ޓީޗަރުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް

އޯގަސްޓް 10، 2021: ދިރާސީ އާ އަހަރު ފެށުން. މިއަދު ހެނދުނު ރެހެންދި ސްކޫލްގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ޓީޗަރުންނަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދުފުއްދާ ފަރާތްކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން ރެހެންދި ސްކޫލްގައި މިއަދު ހެނދުނު ބޭއްވި ހާއްސަ އެސެމްބްލީގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މީހުން ބިނާކުރުމުގެ އަމަލީ މަސައްކަތް ތަންފީޒުކޮށްދެއްވަނީ ޓީޗަރުންކަމަށެވެ. ހަމައެއާއެކު އަންނަ އަހަރުގެ ބަޖެޓުގައި ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް ހިމަނުއްވަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ޓީޗަރުންގެ މަސައްކަތަކީ އަގުވަޒަން ނުކުރެވޭ ވަރުގެ ބުރަ މަސައްކަތެއް ކަމަށެވެ.

"ކޮވިޑުގެ ދަތިކަން ކުރިމަތިވުމުގެ ކުރިންވެސް ޓީޗަރުން ކުރައްވަމުން ގެންދިޔައީ އަޅުގަނޑުމެންނަށް ވަޒަން ނުކުރެވޭ ވަރުގެ ބުރަ މަސައްކަތެއް. އެ ބޭފުޅުން ކުރައްވާ ބުރަ މަސައްކަތާއި ހޭދަކުރައްވާ ގިނަ ވަގުތުތަކާއި އެކަށޭނަ ގޮތުން މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން މި އަންނަނީ ކުރަމުން." ރައީސް ސޯލިހު ވިދާޅުވިއެވެ.

އަދި ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަށްޓަކައި ވެސް، ތައުލީމީ ދާއިރާގެ ބޭފުޅުން ރަނގަޅު ގޮތެއްގައި މަސައްކަތްކުރުމަކީ ބޭނުންތެރިކަމެއްކަމަަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު މިދިޔަ އަހަރު ގެ ކިޔެވުން ކުރިޔަށް ދިޔައިރު ގިނަ ދުވަސްތަކެއް ގޭގައި ތިބެންޖެހުނުކަމަށާއި އެެހެންކަމުން މިއަދު ލިބުނު ފުރުސަތުގެ ބޭނުންހެޔޮ ގޮތުގައި ހިފުމަށް ރައީސް ވަނީ ދަރިވަރުންނަށް ނަސޭހަތްތެރިވެފައެވެ.

އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މި ފެށުނު ދިރާސީ އަހަރަކީ، ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް، ހެޔޮ ބަދަލުތަކެއް އަންނާނެ އަހަރެއްކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް