ސިޔާސީ ދޮގުގެ ގައުމީ ވަބާ

އިންޑިއާގެ ބޮޑުވަޒީރު ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރެއްވުން -- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ގައުމެއް ހަލާކު ވެގެން ދިޔުމަށް މެދުވެރި ކުރާ ހަމައެކަނި ވަބާތަކަކީ މާއްދީ ވަބާތަކެއް ނޫނެވެ. ހަގީގަތަށް ބަލާ އިރު، ގައުމެއް ފަނާގެ އަނދިރި ވަޅުގަނޑަށް ވައްޓައިލާ އެންމެ ނުބައި ވަބާތަކަކީ ރޫޙާނީ އަދި އަޚްލާގީ ވަބާތަކެވެ. އެފަދަ ވަބާތަކުގެ އެތައް ކަމެއް އަޅުގަނޑުމެންގެ ގައުމަށް ކުރިމަތި ވެފައި ވާ އިރު، އޭގެ ތެރެއިން ވެސް އެންމެ ސީރިއަސްކަން ބޮޑު އެއް ވަބާ އަކީ ސިޔާސީން ހަދަމުން ދާ ބޮޑެތި ދޮގުތަކެވެ.

މި ދެންނެވި ޒާތުގެ ދޮގުތަކުގެ ތެރެއަށް އެންމެ ފަހުން އިތުރު ވެގެން ދިޔައީ، އައްޑޫގައި "ކޮންސިޔުލޭޓް ޖެނެރަލްގެ އޮފީހެއް" ގާއިމު ކުރުމަށް އިންޑިޔާ ސަރުކާރުން ނިންމައިފައި ވާ ނިންމުމާ ބެހޭ ގޮތުން ދިވެހި ސަރުކާރާއި، ވެރިކަން ކުރާ ޕާޓީގެ އިސް ބައެއް ލީޑަރުން ހަދައި ފަތުރަމުން ގެންދާ ދޮގުތަކެވެ.

މި މައްސަލައާ ބެހޭ ގޮތުން، އެންމެ ފުރަތަމަ ފާހަގަ ކޮށްލާން ޖެހޭ ކަމަކީ، ދިވެހި ސަރުކާރުގެ އެއްވެސް ފަރާތަކުން ކަމާބެހޭ އެއްވެސް މައުލޫމާތެއް ހާމަ ކޮށްފައި ނުވަނީސް، އައްޑޫގައި ކޮންސިޔުލޭޓް އޮފީހެއް ގާއިމު ކުރުމަށް އިންޑިއާގެ ކެބިނެޓުން ނިންމި ކަމަށް ބުނެ އިންޑިއާގެ ނޫސްތަކުގައި ޚަބަރު ފެތުރުނުކަމެވެ. އެއާ ވިދިގެން، މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުގެ ރޭ އޮތް ނޫސްވެރީންގެ ބައްދަލުވުމެއްގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ އެފަދަ ކަމެއް ކުރުމަށް ދިވެހި ސަރުކާރުން ނިންމައިފައި ނުވާ ކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުން ދޭހަ ވަނީ، އެކަމާ ބެހޭ މައުލޫމާތު އެމަނިކުފާނަށް އެނގިވަޑައިގެންފައި ވެސް ނުވާކަމެވެ.

