23 އަހަރުން ދަށުގެ ގައުމީ ކޯޗުގެ މަގާމަށް ސުޒޭން

ކޯޗު އަލީ ސުޒޭން މެޗެއްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ހަމަޖައްސައިފިއެވެ.

ކުރިން 23 އަހަރުން ދަށުގެ ކޯޗުގެ މަގާމުގައި ހުރި ހޮލެންޑުގެ ރެނޭ ހިޑިންކް މިހާރު ވަނީ މަގާމުން ދުރުކޮށްފައެވެ.

މިދިޔަ އަހަރު ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް ރެނޭ ހަމަޖެއްސިއެވެ. އޭރު ހެދި އެއްބަސްވުން ހަމަވުމުން އޭނާއަށް ވަނީ ތިން އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަގާމު ހަވާލުކޮށްފައެވެ.

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މިވަގުތުވެސް ހުންނެވި ސުޒޭން އަކީ ރާއްޖޭގެ އެންމެ ކާމިޔާބު އަދި ތަޖުރިބާކާރު ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗެކެވެ.

އަންނަ އަހަރު ބާއްވާ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް މުބާރާތަށް ކޮލިފައިވުމަށް ރާއްޖެއިން ކުރަން ޖެހޭ މަސައްކަތް ވަރަށް ބޮޑުވާނެކަމަށް ވަނީ ބެލެވިފައެވެ. ރާއްޖެ ހިމެނިފައި އޮތީ ކޮލިފައިން ވަރުގަދަ ގްރޫޕެއްގައެވެ.

ކޮލިފިކޭޝަންގައި ރާއްޖެ ލައްވާލީ ބަހްރެއިން، އިރާގް އަދި އަފްގާނިސްތާނާއެކު ގްރޫޕް ސީގައެވެ. ކޮލިފައިން މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ބަހްރެއިންގައެވެ.

comment ކޮމެންޓް