ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކުރަނީ

ފެބްރުއަރީ 27، 2020: ފުލުހުން ބަލަމުންދާ މައްސަލަ އަކާ ގުޅިގެން ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީން މިއަދު ފުލުސް އޮފީހަށް ހާޒިރުކުރަނީ މެންދުރުފަހު 2:00 އަށެވެ. ރައީސް ޔާމީން ހާޒިރުކުރަނީ އާރަށުގެ މައްސަލައިގައިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީކުރުމަށް އެ ރަށް ދިގުމުއްދަތަކަށް ކުއްޔަށް ދޫކޮށްގެން ލިބުނު އެއް މިލިއަން ޑޮލަރު ކުރީގެ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި ކުރަމުންދާ ތަހުގީގަށް މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު އެމަނިކުފާނު ހާޒިރުކުރިއެވެ.

އެ ދުވަހު ރައީސް ޔާމީންގެ ވަކީލުން ވަނީ އެ މައްސަލައިގެ ތަހުގީގުން ތަނާޒުލްވެފައެވެ. ރައީސް ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެފައި ވަނީ އާ ރަށުގެ މައްސަލައަކީ ކުރިން ބަޔާން ނަގައި، ތަހުގީގު ނިންމައި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައެއް ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ އެ މައްސަލާގައި އަލުން ރައީސް ޔާމީންގެ ބަޔާން ނަގަން އުޅެނީ ޕްރޮސިކިއުޓާ ޖެނެރަލް އަންގައިގެން ކަމަށް ފުލުހުން ބުނާ ކަމަށެވެ.

ބަޔާން ނަގަން ނިންމީ މީގެކުރިން ބަޔާންނެގިއިރު، ގާނޫނީ އިންޒާރުދީފައި ވަނީ ރަނޅަށް ނޫން ކަމުގައި ޕްރޮސިކިއުޓާ ޖެނެރަލާ ހަވާލާދީ ފުލުހުން ބުނާ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިން ނިންމާފައިވާ މައްސަލައެއްގައި އަލުން ގާނޫނީ އިންޒާރުދީ ބަޔާން ނަގަން އުޅުމުން އެކަމުގެ ގާނޫނީ ހުއްޖަތް ދެއްކުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައިވާކަމަށެވެ.

އެހެންނަމަވެސް ފުލުހުން އެކަމަށް އެއްވެސް ފުރުސަތެއް ދީފައިނުވާކަމަށް ޖަމީލް ވިދާޅުވިއެވެ.

comment ކޮމެންޓް