އިންޑިއާގެ ކޮވިޑް ވެކްސިން ސިޔާސަތަށް ބަދަލު ގެނެސް، ހިލޭ ވެކްސިން ދެނީ

އިންޑިއާއިން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައި ވަނީ އާބާދީގެ ފަސް ޕަސެންޓަށް ވުރެ މަދު އަދަދެއްގެ މީހުންނަށް -- ފޮޓޯ: ހިންދުސްތާން ޓައިމްސް

ދިއްލީ (ޖޫން 8): އިންޑިއާގެ ކޮވިޑް-19 ވެކްސިން ސިޔާސަތަށް ބަދަލު ގެނެސް، 18 އަހަރުން މަތީގެ އެންމެންނަށް އަނެއްކާވެސް މި މަހުގެ ފަހުކޮޅުން ފެށިގެން ހިލޭ ވެކްސިން ފޯރުކޮށްދޭނެ ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

މޯދީ އެފަދައިން ވިދާޅުވީ އިންޑިއާގެ ކޮވިޑް ވެކްސިން ޕްރޮގްރާމްގެ ސިޔާސަތަށް މިދިޔަ މަހު ގެނައި ބަދަލަކާ ގުޅިގެން ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

އިންޑިއާއިން މިދިޔަ މަހުގެ އެކަކުން ފެށިގެން 18 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް ވެކްސިން ޖަހަން ހުޅުވާލި އިރު އަމަލުު ކުރަން ފެށި ސިޔާސަތުގެ ދަށުން ސަރުކާރުން ވަނީ ވަކި ސްޓޭޓުތަކަށާއި ޕްރައިވެޓް ހޮސްޕިޓަލްތަކަށް، ވެކްސިން އުފައްދާ ފަރާތްތަކުގެ އަތުން ޑޯޒްތައް ގަތުމަށް ފުރުސަތު ދީފަ އެވެ. އަދި އެއަށް ފަހު މައި ސަރުކާރުން ހިލޭ ވެކްސިން ފޯރުކޮށްދޭނީ ހެލްތު ވޯކަރުންނާއި 45 އަހަރުން މަތީގެ މީހުންނަށް އެކަނި ކަމަށް ބުނެފަ އެވެ.

އޭގެ ސަބަބުން ސްޓޭޓުތަކާއި ޕްރައިވެޓް ހޮސްޕިޓަލްތަކުގެ މެދުގައި ވާދަވެރިކަން އުފެދި، ވެކްސިން އުފައްދާ ކުންފުނިތަކުން ބޮޑު އަގުގައި ޑޯޒްތައް ވިއްކި ކަމަށް މާހިރުން ވިދާޅުވި އެވެ. އެހެންކަމުން ވެކްސިން ޑޯޒްތަކުގެ އަގު އުފުލުމުގެ ކަންބޮޑުވުން އުފެދުނެވެ.

ނަމަވެސް އިއްޔެ މޯދީ ވިދާޅުވި ގޮތުގައި ވެކްސިން ޖެހުމަށް ވަކި ސްޓޭޓުތަކަށް ދިން ޒިންމާ މައި ސަރުކާރުން އަނެއްކާވެސް ނަގާނެ އެވެ. އަދި ވެކްސިން އުފައްދާ ކުންފުނިތަކުން ތައްޔާރު ކުރާ ޑޯޒްތަކުގެ 75 ޕަސެންޓު ސީދާ މައި ސަރުކާރުން ގަންނާނެ ކަމަށާއި ޕްރައިވެޓް ސެކްޓަރަށް ވިއްކާނީ 25 ޕަސެންޓު ޑޯޒްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެޑެރަލް ސަރުކާރުގެ [ވެކްސިން] ޕްރޮގްރާމްގެ ދަށުން އެންމެންނަށްވެސް ހިލޭ ވެކްސިން ލިބޭނެ،" މޯދީ ވިދާޅުވި އެވެ.

އިންޑިއާއިން 45 އަހަރުން ދަށުގެ މީހުންނަށް ހިލޭ ވެކްސިން ނުދޭން ނިންމުމުން އެގައުމުގެ ސުޕްރީމް ކޯޓުން ވަނީ އެކަމަށް ފާޑު ކިޔާފަ އެވެ. އަދި ސަރުކާރުން ކޮވިޑް ވެކްސިން ގަތުމަށް ކަނޑައަޅާފައިވާ 350 ބިލިއަން ރުޕީސްގެ ބަޖެޓު މިހާތަނަށް ހަރަދު ކޮށްފައިވާ ގޮތުގެ ތަފްސީލާއި އެ ފައިސާ 45 އަހަރުން ދަށުގެ މީހުންނަށް ވެކްސިން ދޭން ބޭނުން ނުކުރެވޭ ސަބަބު ހާމަ ކުރުމަށް މިދިޔަ ހަފްތާގައި ކޯޓުން ވަނީ އަންގާފަ އެވެ.

އިންޑިއާއިން ވަނީ އަންނަ ޑިސެމްބަރު މަހުގެ 31ގެ ކުރިން އެގައުމުގެ 18 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް ވެކްސިން ދީ ނިންމާނެ ކަމަށް ބުނެފަ އެވެ. އަދި މިހާރު ވެކްސިން ލިބުމުގައި ދަތިތަކެއް އުޅޭ ނަމަވެސް، ވެކްސިން އުފައްދާ މިންވަރު އިތުރުކޮށް، އޮގަސްޓާއި ޑިސެމްބަރު މަހާ ދޭތެރޭ ދެ ބިލިއަން ޑޯޒް ތައްޔާރު ކުރާނެ ކަމަށް ބުނެފަ އެވެ. އެގައުމުން މިހާތަނަށް ވެކްސިންގެ ދެ ޑޯޒް ޖަހާފައި ވަނީ އާބާދީގެ ފަސް ޕަސެންޓަށް ވުރެ މަދު މިންވަރަކަށެވެ.

އިންޑިއާގައި ބޭނުން ކުރަން އެގައުމުން މިހާތަނަށް ހުއްދަ ދީފައި ވަނީ އެގައުމުގައި އުފައްދާ ދެ ކޮވިޑް ވެކްސިނެއް ކަމަށްވާ ކޮވިޝީލްޑާއި ކޮވެކްސިންގެ އިތުރުން ރަޝިއާގެ ސްޕަޓްނިކް ވީ ވެކްސިންއަށެވެ.

އިންޑިއާގައި ފާއިތުވި މަސްތަކުގައި ކޮވިޑްގެ ދެވަނަ ރާޅެއް ފެތުރި، ބަލީގެ ކޭސްތައް ރެކޯޑު އަދަދުތަކަށް އަރާފައިވެ އެވެ. ނަމަވެސް މިހާރު އެގައުމުގައި ބަލި ފެތުރޭ މިންވަރު މަދުވަމުންދާ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެ އެވެ. އެގޮތުން މިދިޔަ މަހު އެގައުމުގެ ކޭސްތައް އެންމެ ގިނަވި އިރު ދުވާލަކަށް 400،000އަށް ވުރެ ގިނަ ކޭސް ފެނުނު ނަމަވެސް މިހާރު ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު ވަނީ އެއް ލައްކައަށް މަދުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް