އެމްޓީސީސީއަށް ދެވަނަ ކުއާޓަރުގައި 63 މިލިއަން ރުފިޔާގެ ފައިދާ

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް--

މިއަހަރުގެ ދެވަނަ ކުއާޓަރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް ފައިދާގެ ގޮތުގައި 63 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެމްޓީސީސީ އިން އާންމުކުރި ކުއާޓާލީ ރިޕޯޓު ދައްކާ ގޮތުން މި އަދަދަކީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާ އާ އަޅާ ބަލާއިރު ހަތަރު ގުނަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ އެންމެ 15 މިލިއަން ރުފިޔާއެވެ.

އޭދަފުށީގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ-- ފޮޓޯ: އެމްޓީސީސީ

މީގެ އިތުރުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރަށް ބަލާއިރު މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީވެސް ވަނީ ދެ ގުނައަށް އިތުރުވެގެން ގޮސްފައެވެ. އެގޮތުން ހުސްވި އަހަރުގެ ދެ ވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ލިބިފައިވަނީ 248 މިލިއަން ރުފިޔާއެވެ. އެހެންނަމަވެސް މި އަހަރުގެ މި މުއްދަތުގައި 423 މިލިއަން ރުފިޔާގެ އާމްދަނީއެއް އެ ކުންފުންޏަށް ލިބިފައިވެއެވެ.

ކ. ގުރައިދޫގެ ބިން ހިއްކުމުގެ މަސައްކަތް ފެށުން -- ފޮޓޯ/ އެމްޓީސީސީ

މިދިޔަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވ ކޮވިޑް19 ބަލިމަޑުކަމާއެކު އެޅުނު ފިޔަވަޅުތަކުގެ ސަބަބުން އެމްޓީސީސީގެ ގިނަ މަސައްކަތްތަކެއް ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެގެން ގޮސްފައެވެ. އެގޮތުން މަސައްކަތަަށް ބޭނުންވާ ސާމާނު ލިބުމުގެ ދަތިކަން ދިމާވެ ގިނަ މަސައްކަތްކެއް އޮތީ މެދުކެނޑިފައެވެ.

ނަމަވެސް މި އަހަރު އަލުން އާންމު ހާލަތަކަށް ރުޖޫއަ ވަމުން ދިޔުމުގެ މަސައްކަތް ފެށިފައިވާއިރު އެ ކުންފުނީގެ މަސައްކަތްތައް ވެސް އަންނަނީ ހަލުވި މިނެއްގައި ކުރަމުންނެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް 77 މަސައްކަތެއް އެމްޓީސީސީ އާ ހަވާލުކުރެވި އަންނަނީ ހިންގެމުންނެވެ.

އެމްޓީސީސީ އިން ބުނީ އެ ކުންފުނީގެ އަމާޒަކީ ތަރައްގީގެ މަޝްރޫތައް އަވަސް މިނެއްގައި ކުރިޔަށް ގެންދިޔުން ކަމަށެވެ. އަދި ވީހާވެސް ގިނަ މަސައްކަތްތަކެއް އަވަސް މުއްދަތެއްގައި ނިންމުން ކަމަށެވެ.

comment ކޮމެންޓް