ކޮވިޑާ ކުރިމަތިލާ ވެމްކޯގެ ސްޕެޝަލް ޓާސްކްފޯސް!

މާލޭ ލޮކްޑައުންކޮށްފައި ވަނިކޮށް ވެމްކޯގެ ޕިކަޕްއެއް ޕާކްކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19ގެ ނުރައްކަލުގެ ހާލަތުގައިވެސް ވެމްކޯގެ ވެށިފާރަވެރިންނާއި ޑްރައިވަރުންނަކީ ރެއެއް ދުވާލެއް ނުބަލައި އެންމެ ބުރަކޮށް މަސައްކަތްކުރި އެއް ބައެވެ. ކޮވިޑުގެ ހާލަތާއެކު ވެމްކޯގެ މަސައްކަތްވެސް ދިޔައީ އިތުރަށް އުނދަގޫވެގެންނެވެ. އެ ހާލަތުގައި އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ މާޗް މަސް ތެރޭ ސީދާ ކޮވިޑަށް ހާއްސަ ސެޕްޝަލް ޓާސްކްފޯސްއެއް އުފައްދައި ކޮވިޑުގެ ހާލަތުގައިވެސް އެ ކުންފުނިން ދޭ ހިދުމަތަށް ބުރުއެއް އެރިޔަ ނުދީ ކުރިއަށްގެންގޮސްފައެވެ.

އެންމެ ދެ ޑްރައިވަރުންނާއި ހަ ވެށިފާރަވެރިންނާއެކު ފުރަތަމަ ފެށި އެ ޓާސްކްފޯސް މިހާރު ވަނީ އިތުރަށް ފުޅާވެ، މާލެ، ހުޅުމާލެ، ފުވައްމުލައް އަދި އައްޑޫ ސިޓީގައިވެސް ހަރަކާތްތެރިވަމުންނެވެ. އަމިއްލަ ނަފްސު ނުރައްކަލުގެ ތެރެއަށް ހުށަހަޅައިގެން ބަލިމަޑުކަމެއްގެ ތެރޭގައި މަސައްކަތްކުރާ މި ޓާސްކްފޯސްގެ މައިގަނޑު މަސައްކަތަކީ ކޮވިޑް-19 އަށް ޕޮޒިޓިވް ފަރާތްތައް ނުވަތަ ކަރަންޓީނުކޮށްފައިވާ ގެތަކުން ކުނި ނެގުމެވެ.

ޓާސްކްފޯސްއިން ހާއްސަ ސަމާލުކަމެއް ދޭ އެންމެ މުހިންމު އެއް ކަމަކީ ކުންފުނީގެ ދެން ތިބޭ ވެށިފާރަވެރިންނާއި ޑްރައިވަރުންނާވެސް ވަކިން މަސައްކަތުގެ މާހައުލުގައި އުޅުމެވެ. ސަބަބަކީ އެ މުއައްޒަފުންނަކީ ބަލިހުރެދާނޭފަދަ ކުނި ނެގުމުގެ ނުރައްކާތެރި މަސައްކަތް ކުރާ ބަޔަކަށް ވާތީއެވެ. މި މަސައްކަތުގައި އެ ޓާސްކްފޯސް އިން މަސައްކަތްކުރަނީ އެންމެ ފުރިހަމަ ރައްކާތެރިކަމުގެ އާލާތްތައް ބޭނުންކޮށްގެންނެވެ. އޭގެ ތެރޭގައި ހެޒްމެޓް ސޫޓު، ހެޑް ގިއާ، ފޭސް މާސްކް އަދި ފޭސް ޝީލްޑް ގެ އިތުރުން ގަން ބޫޓާއި މަސައްކަތަށް ހާއްސަ އަންގިވެސް ހިމެނެއެވެ.

ޓާސްކްފޯސްގެ މެންބަރުން މަސައްކަތްކުރަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދޭ ލިސްޓެއްގެ ދަށުންނެވެ. ކޮންމެ ދުވަހަކުވެސް ވެށިފާރަވެރިން ޑިއުޓީއަށް ނިކުންނަނީ އާ ހެދުމެއްގައެވެ. އަދި ޑިއުޓީ ނިމިގެން ޑިސްއިންފެކްޓްކޮށްގެން ގެޔަށް ދިޔުމަށްފަހު އެ ހެދުން އެހެން ހެދުންތަކާ ވަކިން ވީހާވެސް އަވަހަށް ދޮވުމަށް ވެމްކޯއިން ވަނީ ވެށިފާރަވެރިންނާއި ޑްރައިވަރުންނަށް އިރުޝާދު ދީފައެވެ.

ކޮންމެ ފަހަރަކުވެސް މަސައްކަތަށް ނިކުތުމުގެ ކުރިންނާއި ފަހުން އެކަމަށްޓަކައި ހާއްސަ ޑީކޮންޓެމިނޭޝަން ފެކަލްޓީއެއްގައި އެ ޓާސްކްފޯސްގެ މެންބަރުން ޑިސްއިންފެކްޓް ކުރާކަމަށް ވެމްކޯއިން ބުންޏެވެ. އަދި އެ މަސައްކަތަށް ބޭނުންކުރާ ވެހިކަލްތައްވެސް ބަރާބަރަށް ޑިސްއިންފެކްޓް ކުރެއެވެ. ރައްކާތެރި ހިދުމަތެއް ދިނުމުގެ ބޭނުމުގައެވެ. ޓާސްކްފޯސް އަދި ވެމްކޯގެ އޮޕަރޭޝަންސްތަކާ ގުޅޭގޮތުން ކަސްޓަމަރެއް ޝަކުވާ ނުވަތަ މައުލޫމާތު އޮޅުންފިލުވަން ބޭނުންވާނަމަ ގުޅާނެ ނަންބަރެއްގެ ގޮތުގައި 1666 ވެމްކޯއިން ވަނީ ހާއްސަކޮށްފައެވެ.

comment ކޮމެންޓް