އެކަށީގެންވާ ވަގުތުގައި އެޓެންޑުވި ނަމަ މިޝްކާ ސަލާމަތް ކުރެވުނީސް: ރިޕޯޓު

އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދަށް އެޓެންޑުވާން ޖެހޭ ފަރާތްތަކުން، ފަރުވާތެރިކަމާއެކު، އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑުވި ނަމަ، އެކުއްޖާ ސަލާމަތް ކުރެވުނީސް ކަމަށް، އެ ހާދިސާގައި ހެލްތު މިނިސްޓްރިީން އެކުލަވާލި ކޭސް ރިޕޯޓުގައި ބުނެފި އެވެ.

ކޮވިޑް19ގައި ހާލު ސީރިއަސްވެ، މިޝްކާ މަރުވީ އެކުއްޖާއަށް ދޭންޖެހޭ އަވަސް ފަރުވާ ނުދެވިގެންކަން، ހާދިސާގެ ރިވިއު އިން ވަނީ ހާމަވެފަ އެވެ.

ރިވިއުގައި ބުނެފައި ވަނީ މިޝްކާގެ ކޭސް އަކީ އިމަޖެންސީއެއްގެ ގޮތުގައި ރިޕޯޓުކުރެވުނު ހިސާބުން ފެށިގެން އެމްބިއުލާންސް އެކްޓިވޭޓް ނުކުރެވި ދެ ގަޑިއިރާއި 26 މިނެޓު ހޭދަވެފައިވާ ކަމަށެވެ.

އެ ރިވިއު އަށް ބިނާކޮށް، ހެލްތު މިނިސްޓްރީން ތައްޔާރުކުރި ކޭސް ރިޕޯޓު މިހާރު ވަނީ އާންމުކޮށްފަ އެވެ. އެ ރިޕޯޓު އެކުލަވާލުމަށް ހާދިސާއާ ގުޅުންހުރި ފަރާތްތަކާއި، އެޗްއީއޯސީގެ ކްލަސްޓާތަކާއި ހަވާލުވެ ތިބި ފަރާތްތަކައި އަދި މިޝްކާގެ ބެލެނިވެރިންނާ ވެސް ވަނީ އިންޓަވިއުކޮށްފަ އެވެ. އެގޮތުން 28 ފަރާތަކާ އިންޓަވިއުކޮށް ގިނަ ލިޔެކިޔުންތަކެއް ބަލައި ދިރާސާކޮށްފައިވާނެ ކަމަށް ހެލްތުން ބުންޏެވެ.

ހެލްތުން ބުނީ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް ސިސްޓަމަށް ގެންނަންޖެހޭ ބަދަލުތަކަކީ ބަލާފައިވާނެ ކަމަށެވެ.

ކޭސް ރިވިއުއާ އެއްގޮތަށް، ކޭސް ރިޕޯޓުގައި ވެސް ފާހަގަކޮށްފައި ވަނީ މިޝްކާގެ ކޭސް އަކީ އެމަޖެންސީ ހާލަތެއް ކަމަށް ކޯލް ސެންޓަޜރަށާއި މެޑިކަލް ރެސްޕޯންސް ޓީމު (ޑީއެމްއާރްޓީ) އަށް ވެސް ބެލިފައި ނެތް ކަމަށެވެ. އެހެންކަމުން އެކުއްޖާގެ ފަރުވާއަށް ދިއުމާއި، ފަރުވާ ފޯރުކޮށްދިނުމުގައި އެކަށީގެންވާ ލަސްތަކެއް ވެފައިވާ ކަމަށެވެ.

ކޭސް ރިޕޯޓުގައި ބުނެފައި ވަނީ އެ ކޭސް އަކީ އެމަޖެންސީ ކޭސް އެއް ކަމަށް ޑީއެމްއާރްޓީގެ ޑޮކްޓަރަށް ދެނެނެގަނެވިފައި ނުވާތީ އެމްބިއުލާންސް ޓްރިގާ ކުރުމަށް މަސައްކަތްކޮށްފައި ނުވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި އިތުރު ކޮންސަލްޓޭޝަނަކަށް ކްލިނިކަލް މެޑިކަލް ރެސްޕޯންސް ޓީމް (ސީމެޓް) އަށް މެސެޖު ފޮނުވާފައިވާ ކަމަށެވެ.

