ހައްލަކީ ޝިހާބު ހޯމް މިނިސްޓަރުކަމަށް ގެނައުން: ބޮންޑޭ

ރައީސުލް ޖުމްހޫރިއްޔާގެ ހާއްސަ އެޑްވައިޒަރ މުހައްމަދު ޝިހާބު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ ގިނަ މައްސަލަތަކުގެ ހައްލަކީ ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝިހާބު ހޯމް މިނިސްޓަރު ކަމަށް ގެނައުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ މިއަދު "ސަން" އަށް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވޭނީ އިތުބާރު ކުރެވޭ ބޭފުޅުން މަގާމުތަކުގައި ތިއްބަވައިގެން ކަމަށެވެ. އެގޮތުން ޝިހާބަކީ އެފަދަ ބޭފުޅެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

"ޝެއިހް އިމްރާނަކީ ހަތެއް ފެބުރުވަރީ ގެތެރެއިން އަޅުގަނޑުމެންނަށް ފެނިފަހުރި މީހެއް. ނުބައިކަމެއްގެ ތެރެއިން އިންޓްރޮޑިއުސް ވެފަހުރި މީހެއް. ނުބައެއްގެ ތެރެއިން ރައްޔިތުންނަށް ތައާރަފްވީވެސް ފުރަތަމަ. މުހައްމަދު ޝިހާބަކީ ރާއްޖޭގަ ފެށުނީއްސުރެ ރައްޔިތުންނަށް ހިދުމަތްތަކުރުމުގައި ހުންނެވި ފަރާތެއް. އިންތިހާއަށް ރައްޔިތުން އިތުބާރުކުރާ ފަރާތެއް،" ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ފާޑުކިޔަމުން ބޮންޑޭ ވިދާޅުވިއެވެ.

މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ކެމްޕެއިން ހަރަކާތެއްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހޯމް މިނިސްޓަރުކަމަށް ޝިހާބު ގެންނަންޖެހޭ މުހިންމު އެއްސަބަބަކީ އޭނާ އަކީ ސަލާމަތީ ބާރުތަކާ ރައްޓެހި އަދި ތަހުގީގުތަކާ ގުޅޭގޮތުން ހިފަހައްޓަންޖެހޭ ސިއްރުތައް ހިފަހައްޓާނެ ފަދަ ބޭފުޅަކަށްވުން ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

މިހާރުގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާނަށް ރައްޔިތުންގެ އިތުބާރު ނެތް ކަމަށް ވިދާޅުވެ ބޮންޑޭ ވަނީ އޭނާ އަށާއި އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

އޭނާ ވިދާޅުވީ ޝެއިހް އިމްރާނަށް އެމްޑީޕީގެ ސިޔާސަތުތަކާއި މެނިފެސްޓޯ ރަނގަޅަށް ނޭނގޭކަމަށެވެ. އެހެންކަމުން ޝެއިހް އިމްރާނަށް އެ ސިޔާސަތުތައް ތަންފީޒު ނުކުރެއްވޭނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ޓުއަރިޒަމްއަށް ތްރެޓްއޮތްކަން އެބަ އިނގޭ. އިންވެސްޓަރުން ތިބީ ކަންބޮޑުވެފަ. އެހެންވީމަ މިވަގުތު ބޭނުންވަނީ ރާއްޖެ ބޫސްޓް ކުރެވޭވަރުގެ، މި މައްސަލަތައް ހައްލު ކުރެވޭވަރުގެ ތަޖުރިބާކާރު ބޭފުޅެއް ހޯމް މިނިސްޓަރަށް،" ބޮންޑޭ ވިދާޅުވިއެވެ.

ޝިހާބަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން ފިނޭންސް މިނިސްޓަރުކަމާއި މަޖިލިސްގެ ރައީސްކަމާއި މާލޭ ސިޓީގެ މޭޔަރުކަންވެސް ކުރައްވާފައިވެއެވެ.

މިނިސްޓަރު އިމްރާން މަގާމުން ދުރުކުރުމަށް ނުސީދާކޮށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ގޮވާލަމުންދާއިރު، މީގެކުރިން ވެސް އެބޭފުޅުން ވަނީ އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މިނިސްޓަރަކު މަގާމުން ވަކިކުރަން މަސައްކަތްކޮށްފައެވެ.

ޖެންޑާ މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް ޝިދާތާ ޝަރީފް މަގާމުން ވަކިކުރަން އެމްޑީޕީގެ މަޖިލިސް މެމްބަރުން މަސައްކަތް ފެށުމާއެކު އޭނާ ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.

comment ކޮމެންޓް