ރެސްޓޯރެންޓް އެސޯސިއޭޝަނުން ހައްގުހޯދަން އަޑުއުފުލަނީ

ރޭމް އިން މީގެ ކުރިން ދަރުބާރުގޭ ކައިރީ ކުރިއަށްގެންދިޔަ އިހުތިޖާޖު -- ސަން ފައިލް ފޮޓޯ

ރެސްޓޯރެންޓުތަކުގެ ޖަމްއިއްޔާ، ރެސްޓޯރެންޓް އެެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން އިންތިޒާމުކޮށްގެން މާލޭގައި ސުލްހަވެރި އިހުތިޖާޖެއް ކުރަން ނިންމައިފި އެވެ.

އެ ޖަމްއިއްޔާ އިން ބުނީ "ކާންދޭ އަތުގައި ދަތް ނާޅާ"ގެ ނަމުގައި މާދަމާ (28 ޖޫން) ކާނިވާ ސަރަހައްދުގައި ބާއްވާ ހަރަކާތުގައި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވުމަށް ދައުވަތުދޭ ކަމަށެވެ.

މި ސުލްހަވެރި އަޑުއުފުލުން ބާއްވަނީ ރެސްޓޯރެންޓު ހިންގުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ ކަންބޮޑުވުމާއި އާދޭސްތައް ސަރުކާރުގެ ހުރިހާ މުވައްސަސާތަކެއްގައި ދަންނަވައިގެން ވެސް އެ ކަންބޮޑުވުންތަކަށް އެކަށީގެންވާ އެހީތެރިކަމާ އިޖާބައެއް ދީފައި ނުވާތީ ކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ.

ކޮވިޑް19 ފެތުރޭތީ، ބަލި ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ކެފޭ ރެސްޓޯރެންޓުތަކުގައި ޑައިން އިންގެ ހިދުމަތް ދިނުން މަނާކުުރުން ހިމެނެ އެވެ.

މިދިޔަ މެއި މަހުގެ ފަހުކޮޅުން ފެށިގެން އަޅާފައިވާ އެ ފިޔަވަޅުގެ ސަބަބުން ކެފޭ ރެސްޓޯރެންޓުތަކަށް މާލީ ބޮޑެތި ގެއްލުންތައް ދަނީ ވަމުންނެވެ.

ރެސްޓޯރެންޓުތައް ހިންގާ ފަރާތްތަކުން ވަނީ އެމީހުންގެ ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ހިއްސާކޮށްފަ އެވެ.

މިވަގުތު އަޅާފައިވާ ފިޔަވަޅުތަކާއެކު ކެފޭ ރެސްޓޯރެންޓުތަކުން ހަމައެކަނި ފޯރުކޮށްދެވެނީ ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތެވެ. ހެނދުނު އަށަކުން ހަވީރު ހަޔަކަށް ޓޭކްއަވޭގެ ހިދުމަތް ދެވޭއިރު ހަޔަކުން ފެށިގެން ރޭގަނޑު 12 އަށް ދެވެނީ ހަމައެކަނި ޑެލިވަރީގެ ހިދުމަތެވެ.

މީގެ ކުރިންވެސް ކޮވިޑް19 ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ކެފޭ ރެސްޓޯރެންޓުތަކުގައި ޑައިން އިން މަނާކުރުން ހިމެނެ އެވެ. އެފަހަރު ވެސް ކެފޭ، ރެސްޓޯރެންޓު ހިންގާ ބައެއް ފަރާތްތަކުން ވަނީ ދަރުބާރުގެ ކައިރިއަށް އެއްވެ އިހުތިޖާޖު ކޮށްފަ އެވެ.

comment ކޮމެންޓް