މި ހިސާބުން ސުވާލުތަކެއް އުފެދެއެވެ. ސަބަބަކީ، މިނިވަން މުސްތަގިއްލު ދައުލަތެއްގެ ބިމުގައި، އެހެން ގައުމެއްގެ ކޮންސިޔުލޭޓް އޮފީހެއް ނުވަތަ އެފަދަ އިދާރާއެއް ގާއިމު ކުރުމަށް އެ ގައުމަކުން އަމިއްލައަމިއްލަޔަށް ނުނިންމޭނޭތީއެވެ. އެ ދައުލަތެއްގައި އެ އިދާރާ ގާއިމު ކުރެވޭ ދައުލަތުގެ ސަރުކާރުން އެކަމަށް ހުއްދަ ނުދެނީސް، އެކަން ކުރުމަށް ކަން ކުރާ ގައުމުގެ ކެބިނެޓުން ވިޔަސް އަދި އެހެން ފަރާތަކުން ވިޔަސް ނުނިންމޭނޭތީއެވެ. އެފަދައިން ނިންމުމަކީ ދުނިޔޭގެ ގައުމުތަކުން އެއްވެސް ގޮތަކުން ކޮށްއުޅޭ ކަމަކަށް ނުވާތީއެވެ. މި ކަންކަން ހިނގާ ގޮތުން، ކޮންސިޔުލޭޓް އޮފީހެއް ހަދާ ގައުމުން، އެންމެ ފުރަތަމަ އެކަމަށް ޕްލޭނެއް އެކުލަވައިލައި، އޮފީސް ގާއިމު ކުރެވޭ ދައުލަތުގެ ސަރުކާރަށް އެކަމަށް އެދި ހުށައެޅުމަށް ނިންމާނީއެވެ. ދެން، ރަސްމީ ސިފައެއްގައި އެ އޮފީސް ގާއިމު ކުރެވޭ ދައުލަތުގެ ސަރުކާރަށް އެކަން ހުށައަޅައި، ކޮންސިޔުލޭޓް އޮފީހެއް ގާއިމު ކުރުމުގެ ހުއްދައަށް އެދޭނީއެވެ. އޮފީސް ގާއިމު ކުރެވޭ ދައުލަތުގެ ސަރުކާރުން އެކަމަށް ރުހޭ ބަސް ރަސްމީ ސިފައެއްގައި ދިނުމުން، ދެން، އޮފީސް ގާއިމު ކުރާ ގައުމުން އެކަން ކުރުމަށް ކެބިނެޓާ ހަމައިން ރަސްމީކޮށް ނިންމާނީއެވެ.

އައްޑޫގައި ހަދާ ކޮންސިޔުލޭޓް އޮފީހާ ގުޅިގެން، އެހެންޏާ މަސައްކަތް މި ފެށުނީ ނިމޭ ތަނުންނެވެ. ނުވަތަ، އިންޑިއާގެ ކެބިނެޓުން ކޮންސިޔުލޭޓް ގާއިމު ކުރުމަށް ފާސް ކުރި ކުރުމުގެ ކުރިއަށް ހިނގި ކަންކަން، ފޮރުވައިފައި އޮތީއެވެ. ސިއްރު ކޮށްފައި އޮތީއެވެ. އެހެންވިއްޔާ، މެއި 25ގެ ނޫސްވެރީންގެ ބައްދަލުވުމުގައި ރައީސް ހެއްދެވީ އިތުރުފުޅެއްތޯ، މި ސުވާލު އުފެދެއެވެ. ނުވަތަ، ރައީސަށް ވެސް ނާންގަވައި، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ރަސްމީ ސިފައެއްގައި އިންޑިއާއަށް އެކަމުގެ ހުއްދަ ދެއްވައިފައި އޮތީ ބާވައެވެ! އެހެންވިއްޔާ، އެއީ ވެސް ފާޑެއްގެ ދޮގެކެވެ.

ދެން ފެނިގެން ދިޔައީ، އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން ޗާޓުން ބޭރުން ގިނަ ވާހަކަތަކެއް ދައްކަވަމުން ގެންދަވާ ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދު، ބޮޑެތި އިތުރުފުޅުތަކެއް ހެއްދެވި މަންޒަރެވެ. އާދައިގެ މަތީން، މީހަކު ފެންފޮދެއް ބޯލައިފައި ވައެއް ލާހައި ފަސޭހަކޮށެވެ. ރައްޔިތުންނަކީ އެއްވެސް ބުއްދިއެއް ނެތް، ގުނބޯތަކެއް ކަމަށް ބައްލަވައިގެން ވާހަކަ ދައްކަވަނީކަން ރީތިކޮށް އެނގޭ ފަދައިންނެވެ. މި ފަހަރު ނަޝީދުގެ އިތުރުފުޅުތަކުގައި ވިދާޅުވެފައި ވަނީ، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމު ކުރުމުން ރާއްޖެއަށް ވެސް އަދި އައްޑުއަށް ވެސް ލިބޭން އޮތީ ފައިދާ ކަމަށެވެ.

