އިސްރާއީލަށް ގޮންޖެހުމަށްފަހު ފަލަސްތީނުގެ ލައްކައަކަށްވުރެ ގިނަމީހުން މަސްޖިދުލްއަގްސާގައި އީދުނަމާދުކޮށްފި

މަސްޖިދުލްއަގްސާ ގައި މިއަދު އީދު ނަމާދު ކުރަނީ

ހިފާފައިވާ ގުދްސު (ޖުލައި 20): މިއަހަރުގެ ހައްޖު ދުވަސް ކަމަށްވާ އިއްޔެ އިސްރާއީލުގެ ޒަޔަނިސްޓް ޔަހޫދީ ވަޒަންވެރިން މުސްލިމުންގެ ތިންވަނަ ހަރަމްފުޅު ކަމަށްވާ މާތްވެގެންވާ މަސްޖިދުލް އަގްސާއަށް ވަދެގަނެ އެމުގައްދަސް ބިނާގެ ހުރުމަތް ކަނޑާފައިވަނިކޮށް ފަލަސްތީނުގެ ލައްކައަކަށްވުރެ ގިނަމީހުން މިއަދު އެމިސްކިތުގައި އީދުނަމާދުކޮށްފިއެވެ.

އިސްރާއީލު ވެރިވެގަނެގެން އުޅޭ ގުދްސުގައި ހުންނަ ފަލަސްތީނުގެ އިސްލާމީ އަވްގާފާބެހޭ އިދާރާ ބުނާގޮތުން ފަލަސްތީނުގެ ލައްކައަކަށްވުރެ ގިނަމީހުން މިއަދުވަނީ މާތްވެގެންވާ މަސްޖިދުލް އަގްސާގެ ބިނާގެ ތެރޭގައާއި އެތަނުގެ ވަށައިގެންވާ ހަރަމްފުޅާއި ރިޙާބުގެ ތެރޭގައި އަޑުބާރުކޮށް ތަކްބީރުކިޔައި އަޟްހާ އީދު ނަމާދުކޮށްފައެވެ.

އިސްރާއީލުން ބާރުގެ ބޭނުންކޮށްގެން ފަލަސްތީނު މީހުން މަސްޖިދުލްއަގްސާއިން ނެރެނީ

ފަލަސްތީނުގެ ބިމަށް ގަދަބާރުން ވެރިވެގަނެގެންއުޅޭ ޔަހޫދީ ޒަޔަނިސްޓް ވަޒަންވެރިން އިއްޔެ މަސްޖިދުލްއަގްސާއަށް ވަދެގަނެ އެތަނުގައި ޔަހޫދީންގެ ދީނީ ކިޔެވެލިތައް ކަމަށްވާ ތަލްމޫދާއި ތަވްރާތު ކިޔަވާފައިވަނީ އިސްރާއީލުގެ އިސްތިއުމާރީ ސިފައިންގެ އެހީތެރިކަމާއި ހިމާޔަތުގައި ތިބެގެންނެވެ. ޔަހޫދީންގެ ޖެއްސުންކުރުމުގެ މިއަމަލުގެ ބޭނުމަކީ މަސްޖިދުލްއަގްސާއަކީ ޔަހޫދީން އަޅުކަންކުރާ ފައްޅިއެއްގެ ގޮތުގައި ދެއްކުންކަމަށް ފަލަސްތީނުން ބުނެއެވެ.

ޔަހޫދީ ވަޒަންވެރިން މަސްޖިދުލްއަގްސާއަށް ވެއްދުމަށް އިސްރާއީލުގެ އިސްތިއުމާރީ ސިފައިންވަނީ އެމިސްކިތުގައި އަޅުކަންކުރަން ތިބި ގިނަ އަދަދެއްގެ ފަލަސްތީނު މީހުންނާ ދެކޮޅަށް ރަބަރު އުންޑައާއި ކަރުނަ ގޭސް ބޭނުންކޮށްގެން ޙަމަލާދީ އެ މިސްކިތުން ފަލަސްތީނު މީހުން ގަދަކަމުން ބޭރުކޮށްލާފައެވެ. އެއަށްފަހު އިސްރާއީލުގެ އިސްތިއުމާރީ ސިފައިންގެ އެހީގައި އެމީހުންގެ ހިމާޔަތުގައި 300 އަށްވުރެ ގިނަ ޔަހޫދީން މަސްޖިދުލްއަލްއަގްސާއަށް ވަދެގަނެ އެތަނުގައި ޔަހޫދީންގެ ދީނީ ކިޔެވެލިތައް ކަމަށްވާ ތަލްމޫދާއި ތަވްރާތު ކިޔަވާފައިވެއެވެ.

