ސީރިއާގެ ރެފިއުޖީ ކޭމްޕެއްގައި ތިބި ބެލްޖިއަމްގެ 10 ކުއްޖަކު ގައުމަށް ގެންގޮސްފި

އައިއެސްއާ ގުޅުމަށް ބެލްޖިއަމްއިން 400އަށް ވުރެ ގިނަ މީހުން ގޮސްފައިވާ ކަމަށް އެގައުމުން ބުނޭ -- ފޮޓޯ: އޭއެފްޕީ

ބްރަސެލްސް (ޖުލައި 17): ސީރިއާގެ ރެފިއުޖީ ކޭމްޕެއްގައި ތިބި ބެލްޖިއަމްގެ 10 ކުއްޖަކާއި ހަ އަންހެނަކު އެގައުމަށް ގެންގޮސްފިއެވެ.

ބެލްޖިއަމްއަށް ގެންގޮސްފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމައިގައި ބައިވެރިވާން ދިޔަ އެގައުމުގެ އާއިލާތަކަށް އުފަންވި ކުދިންތަކަކާއި އެކުދިންގެ މަންމައިންނެވެ. އެ އާއިލާތައް ތިބީ އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރި ކުރުދީންގެ ބާރުގެ ދަށުގައި އޮތް އަލް ރޯޖް ރެފިއުޖީ ކޭމްޕުގައެވެ. އަދި އެއީ 2019އިގެ ފަހުން އެހާ ގިނަ އަަދަދެއްގެ، އައިއެސްގެ މެމްބަރުން ކަމަށް ބެލެވޭ ބަޔަކު ސީރިއާއިން އަމިއްލަ ގައުމަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

ސީރިއާގެ ހަނގުރާމައިގައި ބައިވެރިވާން ދިޔަ މީހުންނަށް އަނބުރާ ގައުމަށް ދިޔުމުގެ ފުރުސަތު ދޭން ޔޫރަޕްގެ ގިނަ ސަރުކާރުތަކުން ވަނީ ދެކޮޅު ހަދާފައެވެ. ނަމަވެސް ބެލްޖިއަމް އިން ވަނީ ސީރިއާގައި ތިބި އެގައުމުގެ ކުޑަކުދިން ސަލާމަތް ކުރަން ބޭނުން ކަމަށް ބުނެފައެވެ.

އެ އާއިލާތައް އަނބުރާ ގެންދިޔުމަށް ފަހު ކުޑަކުދިންނާ ހަވާލު ވާނެ ބަޔަކު ދައުލަތުން ކަނޑައަޅާނެއެވެ. އަދި އެކުދިންގެ މަންމަމެން ހައްޔަރުކޮށް، ޓެރަރިޒަމާ ގުޅުން ހުރި ދައުވާތައް ކުރާނެއެވެ.

ސީރިއާގެ ހަނގުރާމަ 2011އިގައި ފެށުނު ފަހުން އައިއެސްއާ ގުޅުމަށް ބެލްޖިއަމްގެ 400އަށް ވުރެ ގިނަ މީހުން ގޮސްފައިވާ ކަމަށް އެގައުމުން ބުނެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ސީރިއާގެ ކޭމްޕުތަކުގައި އަންހެނުންނާއި ކުޑަކުދިން ބޭތިއްބުމުން ބަލިމަޑުކަމާއި ހައްދުފަހަނައަޅާފައިވާ ފިކުރު ފެތުރުމުގެ ބިރު އޮތް ކަމަށާއި ވީމާ ކޮންމެ ސަރުކާރަކުންވެސް އެގައުމެއްގެ އަންހެނުންނާއި ކުޑަކުދިން އަނބުރާ ގެންދިޔުމަށް ގޮވާލާފައެވެ.

comment ކޮމެންޓް