މިހެން ދެންނެވީމާ، ވަރަށް ގިނަ ބެއިފުޅުން ސުވާލު ކުރައްވައިފާނެއެވެ. "ދޮގު" ކިޔަނީ މީހަކު ވާގިއާ – "ފެކްޓް" – އާ ޚިލާފަށް ދައްކާ ވާހަކަތަކަށް ނޫން ހެއްޔެވެ؟ ނަޝީދު މިތަނުގައި މި ވިދާޅުވަނީ "ވާގިއާ" އެއްގެ - "ފެކްޓް" އެއްގެ – ވާހަކައެއް ނޫނެއް ނޫންހެއްޔެވެ؟ ދޮގަކަށް ވާނީ ވާގިއީ ބުނުމެއް – ސްޓޭޓްމަންޓް އޮފް ފެކްޓް – ނޫން ހެއްޔެވެ؟ ނަޝީދު އެ ވިދާޅުވަނީ ވާގިއީ ބުނުމެއް ނޫނެއް ނޫން ހެއްޔެވެ؟ ކަމެއްގެ ނަތީޖާ މުސްތަގުބަލުގައި ނުކުންނާނޭ ގޮތާ މެދު އޭނާގެ ޚިޔާލުފުޅު ފައުޅު ކުރައްވަނީ ނޫން ހެއްޔެވެ؟

ބޭރުފުށަށް ފެންނަ ފެނުމަށް، ނަޝީދުގެ ވާހަކަފުޅަކީ ރައުޔެކެވެ. ނަމަވެސް، ދޮގަކީ ބައެއް ފަހަރު ރައުޔުގެ ގޮތުގައި ފައުޅު ކުރެވޭ އެއްޗެކެވެ. ބައެއް ފަހަރު، އެއްޗެއް ނުބުނެ ހިމޭނުން ހުރުމަކީ ވެސް ދޮގެކެވެ. މިސާލަކަށް، އިންޑިއާގެ ކެބިނެޓުން އައްޑޫގައި ކޮންސިޔުލޭޓް އޮފީހެއް ގާއިމު ކުރުމަށް ނިންމި ނިންމުމުގެ ކުރިޔަށް، ދިވެހި ސަރުކާރުގެ އެއްވެސް ފަރާތަކުން އެކަމަށް ރުހުން ދީ އެއްވެސް ކަހަލަ މުއާސަލާތެއް ކޮށްފައި އޮތިއްޔާ، އެކަން ނާންގައި ސިއްރު ކުރާ ކުރުން ވެސް ވާނީ ރައްޔިތުންނަށް ސަރުކާރުން ހަދާ ބޮޑު ދޮގަކަށެވެ.

ނަޝީދުގެ ވާހަކަފުޅުތަކަށް ބަލާ އިރު، އެ ވާހަކަފުޅުތައް ދޮގަށް ވާ ސަބަބު މިހައި ހިސާބުން ވެސް ސާފު ވާނެއެވެ. ނަމަވެސް އިތުރަށް ސާފު ކޮށްލުމުގެ ޒަރޫރަތެއް އޮތިއްޔާ، އެހެން ވާ ގޮތް ވެސް ބަލައިލެވިދާނެއެވެ. އިންޑިއާގައި "ކޮންސިއުލޭޓް އޮފީހެއް" ގާއިމު ކުރުމަށް ކުރެވެމުން މި ދާ މަސައްކަތަކީ އެއްވެސް ހާލެއްގައި އައްޑޫގައި އެފަދަ އިދާރާއެއް ގާއިމު ކުރުމުގެ ހަގީގީ ބޭނުމެއް ނުވަތަ ޒަރޫރަތެއް އޮވެގެން ކުރާ މަސައްކަތެއް ނޫނެވެ. އެއީ ހަގީގަތުގައި، ގައުމުތަކުން އެހެން ގައުމުތަކުގައި ކޮންސިއުލޭޓް އޮފީސް ގާއިމު ކުރާ އުސޫލުތަކުގެ ދަށުން ކޮންސިއުލޭޓް އޮފީހެއް ގާއިމު ކުރުމުގެ މަގުސަދުގައި ވެސް ކުރާ ކަމެއް ނޫނެވެ. މިއަދު ދިވެހި ގައުމުގައި ޅަކުއްޖަކަށް ވެސް އޮޅިފައި ނެތް ހަގީގަތަކީ، އެބުނާ ކޮންސިއުލޭޓާއި، އުތުރު ތިލަފަޅުގައި ހަދާ ތަންތަނާއި، ހަނިމާދު އާއި ގަމާއި ދެންވެސް ރާއްޖޭގައި ހަދައިފައި ހުރި އަދި ހަދަމުން ދާ އިންޑިއާގެ "ތަންތަނަކީ" އެއްވެސް ހާލެއްގައި ދިވެހި ގައުމަށް ފައިދާއަކަށް ހެދި ނުވަތަ ހަދާ ތަންތަން ނޫން ކަމެވެ. އެއީ އިންޑިއާގެ އިސްތިއުމާރީ އަދި ސާމުރާޖީ މަނަސް ރާއްޖެއަށް ފަތުރައި، އިންޑިއާ ކަނޑުގައި އިންޑިއާގެ މަސްލަހަތުތައް ހިމާޔަތް ކުރުން ފަދަ ކަންކަން ހާސިލު ކުރުމަށް ޓަކައި، އިންޑިއާގައި މިހާރު ވެރިކަން ކުރަމުން ގެންދާ ކަނާތު ފިޔައިގެ ހަރުކަށި ސަރުކާރުގެ ބާރުގައި، އެ ސަރުކާރުން ދިވެހި ސަރުކާރަށް އިއްވާ އަމުރުތަކެއްގެ ދަށުން ކުރެވޭ ކަންތައްތައް ކަމެވެ. ދިވެހި ގައުމުގެ މުސްތަގުބަލާއި މަސްލަހަތާއި ހައްގުތަކާއި މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތު ކަންބަޅިއެއް ފަދައިން ކަތިލައިފައި ބަޔަކު ކުރަމުން ގެންދާ ކަންކަން ކަމެވެ.

