ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްގެ ގާލްސް ޓު ކޯޑް މިފަހަރު ކުޅުދުއްފުށީގައި

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމް "ގާލްސް ޓު ކޯޑް"ގެ ތިންވަނަ ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ބާއްވަން ނިންމައި، ރެޖިސްޓްރޭޝަނަށް ހުޅުވާލައިފިއެވެ.

އެ ޕްރޮގްރާމު އަމާޒުކޮށްފައިވަނީ އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެން ކުދިންނަށެވެ.

އެ ޕްރޮގުރާމުގައި ދަސްކޮށްދޭ ކަންތައްތަކުގެ ތެރޭގައި އެޗްޓީއެމްއެލް އާއި ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓު ފަރުމާކޮށް ޑިވެލޮޕްކުރަން ހިމެނެއެވެ.

މީގެ ކުރިން އެއްވެސް ވަރަކަށް ކޯޑް ކުރުމުގެ ހުނަރު ނުވަތަ ތަޖުރިބާ ލިބިފައިނުވާ ފަރާތްތަކަށްވެސް އެ ޕްރޮގްރާމުގައި ބައިވެރިވެވޭނެއެވެ.

އެ ޕްރޮގްރާމް ކުރިއަށްދާނީ ދެ މަސް ދުވަހުގެ މުއްދަތަށް އޮންލައިންކޮށެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވާން އެއްވެސް ފީއެއް ނުނަގާނެއެވެ.

އެ ޕްރޮގްރާމުގައި ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން މި ލިންކަށް ޒިޔާރަތްކޮށް ފޯމް ފުރިހަމަ ކުރެވޭނެއެވެ. ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ އޮގަސްޓް، 15، 2021 އެވެ.

ގާލްސް ޓު ކޯޑް ޕްރޮގްރާމަކީ އަންހެން ކުދިން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިކުރުވުމާއި އަދި ހުނަރު ތަރައްގީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް އިތުރުކުރުމަށްޓަކައި ދިރާގާއި ވިމެން އިންޓެކް މޯލްޑިވްސް ގުޅިގެން 2019 ވަނަ އަހަރުގައި ފެށި ސިލްސިލާ ޓްރެއިނިން ޕްރޮގްރާމެކެވެ.

އެ ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމް ފުވައްމުލައް ސިޓީގައި ބޭއްވުމަށްފަހު ލިބުނު ތަރުހީބުގެ ސަބަބުން މިދިޔަ ޖަނަވަރީ މަހު ދެވަނަ ޕްރޮގްރާމެއް ގދ. ތިނަދޫގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް