މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 އިން މަރާލާފައި ފޮއްޓަކަށްލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު އެ ސަރަހައްދަށް ގެންދިޔުމަށް ބޭނުންކުރި ކާރު ފުލުހުން މިއަދު ބަލައި ފާސްކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އެ މައްސަލައާ ގުޅިގެން އެ ކުއްޖާގެ ހަށިގަނޑު އެ ސަރަހައްދަށް ގެންދިޔުމަށް ބޭނުންކުރި ކާރު ބަލައި ފާސްކުރިކަން 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ.
އިތުރަށް ފުލުހުން ބުނި ގޮތުގައި އެ ކާރަކީ ޓެކްސީ އެކެވެ. އަދި ތަހުގީގު ކުރިޔަށް ދާތީވެ އެ ކާރު ބަލައި ފާސްކުރުމާއި ގުޅިގެން އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.
ކާރުގެ ތެރެއިން އިތުރު ހެއްކެއް ފެނުނުކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ކާރުގެ ވެރިފަރާތާއި މައްސަލައާ ގުޅުމެއް އޮތްކަމަށްވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.
އުމުރުން 13 އަހަރުގެ ކުއްޖާ މަރާލާފައި އޮއްވާ ފެނުނީ އެ ކުއްޖާ ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓް މިދިޔަ އާދީއްތަ ދުވަހު ލިބި، އެ ކުއްޖާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ.
އެ މައްސަލައާ ގުޅިގެން 27 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ކުއްޖަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ މާލޭގެ ގެސްޓްހައުސްއެއްގެ ތެރެއިންނެވެ.
މަރުވި ކުޑަ ކުއްޖާގެ ޕޯސްޓްމޯޓަމްއެއް ހަދާނެކަން ފުލުހުން ވަނީ މީގެ ކުރިން ހާމަކޮށްފަ އެވެ.