ނަޝީދާއި އިންޑިއާއާ ދެމެދު ފާއިތު ވެގެން މި ދިޔަ އަހަރުތަކުގައި އޮތް ގުޅުމާއި، އަދި އަޅުގަނޑުމެންގެ ލޯމަތީގައި ތަމްސީލު ވަމުން މި ދާ މަންޒަރުތަކަށް ބަލާ އިރު، މި ހަގީގަތްތައް ނަޝީދަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް މެނުވީ ބުއްދި ގަބޫލެއް ނުކުރެއެވެ. އެހެންކަމުން، އައްޑޫގައި ހަދާ ކޮންސިއުލޭޓް އޮފީހަކީ ދިވެހި ގައުމަށް އެއްވެސް ފައިދާއެއް ނެތް ގޮތަށް، އިންޑިއާގެ އިސްތިއުމާރީ އަދި އަސްކަރީ އެދުންތަކާ އެއްގޮތަށް ކުރެވޭ ކަންތައްތައް ކަން އެނގިވަޑައިގެން ހުންނަވައި، މިއީ އައްޑޫގެ ކުރިއެރުމަށް ކުރާ ކަމެކޭ، މި ކަމުން ރާއްޖެއަށް ފައިދާ ވާނެޔޭ، ނޭފަތު ކުރިޔަށް ވިސްނާކަށް ނުވާނެޔޭ، ވިދާޅުވެ މި ޒާތުން ވާހަކަ ދެއްކެވުމަކީ، ރައްޔިތުންނަށް އޮޅުވައިލެއްވުމަށް ޓަކައި ހަގީގަތް ފޮރުއްވެވުމެވެ. އެއަށް ކިޔޭނޭ ނަމަކީ ދޮގެވެ. އިތުރުފުޅޭ ވިދާޅުވާ ބެއިފުޅުން އެހެން ވިދާޅުވިޔަސް އެންމެ ރަނގަޅެވެ. އަޅުގަނޑު ދަންނަވާނީ މިއީ "ޕެތޮލޮޖިކަލް ލަޔަރ" އެއްގެ ފަރާތުން މެނުވީ ނާންނާނޭ "ޕެތެޓިކް، ޑިސްގަސްޓިންގ" ދޮގުތަކެއް ކަމަށެވެ.

