މާލެ-ހުޅުމާލެ ބަހުގެ ހިދުމަތް އެމްޓީސީސީ އަށް ބަދަލުކުރަން ފަހުގެ މަސައްކަތް ކުރަނީ

ހުޅުމާލެ - މާލެ ބަސް ދަތުރުގައި ބޭނުންކުރާ ބަހެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ އާއި ހުޅުމާލެ އާއި ދެމެދު މިހާރު ދެމުންދާ ބަހުގެ ހިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެގްރިމެންޓު ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

މާލެެ-ހުޅުމާލެ މަހުގެ ހިދުމަތް މިހާރު ދެނީ އެމްޕީއެލްގެ ދަށުން ހިންގާ ގްރޭޓާ މާލެ ޓްރާންސްޕޯޓު ލިންކުންނެވެ. ސިނަމާލެެ ބްރިޖު ހުޅުވައި ދެ އަވަށް ދޭތެރޭ ބަހުގެ ހިދުމަތް ދިނުމަށް ކުރީ ސަރުކާރުގައި އެމްޕީއެލް އިންވަނީ 100 މިލިއަން ރުފިޔާ އިންވެސްޓު ކޮށްފަ އެވެ.

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް އެމްޓީސީސީ އަކީ ދަތުރުފަތުރުގެ ހިދުމަތަށް ހާއްސަ ކުންފުންޏަކަށް ވުމުން އެ ހިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލު ކުރަން މި ސަރުކާރުން ވަނީ ނިންމައިފަ އެވެ. ސަރުކާރު ވެރިކަމަށް އައުމަށްފަހު ހިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ގިނަ މަޝްވަރާތަކެއް ކޮށްފައި ވެއެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެމްޓީސީސީ އާއެކު ޓްރާންސްފާ އެގްރިމެންޓު ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

"މި މަސް ނިމޭއިރު އެގްރިމެންޓުގައި ސޮއިކުރެވޭގޮތަށް މަސައްކަތް މި ކުރަނީ،" ޝާހިދު ވިދާޅުވި އެވެ.

ސިނަމާލެ ބުރިޖުގައި އެމްޕީއެލްގެ ބަހުގެ ހިދުމަތް ކުރިއަށް ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ އެގްރިމެންޓުގައި ސޮއިކުރާ ހިސާބުން ދެ މަސްވަންދެން ބަހުގެ ހިދުމަތްދޭނީ އެމްޕީއެލް އާއި އެމްޓީސީސީ ގުޅިގެން ކަމަށެވެ. އަދި އެ ހިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލުކުރާނީ ދެ މަހަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ އެތެރޭގެ ބަސް ދަތުރުތަކާއި ހުޅުމާލެ އާއި ހުޅުލެ އާއި ދެމެދު ކުރާ ބަސް ދަތުރުގެ ހިދުމަތް ދެނީ އެމްޓީސީސީ އިންނެވެ. އެމްޕީއެލްގެ ގްރޭޓާ މާލެ ޓްރާންސްޕޯޓު ލިންކުން މާލެ ހުޅުމާލެ އަދި މާލެ ހުޅުލެ ބަސް ދަތުރުތައް ކުރާއިރު ދަތުރުގެ އަގަކީ 10 ރުފިޔާ އެވެ.

comment ކޮމެންޓް