ޝައުނާއަށް ރުހުން ދޭން ކޮމިޓީން ނިންމައިފި

މިނިސްޓަރު ޝައުނާ -- ފޮޓޯ/ ރައީސް އޮފީސް

އެންވަޔަރަމަންޓް މިނިސްޓަރު ކަމަށް އައްޔަންކުރި އައިމިނަތު ޝައުނާއަށް ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓަރު ކަމަށް ޝައުނާ އައްޔަންކުރީ މެއި މަހުގެ ފަސް ވަނަ ދުވަހު އެވެ. ޝައުނާއަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވީ މެއި މަހުގެ 18 ވަނަ ދުވަހު އެވެ.

އެ މައްސަލަ ދިރާސާކުރުމަށް ފަހު، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމާފައި ވަނީ ޝައުނާއަށް ރުހުން ދޭން ފެންނަ ކަމަށެވެ.

އެ ކޮމިޓީ ރިޕޯޓު މިހާރު ވަނީ ތަޅުމަށް ފޮނުވައިފަ އެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި އެ ރިޕޯޓުގެ މަސައްކަތް ކުރިއަށް ގެންދަން ވަނީ އެޖެންޑާކޮށްފަ އެވެ.

މިނިސްޓަރުކަމަށް އައްޔަންކުރުމުގެ ކުރިން ޝައުނާ ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގަ އެވެ.

މި ސަރުކާރުގައި އަލަށް އުފެއްދި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ (ޓެކް މިނިސްޓްރީ) އުވާލައި އެ މިނިސްޓްރީގެ މެންޑޭޓް ހަވާލުކުރީ މިނިސްޓަރު ޝައުނާ އަށެވެ. އެއާ އެކު އެންވަޔަރަމަންޓް މިނިސްޓްރީގެ ނަން، "މިނިސްޓަރު އޮފް އެންވަޔަރުމަންޓް، ކުލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ"އަށް ވަނީ ބަދަލުކޮށްފަ އެވެ.

ޝައުނާގެ އިތުރުން، ފިޝަރީޒް މިނިސްޓަރަކަށް އައްޔަންކުރި ޑރ. ހުސައިން ރަޝީދު ހަސަން އަށް ރުހުން ހޯދުމަށް ވެސް ވަނީ ފޮނުވައިފަ އެވެ. ނަމަވެސް އެ މައްސަލަ ކޮމިޓީން އަދި ނިންމައިފައެއް ނުވެ އެވެ.

comment ކޮމެންޓް