ޔަހޫދީ ވަޒަންވެރިން ހައްޖު ދުވަހު މަސްޖިދުލްއަގްސާއަށް ވަދެގަންނަނީ

އިސްރާއީލުގެ ސަރުކާރުންނާއި ފަލަސްތީނުގެ ބިންތަކުގައި ގަދަބާރުން ވަޒަންވެރިވެގެންއުޅޭ ޒަޔަނިސްޓް ޔަހޫދީން ގެންދަނީ މަސްޖިދުލްއަގްސާ ހުރި ބިމަކީ ޔަހޫދީންގެ ގަދީމީ ފައްޅިއެއް ހުރިތަނެއްކަމަށްބުނެ އަސާސެއްނެތް ދައުވާތަކެއްކޮށް މަސްޖިދުލްއަގްސާއަކީ ޔަހޫދީންގެ ވެސް ހިއްސާ އޮންނަ ތަނެއްކަމަށް ބުނެ ބާރުގެ ބޭނުންކޮށްގެން ތަކުރާރުކޮށް އެތަނަށް ޔަހޫދީން ވައްދަމުންނެވެ.

ނަމަވެސް ބައިނަލްއަގްވާމީ ގާނޫނާއި އދ. ގެ ގަރާރުތަކުގައިވާގޮތުން މަސްޖިދުލްއަގްސާއަކީ 1967 ގެ ހަނގުރާމައިގާ އިސްރާއީލު ގަދަބާރުން ހިފައި ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ މިސްކިތެކެވެ. އަދި އެތަނުގައި އަޅުކަންކުރުމުގެ ފުރުސަތު ލިބެންޖެހޭނީ ހަމައެކަނި މުސްލިމުންނަށެވެ.

އިސްރާއީލާއި އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި ގަދަބާރުން ވަޒަންވެރި ކުރުވައިގެންއުޅޭ ޔަހޫދީންގެ މިއަމަލުތަކަކީ ޖަރީމާތަކެއްކަމަށް ފަލަސްތީނުގެ ސަރުކާރުން ސިފަކޮށްފައިވާއިރު ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުންވަނީ ފަލަސްތީނުގެ ރައްޔިތުން މަސްޖިދުލްއަގްސާއިން ނުނުކުމެތިބުމަށް ގޮވާލާފައެވެ. އަދި މިޖަރީމާއާ ގުޅިގެން އިސްރާއީލަށް ރައްދު ހަމަލާތައް ދޭނެކަމުގެ އިންޒާރު ދީފައެވެ.

މިދިޔަ ރޯދަމަހުގެ ފަހު ދިހާގައި ފަލަސްތީނު މީހުން މަސްޖިދުލްއަގްސާގައި އަޅުކަންކުރަމުން ގެންދަނިކޮށް އިސްރާއީލުގެ އިސްތިއުމާރީ ސިފައިންވަނީ މަސްޖިދުލްއަގްސާއަށް ޔަހޫދީންގެ ގިނަބަޔަކު ވައްދައި އެތަނުގައި އަޅުކަންކުރަން ތިބި ފަލަސްތީނު ރައްޔިތުންނަށް ބަޑިން ހަމަލާދީ އެމީހުން މަސްޖިދުލްއަގްސާއިން ނެރެލާފައެވެ.

މިޖަރީމާތަކާ ދެކޮޅަށް ތުރުކީއާއި އީރާން އަދި ޕާކިސްތާންފަދަ އިސްލާމީ މަދު ގައުމަކުން އަޑުއުފުލިނަމަވެސް ސައޫދީ އަރަބިއާއި މިސްރުފަދަ އަރަބި ގައުމުތަކުން އިސްރާއީލުގެ މިޖަރީމާތަކަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ. ނަމަވެސް އިސްރާއީލުގެ މިޖަރީމާތަކަށް ރައްދުދިނުމުގެ ގޮތުން ފަލަސްތީނުގެ ޙަމާސްޖަމާއަތުންވަނީ އިސްރާއީލަށާއި ފަލަސްތީނުގެ ބިމުގައި ފައިހަރުކޮށްލައިގެން އުޅޭ ޔަހޫދީން ވަޒަންވެރިންގެ އަވަށްތަކަށް ރޮކެޓުން ހަމަލާތައްދީ ފައެވެ.

މި ހަމަލާތަކާއެކު އިސްރާއީލުންވަނީ ޣައްޒާއާ ދެކޮޅަށް ވަރުގަދަ އުދުވާނެއް ހިންގައި ފަލަސްތީނުގެ 500 އަށްވުރެ ގިނަމީހުން ޝަހީދުކޮށް ދޮޅު ހާހަށްވުރެ ގިނަމީހުން ޒަޚަމްކޮށްލައި ޣައްޒާގެ އާންމުންގެ ގެދޮރާއި މަދަނީ އިންފްރާސްޓްރަކްޗާ ހަލާކުކޮށްލާފައެވެ.

ހަމާސްގެ ޙަމަލާތަކުގައިވެސް އިސްރާއީލުގެ ދިހަވަރަކަށް މީހުން މަރުވެ ސަތޭކައަށްވުރެ ގިނަމީހުން ޒަޚަމްވެ ދެބިލިޔަނަށްވުރެ ގިނަ ޑޮލަރުގެ ގެއްލުން އިސްރާއީލަށް ލިބިފައިވެއެވެ.

comment ކޮމެންޓް