ރެސްޕޮންސް ނިޒާމް ހަރުދަނާކޮށް، ކޮވިޑަށް ހާއްސަ އެމްބިއުލާންސް ހިދުމަތެއް ގާއިމް ކުރަނީ

އެމްބިއުލާސް: ކޮވިޑް ރެސްޕޮންސް ނިޒާމް މިހާރު ހަރުދަނާކޮށްފައިވާ ކަމަށް ސަރުކާރުން ބުނޭ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މާލެ ސީޓީ ކޮވިޑްގެ ރެސްޕޮންސް ނިޒާމް މިހާރު ހަރުދަނާކޮށް, އެމްބިއުލާންސަށް ހާއްސަ މެޑިކަލް އެމަޖެންސީ ހިދުމަތެއް ވަރަށް އަވަހަށް ގާއިމުކުރާނެ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

އެމްބިއުލާންސް އައުން ލަސްވެ, ފަރުވާ ދިނުން ލަސްވުމުގެ ސަބަބުން މިދިޔަ ހަފްތާގައި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު ވަނީ މަރުވެފައެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް ސޯލިހު ވިދާޅުވީ, އެ މަރާ ގުޅިގެން ހެދި ކޭސް ރިވިއުއިން ރަނގަޅު ކުރަން ޖެހޭ ކަންކަން ދެނަގަނެވިފައިވާ ކަމަށެވެ. އަދި އެކަންކަން ރަނގަޅު ކުރުމަށް އެޗްއީއޯސީގެ އޮޕަރޭޝަން ހަރުދަނާކުރަން މިހާރު ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ވަގުތުން ފަރުވާ ބޭނުންވާ ފަރާތްތަކަށް ހިދުމަތް ދިނުމަށް 24 ގަޑިއިރުގެ އޯޕީޑީއެއް މިހާރު ގާއިމުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ހަތް އެމްބިއުލާންސް ކޮވިޑަށް ހާއްސަކޮށް, އެކަމަށް ވަކި ހިދުމަތެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކޮވިޑް އެމަޖެންސީ ހާލަތްތައްކަށް ހާއްސަ ކުރެވިގެން އިމަޖެންސީ މެޑިކަލް ސާވިސްއެއް ގާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން. އެއީ ޕެރަމެޑިކްސްއާއެކު އަބަދުވެސް ގާތްގަނޑަކަށް ހަތް އެމްބިއުލާންސް މިކަމުގައި ބޭއްވުމަށް މަސައްކަތް ކުރަމުން އެބަދޭ," ރައީސް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަ ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

މިޝްކާގެ މަރުގެ ކުރިން މާލޭ ސީޓީގައި ކޮވިޑަށް ބޭނުން ކުރަމުން އަންނަނީ ފަސް އެމްބިއުލާންސް ކަމަށް މީގެ ކުރިން ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ވަނީ ވިދާޅުވެފައެވެ.

އެމްބިއުލާސްއަށް ގުޅުމުން އެކަން ނިމެންދެން ނަރުހުން ބަލަމުން ގެންދާނެ!

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ނަސީމްވެސް ވިދާޅުވީ, އެ މަރާއެކު ރަނގަޅު ކުރަން ޖެހޭ ގިނަ ކަންކަންކަމަށް ވަރަށް ރަނގަޅު އިސްލާހުތަކެެއް ގެންނަމުންދާ ކަމަށެވެ.

އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ކޯލްސެންޓަރުގެ ހިންގުމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ނަސީމް ވިދާޅުވި އެވެ. އެގޮތުން އެމްބިއުލާންސަށް ގުޅުމުން, އެކަން ނިމެންދެން އެޗްއީއޯސީގެ ނަރުހުން ގާތުން ބަލަމުންދާނެ ކަމަށް ނަސީމް ވިދާޅުވި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި, ކޮވިޑް ކޭސްތަކަށް ހާއްަކޮށްގެން ތައާރަފުކުރަން އުޅޭ އެމަޖެންސީ މެޑިކަލް ސާވިސްގެ ކޯލް ސެންޓަރުގެ ކަންކަން ހިންގަމުން ގެންދާނީ ވޮލަންޓިއާ ނަރުހުންގެ ޓީމަކުންނެވެ.

"އެއީ އެމްބިއުލާންސްގެ ހިދުމަތައް އެދިއްޖެ ނަމަ, އެކަން ނިމުމަކަށްދަންދެން [ނަރުހުން] މޮނީޓާކުރުމުގެ ކަންކަން ދާނެ. އަދި ޑޮކްޓަރަށް ގުޅައިފިނަމަ, އެ ޑޮކްޓަރު އަނބުރާ ކޯލް ސެންޓަރަށް ގުޅަން ޖެހޭނެ," ނަސީމް ވިދާޅުވި އެވެ.

ނަސީމް ދެއްވި ޔަގީންކަމަކީ, އެ ފިޔަވަޅުތަކާއެކު ކުރިއަށްވުރެ ހިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށެވެ. އަދި މަސައްކަތްކުރަނީ އިރާދަކުރެއްވިއްޔާ ދެން އެފަދަ ކަމެއް ކުރިމަތި ނުވާނެ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީި, މިޝްކާގެ މަރާ ގުޅިގެން މިހާރު ހަދާފައިވާ ކޭސް ރިވިއުއަކީ ފުރިހަމަ ތަހުގީގުނޫން ކަމަށާއި އަންނަ ހަފްތާގައި އެ މަރުގެ ފުރިހަމަ ތަހުގީގު ނިންމޭނެ ކަމަށެވެ.

"އަދިވެސް އެ ތަހުގީގު އެކީ އެކައްޗަކަށް ނިމުނީއޭ އަޅުގަނޑަށް ނުދެންނެވޭނެ. އޭގައި ހުރި ބައެއް ލޫޕް ހޯލްތައް ފިލް ކުރުމުގެ [މަދުވާ ކަންކަން ފުރިހަމަ ކުރުމުގެ] މަސައްކަތް ކުރަމުން މިދަނީ. އިރާދަ ކުރެއްވިއްޔާ ހަފްތާއެއް ތެރޭ ފުރިހަމަ ރިޕޯޓެއް ލިބޭނެ," ނަސީމް ވިދާޅުވި އެވެ.

އެ ކޭސް ރިޕޯޓާ ހަވާލާދީ ނަސީމް ވިދާޅުވީ މިޝްކާގެ މަރުގައި އެމްބިއުލާންސް ލަސްވީ ނޫން ކަމަށެވެ. އަދި ލަސްވީ އެމްބިއުލާންސާ ހަމައަށް މެސެޖު ދިއުން ކަމަށް ނަސީްމ ވިދާޅުވިއެވެ.

"އެމްބިއުލާންސަށް އެނގުމުން 10 މިނިޓު ތެރޭގައި އެގެއަށް އެމްބިއުލާންސް ގޮސްފައިވޭ. އަޅުގަނޑު ވަރަށް ބޮޑަށް އިތުބާރު ކުރަން އެމްބިއުލާން ދުއްވާ މީހުންނާއި އޭގައި ތިބޭ ސިއްހީ ހިދުމަތްތެރިންނަށް," ނަސީމް ވިދާޅުވި އެވެ.

https://sun.mv/153018

comment ކޮމެންޓް