ޕާޓީއަށް ސޮއިކުރާ މަތިން އެއްވެސް މީހަކަށް ފައިސާއެއް ނުދެން: އަދާލަތު

އަދާލަތު ޕާޓީއަށް 10,000 މެމްބަރުން ހަމަކުރުމަށް އެ ޕާޓީން ހިންގާ ހަރަކާތުގެ ތެރެއިން ސޮއިކުރާ ކޮންމެ މެމްބަރަކަށް ފައިސާ ދޭކަމަށް ފެތުރޭ ވާހަކަތައް އެޕާޓީން ދޮގުކޮށްފިއެވެ.

އަދާލަތު ޕާޓީގެ ތަރުޖަމާނު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު މިއަދު "ސަން"އަށް ވިދާޅުވީ ފައިސާ ދީގެން ސޮއިކުރުވާކަމަށް ދެކެވޭ ވާހަަކަތަކަކީ "ކަނޑައެޅިގެން ދޮގެއް" ކަމަށެވެ.

"ޕާޓީއަށް ވަންނަ އެއްވެސް މެމްބަރަކަށް ފައިސާއެއް ނުދެން. އެއީ ކަނޑައެޅިގެން ދޮގެއް," ނަޒީރު ވިދާޅުވިއެެވެ.

ނަޒީރު ވިދާޅުވީ އެ ޕާޓީއަކީ އެގޮތަށް ކަންތައްތައް ކުރާނެ ޕާޓީއެއް ނޫންކަމަށާއި, އަދާލަތު ޕާށޓީއަކީ ރާއްޖޭގެ އެހެން ޕާޓީތަކާ ހިލާފަށް ވިޔަފާރިވެރިން ހަރަދުކޮށްގެން ހިންގާ ޕާޓީއެއް ވެސް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ފައިސާ ދީގެން ޕާޓީއަށް މެމްބަރުން އިތުރު ކުރާނަމަ މި ހާލަތުގައި ކެމްޕޭނެއް ހިންގުމުގެ ބޭނުމަކީ ކޮބައިތޯ. އަޅުގަނޑުމެންގެ ޕާޓީގެ ކަންކަން ހަމަޖައްސަނީ ދައުލަތުން ޕާޓީތަކަށް ދޭ [ފައިސާގެ] އިނާޔަތުގެ ތެރެއިން," އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިވަގުތު އަދާލަތު ޕާޓީގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރަށް ދައުލަތުގެ ބަޖެޓު ފާސްކުރުމުގެ ކުރިން މެމްބަރުންގެ އަދަދު ހަމަކުރުން ކަމަށެވެ. އަދި މިހާރު ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިބީ 6651 މީހުން ނެވެ.

އެ ޕާޓީއަށް 10،000 މެމްބަރުން ހަމަކުރުމަށް މި މަހުގެ ކުރީކޮޅު ފެށި ކެމްޕޭން އިފްތިތާހުކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ ޕާޓީ ދަތުރު ކުރަމުން ދަނީ މީގެ 15 އަހަރު ކުރީން ޕާޓީ ދަތުރުކުރުމަށް ކަނޑައެޅި އަމާޒުގެ މަތީގައި ކަމަށެވެ.

"ކޮންމެ ގޮންޖެހުމަކާ ރާޅުތަކާ ކުރިމަތިލަމުން ވެސް ދަތިތަކާ އަޑިގުޑަންތައް ފަހަނައަޅައި އަޅުގަނޑުމެން މިދަނީ ދަތުރު ކުރަމުން،" އިމްރާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަދާލަތު ޕާޓީގެ މަގުސަދުގައި ބަޔާން ކޮށްފައިވާ ފަދައިން އަދުލު އިންސާފުގެ މައްޗަށް ބިނާވެގެންވާ ސިޔާސީ އިޖްތިމާއީ އަދި އިގްތިސޯދީ ނިޒާމެއް ރާއްޖޭގައި ގާއިމުކޮށް އެ ނިޒާމް ހަރުދަނާ ކުރުމަށް އެ ޕާޓީން މަސައްކަތް ކުރަމުން އަންނާނެ ކަމަށެވެ.

comment ކޮމެންޓް