ރިޕޯޓުގައި ބުނެފައި ވަނީ ސިއްހީ ހިދުމަތް ދޭ ފަރާތެއްގެ ހައިސިއްޔަތުން ސިއްހީ ހިދުމަތް ބޭނުންވާ ފަރާތަކަށް އެހިދުމަތް ފޯރުކޮށްދިނުމުގެ ޒިންމާ ޑީއެމްއާރްޓީގެ ޑޮކްޓަރު އަދާކޮށްފައި ނުވާކަމަށެވެ.

އެ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ ކޭސް ރިވިއުގައި ވެސް ހިމަނާފައިވާ ވާހަކަތަކެވެ.

ރިޕޯޓުގައި ބުނެފައި ވަނީ ހާދިސާގައި ކަން ގިނގާފައިވާ ގޮތަށް ބަލާއިރު، އެންމެ ބޮޑަށް ފާހަގަކުރެވެނީ މިޝްކާއަށް އެޗްއީއޯސީ އިން ދޭންޖެހޭ ފަރުވާ ދިނުމުގެ ހުރިހާ މަރުހަލާއެއްގައި އެކަށީގެންވާ ނުވާވަރުގެ ލަސްތަކެއް ވެފައިވާ ކަމަށެވެ.

އަދި ޑީއެމްއާރްޓީގެ ޑޮކްޓަރު އެންމެ ރަނގަޅަށް ޒިންމާ އަދާކޮށްފައި ނުވާކަމަށާއި، ކުއްޖާގެ ބެލެނިވެރިޔާއާ ކުރެވުނު މުއާމަލާތުގެ އަލީގައި، އެކުއްޖާ ބަލާ ދާނެކަމަށް ގަބޫލުކުރެވިފައިވާކަން ކޯލް ލޮގުތަކުން ދޭހަވާ ކަމަށެވެ.

ނަމަވެސް ދެ ގަޑިއިރަށް ވުރެ ގިނަ އިރުވެގެން ދިޔައިރުވެސް އެމްބިއުލާންސް ޓްރިގާ ކޮށްފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ.

"މި ހާދިސާގައި އެޓެންޑް ވާންޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑްވެފައިވާނަމަ މި ހާދިސާ ހިނގުމަކީ ނާދިރު ކަމެކެވެ." ރިޕޯޓުގައިވެ އެވެ.

ހެލްތުން ބުނީ މި ހާދިސާ ދިމާވާން މެދުވެރިވި ކަންކަމަކީ ފެށުނީއްސުރެ ސިސްޓަމްގައި ހުރި މައްސަލަތައް ކަމަށެވެ. ނަމަވެސް މީގެކުރިން ކޮވިޑްގެ ނަންބަރުތައް ހިފެހެއްޓިފައި ހުރި މިންވަރުގެ ސަބަބުން އެ މައްސަލަތައް ފެންމަތި ނުވީ ކަމަށެވެ.

"ސިސްޓަމްގައި އެކުލެވިގެންވާ އެކިއެކި ބައިތަކާއި މަރުހަލާތަކުގައި ހުރި މައްސަލަތައް ވަކިން ހާއްސަގޮތެއްގައި އާދަޔާ ހިލާފަށް ކޭސްތައް އިތުރުވެގެން އަންނައިރު ދިމާވާ ނިޒާމީ މައްސަލަތައް މިހާރު ވަނީ ދެނެގަނެވި އެކަންކަން ރަނގަޅު ކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައެވެ."

ހެލްތުން ބުނީ ރިވިއު އިން ލިބުނު މައުލޫމާތަށް ބަލައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިޝްކާ މަރުވި ހާދިސާއަށް ފަހު، އެމްޖެންސީ މެޑިކަލް ސާވިސަސް ވަނީ ވަކި ހިދުމަތްކަށް ބަދަލުކޮށްފަ އެވެ. މިހާރު ކޮވިޑް19 އާ ގުޅޭ އެމަޖެންސީތަކުގައި ގުޅާނީ 100 އަށެވެ.

comment ކޮމެންޓް