ދެކުނު އޭޝިއާ ޓޫރިސްޓުންނަށް މާލޭގެ ގެސްޓްހައުސްތަކުގައި ޓްރާންސިޓުކުރެވޭނެ: އެޗްޕީއޭ

ރާއްޖެ އައި ފަތުރުވެރިންތަކެއް ވީއައިއޭގައި -- ފޮޓޯ: ވީއައިއޭ

ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިން ޓްރާންސިޓްވުމަށް މާލޭގެ ގެސްޓްހައުސްތަކުގައި ތިބެވޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިހެން ބުނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ރިސޯޓުތަކަށް ޗުއްޓީއަށް އާދެވޭ ގޮތަށް ބޯޑަރުތައް ހުޅުވާލަން ތައްޔާރުވަމުން އަންނަ ދަނޑިވަޅުގައެވެ. ނަމަވެސް ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކަށް އައުމަށް ހުއްދަ ދެވޭނީ މި މަހުގެ ފަހުކޮޅުއެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކަށް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް މި މުއްދަތުގައި ޗެކްއިން ނުވެވޭނެ ކަމަށެވެ. އެހެން ނަމަވެސް ރިސޯޓުތަކަށް ޗުއްޓީއަށް އަންނަ ފަތުރުވެރިންނާއި ރާއްޖެއިން ފުރާ ފަތުރުވެރިންނަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ, މާލޭގައި ހުންނަ ގެސްޓްހައުސްތަކުގައި ޓްރާންސިޓު ކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެހެންކަމުން މާލޭގެ ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރުމުގެ ގޮތުން ތިބުމުގެ ފުރުސަތުވެސް މި މުއްދަތުގައި ނޯންނާނެކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކްއިންވެ, އެތަންތަނުގައި ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް އާދެވޭނީ މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ. ސަރަހައްދުގެ ގައުމުތަކުގެ ފަތުރުވެރިންނަށް ރާއްޖެ އާދެވޭނީ ނެގަޓިވް ޕީސީއާރު ޓެސްޓު ރިޒަލްޓަކާއެކުގައެވެ.

އެޗްޕީއޭއިން މިއަދު ބުނީ ގެސްޓްހައުސްތަކަށް ޗެކްއިން ކުރުމަށް ހުޅުވާލުމުގައި އަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅާ އުސޫލުތައް ޖުލައި 30 ގެ ކުރިން އާންމުކުރާނެ ކަމަށެވެ.

ދެކުނު އޭޝިއާ ގައުމުތަކުގެ ވޯކް ޕާމިޓް ހޯލްޑަރުންނާއި ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ އިންޑިއާއިން ފެނުނު ކޮވިޑް19 ގެ ޑެލްޓާ ވޭރިއަންޓު ދެކުނު އޭޝިއާގެ ގައުމުތަކުގައި ހަލުއިކަމާއެކު ފެތުރެން ފެށުމުން, މިދިޔަ މޭ މަހުގެ ތެރޭގައެވެ.

ނަމަވެސް ޖުލައި އެއްވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާ ސަރަހައްދުގެ ވޯކް ޕާމިޓް ހޯލްޑަރުންނަށް ރާއްޖެ އާދެވޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ. އަދި އެމީހުން ރާއްޖެ އައުމަށްފަހު 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރަން ޖެހޭނެއެވެ.

comment ކޮމެންޓް