ރިލްވާން ކާރަށް އަރުވައިގެން ގެންދާ މަންޒަރުގެ ރީއެނެކްޓްމެންޓް ވީޑިއޯއެއް އާންމުކޮށްފި

ރިލްވާނަށް އިންސާފު ހޯދުމަށް އެދި ބޭއްވި ހިނގާލުމެއްގެ ތެރެއިން

ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެ މައްސަލައިގައި ގެއްލުވާލާފައިވާ މީހުންނާއި މަރުތަކާ ބެހޭ ކޮމިޝަނުން ރީނެކްޓްމެންޓް ވީޑިއޯއެއް އާންމުކޮށްފިއެވެ.

ރިލްވާން ގެއްލުވާލީ 2014 ވަނަ އަހަރުގެ އޮގަސްޓް އަށްވަނަ ދުވަހުގަ އެވެ. އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭ ފެރީ ޓާމިނަލުގައި ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލައިގެން، ދަބަހެއް އަޅުވައިގެން ހުއްޓަ އެވެ.

ރިޔާސީ ކޮމިޝަނުން މިއަދު އާންމުކުރި ވީޑިއޯއިން ވަނީ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބިނާކޮށް ރިލްވާން ފެރީއިން ފޭބުމަށްފަހު ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓަށް ދަނިކޮށް ކަން ހިނގާފައިވާ ގޮތް ކަމަށް ބެލެވޭ ގޮތުގެ މަންޒަރުތަކެެވެ.

އެ ވީޑިއޯއިން ފެނިގެންދަނީ ބަޔަކު މީހުން ރާވައިގެން ރިލްވާން އަށް ބިރުދައްކައިގެން ރަހީނުކޮށްގެން ރަތްކުލައިގެ ކާރަކަށް އަރުވައިގެން ގެންދާ މަންޒަރެވެ.

ރިލްވާން އެރޭގެ 1:30 ހާއިރު ހުޅުމާލޭ ފެރީ ޓާމިނަލުން ފޭބުމަށްފަހު އޭނާ ދިރިއުޅޭ އެޕާޓްމަންޓު ހުންނަ 21 ނަންބަރު ފްލެޓަށް ދިއުމަށް ހިނގައިގަނެއެވެ. އޭނާއަށް އެޕާޓްމަންޓަށް ދެވޭނެކަމަށް ކޮމިޝަނުން ލަފާކޮށްފައިވަނީ އެރޭގެ ގަޑިން 1:45 ހާއިރުއެވެ.

ވީޑިއޯއިން ފެންނަ ގޮތުން ރިލްވާންއަށް އެހިސާބަށް ދެވުނު އިރު އޭނާ ދިރިއުޅޭ އެޕާޓްމަންޓު ކައިރީ ރަތްކުލައިގެ ކާރެއް މަޑުކޮށްފަ އޮވެއެވެ. އަދި ރިލްވާން އެ ހިސާބަށް އަރާ ހަމަވުމާއެކު އޭނާ ކާރުގެ ތެރެއަށް ގަދަކަމުން ވައްދައި، ރިިލްވާން ގޮވައިގެން ކާރު އެތަނުން ނައްޓާލައެވެ. ގަދަކަމުން ރިލްވާން ކާރަށް އަރުވަން އުޅުމުގެ ތެރޭގައި އެ އަމަލު ހިންގި މީހުންގެ އަތުން އެ ސަރަހައްދަށް ވަޅިއެއް ވެއްޓިފައިވާ ކަމަށާއި، އެ ވަޅިއާ ބެހޭ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ކޮމިޝަނުން ބުނެއެވެ.

ރިލްވާންގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރީއެނެކްޓްމެންޓް ވީޑިއޯއެއް އާންމުކޮށް އެ ކޮމިޝަނުން ބުނެފައިވަނީ 7 އޮގަސްޓު 2014 ވީ ބުރާސްފަތި ދުވަހުގެ ރޭ ރިލްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔަ ހާދިސާއާ ގުޅޭ މައުލޫމާތު އެނގޭނެ ބައެއް ފަރާތްތައް އަދިވެސް އާންމުންގެ ތެރޭގައި ތިބެދާނެކަމަށް ކޮމިޝަނުން ގަބޫލުކުރާ ކަމަށެެވެ.

ރިލްވާންގެ މައްސަލައާ ގުޅިގެން ޝަރީއަތައް ސާބިތުކުރެވޭ ވަރުގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ފަސް ލައްކަ ރުފިޔާ ދިނުމަށް ކޮމިޝަނުން ވަނީ ހުށަހަޅާފައެވެ.

ރިލްވާންގެ މައްސަލައާ ގުޅިގެން އެފަދަ މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ ލަސްނުކޮށް 7233762 ނަންބަރަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ކޮމިޝަނުން ވަނީ އެދިފައެވެ.

ރިލްވާންގެ މަރަށް އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.

މަރު ކޮމިޝަނުން މީގެ ކުރިން އެކުލަވާލި ރިޕޯޓުގައިވަނީ ރިލްވާނު ހުޅުމާލެއަށް ދިޔަ ފަހުން ކާރަކަށް އަރުވައިގެން ރަހީނު ކުރުމަށްފަހު ޑިންގީއަކަށް އަރުވައިގެން އއ. އުކުޅަހު ދޯންނަކަށް ގެންގޮސް މަރާލާފައި ކަނޑުފެއްތީ ކަމަށެވެ.

ރިލްވާންގެ މައްސަލައިގެ ތަހުގީގު ނިމި، މި އަހަރުގެ ނިޔަލަށް ފުރިހަމަ ރިޕޯޓެއް ލިބޭނެ ކަމަށް މަރު ކޮމިޝަނުން ބުނެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ މާޗު މަހު ވިދާޅުވެފައެވެ.

comment ކޮމެންޓް