މަސްތުގެ ހާލަތުގައި މިސްކިތެއްގައި ހުރި މީހަކު ހައްޔަރުކޮށްފި

ވިޔަފާރިވެރިންގެ މިސްކިތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ މިސްކިތަކުން ރޭ ދަންވަރު މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކޮށް, އެތަނުގައި އެމީހުން ނިދާ ހަދާ މައްސަލަ މިހާރު ވަނީ އާންމުކަމަކަށްވެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ, ރޭ 1:35 ހާއިރު މާލެ, ވިޔަވަފާރިވެރިންގެ މިސްކިތުގައި މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި އުމުރުން 34 އަހަރުގެ މީހެކެވެ. އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރުމުންނެވެ.

މިސްކިތް ތެރޭ މީހުން މަސްތުވާތަކެތި ބޭނުންކޮށް, އެތަނުގައި މަސްތުގެ ހާލަތުގައި ނިދާ މައްސަލައިގައި މިފަހުން ބައެއް އާންމު ވަނީ މިސްކިތްތަކަށް އަރާ އެމީހުން އެތަނުން ބޭރުކޮށް, ފުލުހުންނާވެސް ހަވާލުކޮށްފައެވެ. ވިޔަފާރިވެރިންގެ މިސްކިތަކީ މަސްތުވާތަކެތި ބޭނުންކުރަން މީހުން އެންމެ ގިނައިން ވަންނަ އެއް މިސްކިތެވެ.

comment ކޮމެންޓް