ދެން، އަޅުގަނޑު ވެސް ގަބޫލު ކުރަމެވެ. ދިވެހިރާއްޖޭގައި މި ވަގުތު ސިޔާސީ ލީޑަރުން ދޮގު ހެދުމަކީ ވަކި ނަޝީދާ ހަމަޔަށް ނިމޭ ކަމެއް ނޫނެވެ. އެއީ އޭނާ އެކަނި ކުރައްވާ ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ތެރެއަށް މިހާރު ތައާރަފު ކުރެވިފައި މި އޮތް "ޑިމޮކްރެސީ" ގައި، ދޮގު މަކަރާއި ހީލަތާއި އޮޅުވައިލުމަކީ އާއްމު އުސޫލެވެ. އެއީ ގޯހެއް ކަމަކަށް ވެސް ނުބެލެވޭ ކަހަލައެވެ. ބައެއް މީހުން "އެއީ ސިޔާސީ ގޮތުން ދައްކާ ވާހަކައޭ" މި ކަހަލަ ތާކުންތާކު ނުޖެހޭ ބަހަނާތައް ދައްކައިގެން އެފަދަ ދޮގުތައް ތަބްރީރު ކުރާން އުޅޭތަން ވެސް ފެނެއެވެ. ހަގީގަތުގައި، މި ދަންނަވާ ސިޔާސީ ދޮގުތަކުގެ ކަންކަން މިއަދު ވަނީ ދިވެހި ގައުމުގައި ބޮޑު ވަބާއަކަށް ވެފައެވެ. އަޅުގަނޑުމެން ހަނދާން ނައްތައިލައިގެން ނުވާނެއެވެ. މުޅި ގައުމުގެ ސަމާލުކަން އެ ކަމަށް ދޫ ކޮށްގެން، އެ ވަބާތަކަކާ ހަނގުރާމަ ކުރާން ޖެހޭ ހަމައެކަނި ވަބާތަކަކީ ކޮވިޑާއި، ކޮލެރާ އާއި، ޝިގެއްލާ ފަދަ، ހަށިގަނޑަށް ޖެހޭ ބަލިބަލީގެ ބޮޑެތި ވަބާތަކެއް ނޫނެވެ. ހަގީގަތުގައި، އިންސާނާގެ ސިކުނޑިއަށާއި އަޚްލާގަށާއި ރޫހަށް ޖެހޭ ބޮޑެތިބޮޑެތި ބަލިބަލީގެ ވަބާ އަކީ މާ ނުރައްކައުތެރި އެއްޗެކެވެ. މާ ފަނާ ކުރަނިވި އެއްޗެކެވެ. އެހެނީ، މި ބާވަތުގެ ވަބާތަކުގެ ސަބަބުން ހަލާކު ވަނީ ހަމައެކަނި އިންސާނާގެ ދުނިޔަވީ ހަޔާތެއް ނޫނެވެ. ދުނިޔަވީ ހަޔާތާއި އުޚްރަވީ ހަޔާތާ ދެ ހަޔާތް ވެސް މެއެވެ.

ދިވެހި ސިޔާސީ ލީޑަރުން މި ހަދާ ދޮގުތަކުން ދޭހަ ވަނީ އެމީހުންނަށް އަޚްލާގީ އަދި ރޫހާނީ ވަރަށް ބޮޑު ބައްޔެއް ޖެހިފައި ވާ ކަމެވެ. ދޮގު ހެދުމުގެ ބައްޔެވެ. ބިރެއް، ޖެހިލުމެއް، ލަދުވެތިކަމެއް، އިންސާނީވަންތަކަމެއް ނެތި، ރައްޔިތުންގެ ކުރިމަތީގައި ރޯ ބުހުތާން ދޮގުތައް ހެދުމުގެ ނުބައި ބައްޔެވެ. މި ބިރުވެރި ބަލި އަޅުގަނޑުމެންގެ ގައުމުގެ ނިސްބަތުގައި މި އޮތީ "އާލަމީ ވަބާއެއް" ކަހަލަ އެއްޗަކަށް ވެފައެވެ. އަޅުގަނޑުމެންގެ ގައުމުން މި ވަބާ ނެއްތައިލައިގެން މެނުވީ ދިވެހި ގައުމަށް އެއްވެސް ކަހަލަ ހެޔޮ މުސްތަގުބަލެއްގެ އުއްމީދެއް އޮތް ކަމަކަށް ނުފެނެއެވެ. ދިވެހި ރައްޔިތުން ދިވެހި ގައުމަށް ހެޔޮ އެދޭ ނަމަ، ދަސްކޮށް ހަނދާނުގައި ބަހައްޓާން ޖެހޭ އެންމެ މުހިއްމު އެއް ފިލާވަޅަކީ، ގައުމު ދެކެ ހަގީގަތުގައި ލޯބި ވާ ވެރީން، ގައުމުގެ ރައްޔިތުންނަށް ދޮގު ނުހަދާނޭކަމެވެ. އެފަދަ ވެރީންގެ ކިބައިން ބޭއަޚްލާގުގެ އަނދިރިކަން ނުފެންނާނޭ ވާހަކައެވެ. މި ވާހަކަ އަޅުގަނޑުމެންގެ މަތިވެރި އިލްމުވެރިޔާ އަދި އަދީބު ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނުގެ ޅެމެއްގައި ވިދާޅުވެފައި އޮންނަނީ "ކުލުނެއް ހުރި ނަމަ ވަޒަނުގެ މައްޗަށް، ޚުލްގުގެ ހެޔޮކަން ދައްކާށޭ" މި އިބާރާތުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް