އައްޑޫގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދީފި

އައްޑޫ ސިޓީ ހިތަދޫ މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާ ގުޅިގެން އައްޑޫ ސިޓީގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދީފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫ ސިޓީގެ ހިތަދޫ ފިޔަވައި، އެހެނިހެން ރަށްރަށުގައި (މަރަދޫ، މަރަދޫފޭދޫ، ފޭދޫ)ގައި މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އަންގާފައިވާ އެންގުން މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

އެހެން ނަމަވަސް މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި އަޅާފައިވާ ބައެއް ފިޔަވަޅުތައް އަދިވެސް ދެމި އޮންނާނެ އެވެ.

ކައުންސިލުން ބުނީ ޖަމާއަތުގައި ނަމާދުކުރުން ނުހިމެނޭގޮތަށް މިސްކިތްތަކުގައި ނަމާދުކުރުމަށް މިހާރު ހުއްދަދީފައިވާ ކަމަށެވެ. ޖަމާއަތުގައި ނަމާދު ނުކުރެވުނު ނަމަވެސް، މިސްކިތްތަކުގައި ނަމާދު ކުރުމާއި، ފާހާނާކުރުމާއި، ވުޟޫ ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.

ޒަރޫރީ ބޭނުންތަކަށް ފިޔަވައި އިތުރު ކަމެއްގައި ގެއިން ބޭރަށް ނުދިއުމަށް އަންގާފައި ވާއިރު، ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން އަދިވެސް މަނާވާނެ އެވެ.

އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން މަނާކޮށްފައިވާއިރު، ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް ވެސް މަނާވާނެ އެވެ

މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ އިތުރު ފިޔަވަޅުތައް:

  • ހުއްދަ ދޫކޮށްފައިވާ ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަނުން ހިދުމަތް ދެވޭނީ ހެނދުނު 08:00 އިން ހަވީރު 04:00 އަށް
  • ފިހާރަތައް ހުޅުވައިގެން ހިދުމަތް ދެވޭނީ ހެނދުނު 06:00 އިން ރޭގަނޑު 06:00 އަށް. ރޭގަނޑު 10:00 އަށް ޑެލިވަރީ ކުރެވޭނެ
  • ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކުން ދެވޭނީ ހަމައެކަނި ޑެލިވަރީގެ ހިދުމަތް
  • ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން މަނާވާނެ

ހިތަދޫގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ. އެގޮތުން ހައުސް ހޯލްޑް ޕާމިޓަކާ ނުލައި ކާފިއު ނޫން ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުތުމަށް ހުއްދަ މިހާރު ވަނީ ދީފަ އެވެ. ކާފިއު ދެން ހިންގާނީ ހަވީރު 04:00 އިން ފަތިހު 04:00 އަށެވެ.

ހިތަދޫގެ ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ފިހާރަތަކާއި، ކާބޯތަކެތީގެ ހިދުމަތްދޭ އެހެނިހެން ތަންތަނުން ރޭގަނޑު 10:00 އާ ހަމައަށް ޑެލިވަރީގެ ހިދުމަތްދެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

އޭގެ އިތުރުން ހަވީރު 04:00 ގެ ނިޔަލަށް ފިހާރަތައް ހުޅުވައިގެން ހިދުމަތްދިނުމަށް ހުއްދަ ވަނީ ހުއްދަ ދީފަ އެވެ. ނަމަވެސް މިސްކިތްތަކުގައި ނަމާދުކުރުމުގެ ހުއްދަ ދީފައެއް ނުވެ އެވެ.

އައްޑޫގައި ކޮވިޑްގެ ހާލަތު ގޯސްވާން ފެށުމުން ފިޔަވަޅުތައް ވަރުގަދަ ކުރި އެވެ. ނަމަވެސް މިހާރު އައްޑޫ އިން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ދަށްވާން ފަށައިފަ އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، އިއްޔެ އައްޑޫ އިން ކޮވިޑަށް ޕޮޒިޓިވްވީ އެންމެ މީހެކެވެ.

އައްޑޫ އިން މިހާތަނަށް ކޮވިޑް ޖެހުނު 451 މީހުންގެ ތެރެއިން 317 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. މިވަގުތު ބަލި ޖެހިފައި ތިބީ 132 މީހަކަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެނީ އެންމެ މީހަކަށެވެ.

އައްޑޫގެ އެކްޓިވް ކޭސްތަކުގެ ތެރެއިން 128 މީހުން ތިބީ ހިތަދޫގަ އެވެ. އަނެއް ހަތަރު މީހުން ތިބީ މަރަދޫގަ އެވެ. އައްޑޫ ސިޓީގެ އެހެން އަވަށެއްގައި މިވަގުތު ކޮވިޑްގެ އެއްވެސް ކޭހެއް ނެތެވެ.

comment ކޮމެންޓް