ލަކްޝަދީބުގެ ހާލަތާ މެދު ދެތިން ބަހެއް

ލަކްޝަދީބު އައިލެންޑް

އިންޑިއާގެ ލަކްޝަދީބުގެ ރަށެއް ކަމަށް ވާ މަލިކަކީ، އިހު ޒަމާނުގައި ދިވެހިރާއްޖޭގެ ރަށެއް ކަމަށް ބެލެވެއެވެ. ހަމަ ޔަގީނުން ވެސް، ތާރީޚުގެ ބައެއް ދައުރުތަކުގައި ކަން އޮތީ އެހެންނެވެ. ނަމަވެސް އެއީ އެއް އިރެއްގެ ހަގީގަތެވެ. މިއަދުގެ ހަގީގަތަކީ، މަލިކު އަތޮޅާއި މަލިކަކީ އިންޑިޔާގެ ބައެއް ކަމުގެ ހަގީގަތެވެ. އަޅުގަނޑުމެން ހަނދާން ކުރާން ޖެހޭ ކަމަކީ، މަލިކު އިންޑިޔާގެ ދައުލަތުގެ ބަޔަކަށް ވީ ވެސް މަލިކުގެ ރައްޔިތުންގެ އަމިއްލަ ނިންމުމެއްގެ މަތީން ކަމެވެ. ނަވާރަސަތޭކަ ސާޅީސް ހަތް ވަނަ އަހަރު އިނގިރޭސީންގެ އަތްދަށުން އިންޑިޔާ މިނިވަން ވެ، އިންޑިޔާގެ ސިޔާދަތީ ދައުލަތެއް އުފެއްދުނު އިރު، މަލިކު ރައްޔިތުން ބޭނުން ވީ އެ ދައުލަތުގެ ބަޔަކަށް ވުމަށެވެ. މަލިކުގެ ރައްޔިތުން އެ ނިންމުން ނިންމީ، އެމީހުންނަށް އަދުލުއިންސާފުގެ ތަބީއީ އުސޫލުތަކާއި، އިންސާނުން ބަލައިގަނެފައި ވާ ގާނޫނީ އާއްމު ގާއިދާތަކާއި، ބައިނަލްއަގުވާމީ ގާނޫނުން ކަށަވަރު ކޮށްދޭ "ރައިޓް ޓު ސެލްފް-ޑިޓަރމިނޭޝަން"ގެ ދަށުންނެވެ. އާދެ، ގައުމެއް ނުވަތަ އިންސާނީ ޖަމާއަތެއްގެ ގޮތުގައި ތިމާމެންގެ ގައުމީ، ސިޔާސީ، އަދި ސަގާފީ އެންމެހައި ކަންކަން ތިމާމެން އަމިއްލަޔަށް ކަނޑައަޅައި ނިންމުގެ ހައްގުގެ ދަށުންނެވެ.

އިންޑިޔާގެ ބަޔަކަށް މަލިކު ވުމަށް ފަހު، އިންޑިޔާގެ ދުސްތޫރީ ނިޒާމު އެކަށައެޅިގެން ދިޔަ ގޮތުން، މަލިކު އަތޮޅަކީ އިންޑިޔާގެ "ޔޫނިއަން ޓެރިޓަރީ އޮފް ލަކްޝަދްވީޕް" ނުވަތަ ލަކްޝަދީބުގެ ބައެކެވެ. ލަކްޝަދީބަކީ ދިވެހިރާއްޖެ އޮންނަ ކަހަލަ ގޮތަކަށް، ދިވެހިރާއްޖޭގެ އުތުރަށް ވާ ގޮތަށް، އޮންނަ ކުދިކުދި ޖަޒީރާ ރަށްތަކެކެވެ. އަތޮޅުތަކަކަށް ބެހިފައި އޮންނަ ރަށްތަކެކެވެ. މި ރަށްތަކުގެ އާބާދީ އަކީ ހަތްދިހަ ވަރަކަށް ހާހެވެ. އޭގެ ތެރެއިން 95 އިންސައްތައަށް ވުރެ ގިނައީ މުސްލިމުންނެވެ. މަލިކު ފިޔަވައި ލަކްޝަދްވީޕުގެ އެހެން ރަށްރަށުގެ އާއްމު ބަހަކީ މަލިޔާޅަމެވެ. އެ ރަށްރަށުގެ އަހުލުވެރީންނަކީ ނަސްލީ ގޮތުން ދެކުނު އިންޑިޔާގެ މަލާބާރުގެ މީހުންނެވެ. މަލިކުގެ އަހުލުވެރީންގެ ބަހަކީ ދިވެހި ބަހެވެ. މަލިކު މީހުންނަކީ ނަސްލީ ގޮތުން ދިވެހީންނެވެ.

