އެއާޕޯޓު މުޒާހަރާއާ ގުޅިގެން މާފަށް އެދެން އަންގަން އެދި ދެވަނަ މައްސަލައެއް ހުށަހަޅައިފި

މާޗް 8، 2015: އޭރުގެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިޔަށް ދިޔަ މުޒާހަރާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި 2015 ވަނަ އަހަރު ކުރި މުޒާހަރާގެ ހުކުމަށްޓަކައި އޭރުގެ ދައުލަތުގެ އިސްވެރިންތަކެއް މައާފަށް އެދެން ޖެހޭނެކަމަށް ބުނެ އިތުރު މައްސަލައެއް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅައިފިއެވެ.

މި މައްސަލައަކީ އޭރުގެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ބައިނަލްއަގްވާމީ ޓާމިނަލްގެ ޑިޕާޗާ ހޯލް ކުރިމައްޗަށް ރައީސް ނަޝީދު މިނިވަންކުރަން ގޮވާލައި ޕޯސްޓަރުތަކާއެކު ސަޕޯޓަރުންތަކެއް އެއްވެ ކުރި މުޒާހަރާއާ ގުޅިގެން ކުރި ހުކުމާއި ގުޅޭ މައްސަލައެކެވެ. އެ މުޒާހަރާއާ ގުޅޭ މައްސަލައެއް މިދިޔަ މަސް ތެރޭވެސް ވަނީ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާފައެވެ.

މިއަދު އޮމްބަޑްސްޕާސަން އޮފީހަށް ހުށަހެޅި މައްސަލައަކީ އެއާޕޯޓުގައި މުޒާހަރާކުރިކަމަށް ބުނެ ހުކުމް ކޮށްފައިވާތީ އޭރުގެ ދައުލަތުގެ މަސްއޫލުވެރިން މާފަށް އެދެން ޖެހޭނެކަމަށް ބުނެ އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ނައިބު ރައީސް، ގ.އާކާޝްވިލާ އާމިނަތު ޒާހިރާ (ނަލަ ޒާހިރާ) ހުށަހެޅި މައްސަލައެކެވެ.

މިއަދު ހުށަހެޅި މައްސަލައިގައި ޒާހިރާ ވަނީ މުޒާހަރާކުރި މައްސަލާގައި ދައުވާ ކުރިކަމަށްޓަކައި އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން މައާފަށް އެދުމަށް އެންގުމަށް އެދިފައެވެ.

އަދި އޭރުގެ ރައީސް އޮފީހުގެ ލީގަލް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ރައީސް އޮފީހުގައި އިންނަވައިގެން މުޒާހަރާގެ މައްސަލައިގައި ހުކުމް ޑްރާފްޓްކޮށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާކަމަށް ބުނެ އެކަމަށްޓަކައި އާޒިމާވެސް މާފަށް އެދެން އެންގުމަށް އެދިފައެވެ.

އަދި ޕީޖީ އޮފީހުގެ ފަރާތުން އެ މައްސަލައިގައި ވަކާލާތު ކުރި އޭރުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ހައިލަމްވެސް މައާފަށް އެދުމަށް އެންގުމަށް ވަނީ އަންގާފައެވެ.

މީގެ ކުރިންވެސް އޮމްބާދްސްޕާސަންގެ އޮފީހަށް ވަނީ އެ މުޒާހަރާއާ ގުޅޭ މައްސަލައެއް ހުށަހަޅައިފައެވެ.

އެ މައްސަލަ ހުށަހަޅާފައިވަނީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި މާލޭ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުހައްމަދާއި، ޝަފިއްޔާ ޒުބައިރާއި، މަރިޔަމް ޒުބައިރު (މަންދީ) އާއި ވެމްކޯގެ މިހާރުގެ ޗެއާމަން މުހައްމަދު އިބްރާހިމް މަނިކެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

އޭރުގެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މުޒާހަރާކޮށްފައިވަނީ މާޗް 8، 2015 ވަނަ ދުވަހުއެވެ. މައްސަލައިގައި ހުކުމްކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ.

އެހެންނަމަވެސް އެ މައްސަލައިގައި އެއްވެސް ހުކުމެއް ތަންފީޒުކޮށްފައެއް ނުވެއެވެ.

އޮމްބަޑްސްޕާސަންގެ އޮފީހަށް މިދިޔަ މަހުގެ 27 ވަނަ ދުވަހު ހުށަހެޅި މައްސަލައާ ގުޅޭގޮތުން ކުރީގެ ޕީޖީ މުހުތާޒް މުހުސިން ވަނީ ފަރުދީގޮތުން އެކަމާ ގުޅޭގޮތުން ދަންނަވާނެ އެއްޗެއް ނެތް ކަމަށާއި އަދި އެއީ ފަރުދީގޮތުން ޒިންމާ ނަގަންޖެހޭނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މުހުތާޒް ވަނީ އެ މައްސަލަ އޮމްބަޑްސްޕާސަންގެ އޮފީހަށް ބެލޭނެ ޖާގައެއް އޮތިއްޔާ އެ މައްސަލަ ބަލަންވީކަމަށްވެސް ވިދާޅުވެފައެވެ. އަދި ޕީޖީގެ މަގާމުގައި ހުންނަވައިގެން އެއްވެސް މީހެއްގެ މައްޗަށް ޒާތީ ދައުވާއެއް ކޮށްފައި ނުވާނޭކަމަށް ބުނެފައެވެ.

comment ކޮމެންޓް