މީދޫ ކޮޅަށް ޒުވާން ގައުމީ ޓީމު ހަތް ލަނޑު ޖަހައިފި

ގައުމީ 23 އަހަރުން ދަށުގެ ޓީމާ ރ. މީދޫ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ: އެފްއޭއެމް

އޭއެފްސީ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ގައުމީ 23 އަހަރުން ދަށުގެ ޓީމުން މިއަދު ހަވީރު ރ. މީދޫ އާއި ބައްދަލުކުރި މެޗު 7-0 ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ.

ޅ. އަތޮޅުގައި ކުރިއަށް ގެންދާ ޓްރޭނިން ކޭމްޕުގެ ތެރެއިން 23 އަހަރުން ދަށުގެ ޓީމު ވަނީ ތިން މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ނައިފަރު އަތުން އެއްވަރުވި އިރު ދެވަނަ މެޗުގައި ނ. ހޮޅުދޫ އަތުންވެސް ވަނީ އެއްވަރުވެފައެވެ.

ތިން ވަނަ މެޗުގައި ޒުވާން ޓީމު ވަނީ ކުޑަފަރީގެ މައްޗަށް 8-3 ކުރި ހޯދާފައެވެ. މިއަދު މީދޫ އާއި ބައްދަލުކުރި މެޗުގެ ޒުވާން ގައުމީ ޓީމުގެ ލަނޑުތައް ޖަހާދީނީ އީގަލްސްގެ އަރީން، ޔޫވީގެ ބައްސާމް (ބައްކު) އަދި ޓީސީގެ ޒަޔާން ނަސީރު (ޒައްޔު)އެވެ. މިއިން ކޮންމެ ކުޅުންތެރިއެއްވެސް ވަނީ ދެލަނޑު ޖަހާފައެވެ. މެޗުގައި ދެން ލަނޑު ޖެހީ ކެޕްޓަން އަބްދުﷲ ޔާމިން (ޔާނު)އެވެ.

އޭއެފްސީ އޭޝިއަން ކަޕު 23 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެ ވާދަކުރަން ޖެހެނީ ބަހްރެއިން، އިރާގު އަދި އަފްޣާނިސްތާނާ ދެކޮޅަށެވެ. ކޮލިފައިން މެޗުތައް ކުރިއަށް ދާނީ އޮކްޓޫބަރު 27 ވަނަ ދުވަހުން 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފުރަތަމަ މެޗުގައ ރާއްޖެ ނިކުންނަނީ އިރާގާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި ބަހްރެއިން އާއި ވާދަކުރާއިރު ފަހު މެޗުގައި ރާއްޖެ ވާދަކުރާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.

comment ކޮމެންޓް