ނާޒިމާއި ޝިހާބު ޖޭޕީއަށް

ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިހާބާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ އެކު -- ފޮޓޯ/ ޖޭޕީ

ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރެއްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝިހާބާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފިއެވެ.

މިއަދު މެންދުރު ފަހު، އެ ދެ ބޭފުޅުން ޖޭޕީއަށް ސޮއިކުރަން ބޭއްވި ބައްދަލުވުމެއްގައި ދެ ބޭފުޅުންގެ ފޯމު ހަވާލު ކުރެއްވީ ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމާއެވެ.

ޝިހާބަކީ މީގެ ކުރިން ވެސް ޖޭޕީގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެކަމަކު، ފަހުން އޭނާ ހުންނެވީ އެމްޑީޕީގައެވެ. ނާޒިމަކީ ކުރިން ޑީއާރުޕީގައި އަދި ޕީއޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެކު ވަރަށް އަރިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެކަމަކު، ފަހުން ވަނީ ނާޒިމާއި ޔާމީންގެ ގުޅުން ގޯސްވެފައެވެ.

މިދިޔަ ސަރުކާރުގައި ނާޒިމްގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ.

ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު، ޝިހާބު ވިދާޅުވީ ޖޭޕީއާ ގުޅިވަޑައިގަތީ ޖޭޕީގެ ކެންޑިޑޭޓަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދޭން ކަަމަށެވެ. އަދި، އެ ކަމުގައި ކުރެވެން ހުރި ހުރިހައި މަސައްކަތެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ރާއްޖޭގެ ރައީސްކަން ހޯދައިދިނުމަށްޓަކައި އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން،" އޭނާ ވިދާޅުވިއެވެ.

ސިޔާސީ ކަންކަމާ ދުރުގައި ހުންނެވުމަށް ފަހު ޖޭޕީއަށް ސޮއި ކުރެއްވި ނާޒިމް ވިދާޅުވީ ތަފާތު ފިކުރެއްގައި ހުރި ނަމަވެސް ގާސިމަކީ އޯގާތެރި އަދި ވަފާތެރި ބޭފުޅެއް ކަމަށެވެ. އެހެންވެ، އޭނާ ވަނީ ގާސިމަށް ޝުކުރު އަދާ ކޮށްފައެވެ.

"ސިޔާސީ ގޮތުން އަޅުގަނޑުމެންނަކީ އެއް ކުލައެއް ކަމުގައި ނުވީ ނަމަވެސް ރަހުމަތްތެރިއެއްގެ ގޮތުން ގާސިމަށް ވުރެ އޯގާތެރި އެހެން މީހަކު އަޅުގަނޑަށް އަދި ފެނިފައެއް ނުވޭ،" ނާޒިމް ވިދާޅުވިއެވެ.

ސަރުކާރު ކޯލިޝަންގައި އޮތުމަށް ފަހު، ޖޭޕީން ވަނީ ސެޕްޓެމްބަރު ނުވައެއްގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމައިފައެވެ. އަދި، އެ ޕާޓީގެ ރިޔާސީ ޓިކެޓު ގާސިމަށް އަރުވައިފައެވެ. އެހެންނަމަވެސް، އޭނާ ކެމްޕޭންގައި މާ ބޮޑަށް މަސްއޫލުވެ އުޅޭތަނެއް އަދި ނުފެނެއެވެ.

comment ކޮމެންޓް