅުކަމެއް ކަމަށްވާ ކާށި ފެޅުމުގެ ހަރަކާތަކުންނެވެ.

މިމައްސަލަ ހޫނުވެ، ގިނަ ބައެއްގެ އާންމުންނާއި ދީނީ އިލްމުވެރިންގެ ފާޑުކިޔުން ވަނީ މިކަމަށް އަމާޒުވެފައެވެ.

އެކަމާ ގުޅިގެން ޝައިޚް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި އިސްލާމް ދީން ފިޔަވައި އެހެން ދީނެއްގެ ޝިއާރުތައް އާންމުކޮށް ފާޅުކުރުމަކީ ބަލައިގެނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި، އެފަދަ ކަންކަމަށް އިންކާރުކޮށް އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

މީގެއިތުރުން، އެހެން ދީނެއްގެ ކަންކަމަށް ހިތްވަރުދީ އެދީނުގެ ކަންކަން ކުރުމަށް ރާއްޖޭގައި މަގުފަހިކޮށްދީފައިވާ ކަމަށް ޖަމްޢިއްޔަތުއް ސަލަފްގެ ޗީފް މާކެޓިން އޮފިސަރު އަލީ ރަމީޒް ވެސް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ ކަންކަމަށް އިންކާރު ކުރާ ކަމަށް އަޑަށް ބާރުލާފައި ބުނަނީ އެފަދަ ކަންކަމަށް ހިތްވަރުދީ އެ ޖަރީމާތައް ހިންގުމަށް ފަހި ކޮށްދީފައެވެ.

އެ މައްސަލަ މިހާރު ފުލުހުންނަށް ވެސް ހުށަހަޅާފައިވާއިރު، އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ ދީނެއްގެ ޝިޔާރެއް ބޭނުންކޮށްގެން އެެއްވެސް ކަމެއް ކުރުމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާއިދުން ކަނޑައެޅިގެން މަނާ ކަމެއް ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ އެކަން ކުށްވެރި ކުރައްވައި، ރާއްޖެއިން ބޭރުގެ ފަރާތްތައް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ކަމާ ގުޅުންހުރި ފަރާތްތަކަށް ގޮވާލައްވާފައެވެ.

comment ކޮމެންޓް