ނަޝީދު ހުށަހެޅުއްވި މައްސަލަ އެމްޑީޕީ މެންބަރުން ފެއިލްކޮށްލުމުން ރަތަށް

ރައީސް ނަޝީދާއި ރައީސް ސޯލިހު -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރައީސް މުހައްމަދު ނަޝީދު ފޮނުއްވެވި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޒަމީލްގެ މައްސަލަ ބަލަން އިމްތިޔާޒު ކޮމިޓީއިން ފާސްނުވެ އެ މައްސަލަ ބޭރުވުމާ ގުޅިގެން އެމަނިކުފާނާއި ސަޕޯޓަރުންގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ އެވެ.

ޒަމީލްގެ މައްސަލަ ބަލައިދިނުމަށް އެދި ރައީސް ނަޝީދު އިމްތިޔާޒު ކޮމިޓީއަށް ފޮނުއްވީ އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގަށް ވަކިވަކި ސިފައިން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރު ނުކުރެވޭނެ ކަމަށް ބުނެ ޒަމީލް ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެންނެވެ. އަދި ޒަމީލްގެ މައްޗަށް ޖިނާއީ ދައުވާކޮށްދިނުމަށް ރައީސް ނަޝީދުގެ އެދުމަށް މަޖިލީހުން ވަނީ ޕީޖީގައި ވެސް އެދިފަ އެވެ.

ރައީސް ނަޝީދު ހުށަހެޅުއްވި ޒަމީލްގެ މައްސަލަ ބަލަން ފާސްނުވެ ރޭގެ އިމްތިޔާޒު ކޮމިޓީގައި ފާސްވެފައި ވަނީ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި، ކޮމިޓީއިން މައްސަލަ ނުބަލައި ބޭރުކޮށްލުމަށް ހުށަހެޅި ހުށަހެޅުމެވެ.

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އަދި ކުރިން ސިފައިންގެ ވަޒީފާ އާއި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނާޒިމް ހުށަހެޅުއްވި އެ ހުށަހެޅުން ރޭގެ ކޮމިޓީގެ އަގުލަބިއްޔަތުން ފާސްވިއިރު އެމްޑީޕީގެ ހަތަރު މެންބަރަކުވެސް އެ ހުށަހެޅުމަށް ތާއީދު ކުރެއްވި އެވެ. ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ ބޭރު ކުރުމަށް ތާއީދު ކުރެއްވި އެމްޑީޕީ މެންބަރުންނަކީ؛

1. ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމް

2. ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް

3. މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ

4. ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދު

އެ މައްސަލަ ބޭރު ކުރުމަށް އެ މެންބަރުން ތާއީދު ކުރެއްވި ސަބަބެއް ކަމަށް ކޮމިޓީގައި ވިދާޅުވެފައި ވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނެ ކަމަށް ބުނެ ފޮނުވި ސިޓީގެ މައްސަލައިގައި ޒިންމާވާން ޖެހޭނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކަމަށް ވިދާޅުވެ އެވެ. އަދި އެއީ ޑެޕިއުޓީ މިނިސްޓަރު ޒަމީލް ޒިންމާވާން ޖެހޭ ކަމެއް ނޫން ކަމަށް ވެސް އެބޭފުޅުން ވަކާލާތު ކުރައްވާފައިވެ އެވެ.

ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައެއް ބޭރުކޮށްލުމަށް އެމްޑީޕީގެ މެންބަރުންތަކެއް ތާއީދު ކުރެއްވުމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގުރޫޕުގައި ނުރުހުން ފާޅުކުރައްވައިފަ އެވެ. އީވާ ވިދާޅުވީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އަހުމަދު (ބިގޭ) ލޮބީ ކުރައްވައިގެން މައްސަލަ ކޮމިޓީއިން ބޭރުކުރުމަކީ ރައީސް ނަޝީދަށް ދިން ހަމަލާގެ އިންކުއަރީއަށް ހުރަސް އެޅުމަށް ހިންގި އަމަލެއް ކަމަށެވެ. އަދި ރައީސް ނަޝީދު ހުށަހަޅުއްވާ މައްސަލަތައް ފެއިލްކޮށްލުމަށް ބިގޭ މީގެ ކުރިން ވެސް މަސައްކަތް ކުރެއްވި ކަމަށް އީވާ ތުހުމަތު ކުރައްވަމުން ވިދާޅުވީ "ތިހެން ނޫޅުއްވިޔަސް ބިގޭގެ ސަރުކާރުން ދެމި އޮންނާނެ" ކަމަށެވެ. އަދި ރައީސް ނަޝީދާ މެދު ވީ ހަމްދަރުދީ ނިމުނީތޯވެސް އީވާ ސުވާލު ކުރައްވައިފައިވެ އެވެ.

"މާތްކަލާކޯ މިއޮތީ ވާ ސަރުކާރެއް،" މެސެޖުތައް ނިންމާއްލައްވަމުން އީވާ ވިދާޅުވެފަ އެވެ.

ބިގޭ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނެކެވެ.

ރައީސް ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ފާޅުގައި ވިދާޅުވަމުން ގެންދަވަނީ އެ މައްސަލަފެއިލްކޮށްލި އެމްޑީޕީގެ މެންބަރުންނަކީ ރައީސް ނަޝީދުގެ ފޮޓޯފުޅު ވިއްކައިގެން މަޖިލީހަށް ހޮވުނު ބޭފުޅުން ކަމަށެވެ. އަދި ރައީސް ނަޝީދަށް ހިތާމައެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އެމަނިކުފާނާ ދެކޮޅަށް މަސައްކަތް ކުރާނީ "ހަޔާތުގެ ކަންފުޅެއްވެސް ނެތް"އެމްޑީޕީގެ މެންބަރުން ކަމަށް ވެސް ރައީސް ނަޝީދުގެ ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ.

އެ މައްސަލަ އެގޮތަށް ނިމުމާ ގުޅިގެން ރައީސް ނަޝީދު ވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކުރުމަށް ސީދާާ ދެކޮޅު ހައްދަވަނީ ރައީސް ސޯލިހު ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި އެގޮތަށް ރައީސް ސޯލިހު އެކަން ކުރައްވަނީ ކޯޗެއް ފޮރުވަންތޯވެސް ވަނީ ނަޝީދު ސުވާލު ކުރައްވާއިފަވެ އެވެ.

އެ މައްސަލަ ސީދާ ފެއިލްކޮށްލީ ސަރުކާރުން ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓުން އަންނަނީ ޝުއޫރުފާޅުކުރަމުންނެވެ. އަދި ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއެއްގެ މައްސަލަ ރަނގަޅަށް ބެލިދާނެތޯ ވެސް މިހާރު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ވަކިވަކި ސިފައިން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރުމާ ސިފައިން ދެކޮޅު ހަދައި ބުނެފައި ވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކުރުމަކީ ސިފައިންގެ ތެރޭގައި އޮންނަ ޗެއިން އޮފް ކޮމާންޑުގެއްލޭނެ ކަމެއް ކަމަށާއި ސިފައިންގެ ފަރާތުން ޖަވާބުދާރީ ވާނީ ވެރިން ކަމަށެވެ.

އެ މައްސަލައިގައި ރައީސް ނަޝީދަށް ތާއީދު ކުރައްވައި މެންބަރުންނާއި ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެންބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވެ އަރައިރުން އުފެދިފަ އެވެ.

comment ކޮމެންޓް