އިސްރާއީލް ސިފައިން ފަލަސްތީނުގެ ކުއްޖެއްގެ ގަޔަށް ބަޑި ޖަހާ މަރާލައިފި

އިސްރާއިލުން ފަލަސްތީނުގެ ބިންތަކުގައި ގަވާއިދާ ހިލާފަށް ޔަހޫދީން ވަޒަންވެރި ކުރުމާ ދެކޮޅަށް ހުޅަނގު އައްސޭރީގައި ބޭއްވި މުޒާހަރާއެއް -- ފޮޓޯ: ރޮއިޓާސް

ގުދުސް (ޖޫން 12): އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ 15 އަހަރުގެ ފިރިހެން ކުއްޖެއްގެ ގަޔަށް ބަޑި ޖަހާ މަރާލައިފި ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި އިސްރާއީލްގެ ސިފައިން މުހައްމަދު ސައިދު ހަމަޔެލް މަރާލީ ހުޅަނގު އައްސޭރީގެ ބައިތާގައި އޮތް މުޒާހަރާއެއްގަ އެވެ. އެއީ އެ ސަރަހައްދުގައި ޔަހޫދީން ވަޒަންވެރި ކުރުން އިތުރު ކުރުމާ ދެކޮޅަށް ބޭއްވި މުޒާހަރާއެކެވެ.

ފަލަސްތީނުގެ ވަފާ ނިއުސް އޭޖެންސީން ބުނި ގޮތުގައި އެ މުޒާހަރާ ތެރެއަށް އިސްރާއީލްގެ ސިފައިން ބަޑި ޖަހާ، ކަރުނަ ގޭހާއި ރަބަރު އުންޑަވެސް ޖެހި އެވެ. އަދި އެ ހަމަލާތަކުގައި ހަ މީހަކަށް އަނިޔާވި ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުންޏެވެ.

އެ ހާދިސާއާ ބެހޭ ގޮތުން އިސްރާއިލްގެ އަސްކަރިއްޔާއިން ބުނީ ހުޅަނގު އައްސޭރީގައި ބަޔަކު ހަމަނުޖެހުން ހިންގާ، ޓަޔަރުތަކުގައި ރޯކޮށް، ގަލާއި ބަޑިބޭސް އުކާ ހެދި ކަމަށެވެ. އަދި ސިފައިންގެ ފުރާނައަށް ނުރައްކާވުމުން ހަމަނުޖެހުން ހުއްޓުވަން ބަޑި ޖެހީ ކަމަށެވެ.

ހަމަޔެލްއަކީ އިސްރާއީލްގެ ސިފައިން ދިން ހަމަލާތަކުގައި މިއަހަރު މަރާލި ފަލަސްތީނުގެ އަށްވަނަ ކުއްޖާ އެވެ. އަދި ބައިތާގައި މަރާލި ދެވަނަ ކުއްޖާ އެވެ.

ޔަހޫދީ ވަޒަންވެރިން ދަނީ ބައިތާގައި އެމީހުން ދިރިއުޅޭ ސަރަހައްދުތައް އިތުރު ކުރަން މަސައްކަތް ކުރަމުންނެވެ. އޭގެ ސަބަބުން 100އަށް ވުރެ ގިނަ މީހުން ހިމެނޭ ފަލަސްތީނުގެ 17 އާއިލާއެއްގެ ޒައިތޫނި ދަނޑުތައް ގެއްލުމުގެ ބިރު ވަނީ ހީވެފަ އެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތައް އަތުލާ، ގެތައް ހަލާކުކޮށް، ޔަހޫދީން ވަޒަންވެރި ކުރުމާ ދެކޮޅަށް ހުޅަނގު އައްސޭރީގައި އާއްމުކޮށް ހުކުރު ދުވަސްތަކުގައި މުޒާހަރާ ކުރެ އެވެ. އަދި އެފަދަ މުޒާހަރާތައް ރޫޅާލުމަށް އިސްރާއީލު ސިފައިން އާއްމުކޮށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރެ އެވެ.

ދެ މިލިއަނަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ހުޅަނގު އައްސޭރީގައި މިހާރު އިސްރާއީލުން ވަޒަންވެރިކޮށްފައިވާ 475،000 މީހުން ދިރިއުޅެ އެވެ.

comment ކޮމެންޓް