ޒަމާނުއްސުރެ އަމަންއަމާންކަމާއި، ސުލްހަމަސަލަސްކަމާއި، ހަމަޖެހުމުގައި ދިރިއުޅެމުން އައި ލަކްޝަދީބުގެ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑު ޒަލްޒަލާއެއް ފަދަ ޚަލަލުތަކެއް އަންނާން ފެށީ ފާއިތު ވި 2020 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރެއްގެ މަގާމަށް ޕްރަފުލް ކޯހޑާ ޕަޓޭލް އައްޔަން ކުރެވި، އޭނާގެ ސިޔާސަތުތައް ލަކްޝަދީބުގައި ހިންގާން ފެށި ހިސާބުންނެވެ. "އެޑްމިނިސްޓްރޭޓަރ" އެވެ މި ކިޔެނީ، ލަކްޝަދީބުގެ ކަންކަން ހިންގައި ބަލަހައްޓާ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނަ މީހާއަށެވެ. އިންޑިޔާގެ ދުސްތޫރީ ނިޒާމު އެކަށައެޅިފައި އޮންނަ ގޮތުން، ޔޫނިއަން ޓެރިޓަރީތަކުގެ ކަންކަން ހިންގާން އާއްމު އުސޫލަކުން ތިބޭނީ "އެޑްމިނިސްޓްރޭޓަރުން" ނުވަތަ "ލެފްޓިނެންޓް ގަވަރުނަރުން" ނެވެ. ލަކްޝަދީބުގައި ހުންނަނީ އެޑްމިނިސްޓްރޭޓަރެކެވެ. އިންޑިއާގެ ގާނޫނުއަސާސީގެ 239 ވަނަ މާއްދާގެ ދަށުން، މި މަގާމަށް މީހަކު އައްޔަން ކުރާނީ އިންޑިއާގެ ރައީސެވެ. ނަމަވެސް، ރައީސްގެ އައްޔަން ކުރުމުގެ އަމަލުފުޅަކީ ގާތްގަނޑަކަށް ރަމްޒީ ކަމެކެވެ. އެ މަގާމަށް ގެނެވޭ މީހާ ކަނޑައެޅުމުގެ ހަގީގީ ބާރު އޮންނަނީ ބޮޑުވަޒީރަށެވެ. ވެރިކަން ހިންގާ ޕާޓީއަށެވެ.

ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރެއްގެ މަގާމުގައި ކުރީން ހުންނެވި ދިނޭޝްވަރް ޝަރްމާ މި ދިޔަ އަހަރުގެ ޑިސެންބަރު މަހު ނިޔާ ވުމާ ގުޅިގެން، އެ މަގާމަށް އައްޔަން ކުރެވުނު ޕްރަފުލް ޕަޓޭލަކީ، އިންޑިޔާގެ ވެރިކަން ކުރާ ބާހރަތިޔާ ޖަނަތާ ޕާޓީގެ އިސް ލީޑަރެކެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އެންމެ މުއުތަބަރު ބައިވެރީންގެ ތެރެއިން އެކެކެވެ. މޯދީ އިންޑިޔާގެ ވިލާޔަތެއް ކަމަށް ވާ ގުޖުރާތުގެ ޗީފް މިނިސްޓަރެއްގެ މަގާމުގައި ހުރި ދުވަސްވަރު، ގުޖުރާތުގެ މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ މަގާމު ވެސް އަދާ ކުރި މީހެކެވެ. ކަން ކުރެވެމުން އައި އުސޫލަށް ބަލާ އިރު، ޕްރަފުލް ޕަޓޭލަކީ ލަކްޝަދްވީޕްގެ އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އައްޔަން ކުރެވިގެން ވާނޭ ވެސް މީހެއް ނޫނެވެ. އެ ގޮތަކީ، ޒަމާނުއްސުރެ އަމަލު ކުރެވެމުން އައި އުރުފަކީ، އިންޑިއަން އެޑްމިނިސްޓްރޭޓިވް ސަރވިސް (އައިއޭއެސް) ނުވަތަ އިންޑިއަން ޕޮލިސް ސަރވިސް (އައިޕީއެސް) ގެ ދާއިރާގައި ޚިދުމަތުގައި އުޅެ ތަޖުރިބާ ލިބިފައި ވާ މީހަކު އެ މަގާމަށް އައްޔަން ކުރުމެވެ. ލަކްޝަދީބަށް މިހައިތަނަށް އައްޔަން ކުރެވުނު 34 އެޑްމިނިސްޓްރޭޓަރުންނަކީ އެ އުސޫލުން އައްޔަން ކުރެވުނު މީހުންނެވެ. ޕްރަފުލް ޕަޓޭލަކީ އައިއޭއެސް ނުވަތަ އައިޕީއެސްގައި ދުވަހަކު ވެސް މަސައްކަތް ކޮށްފައި ވާ މީހެއް ނޫނެވެ. އޭނާ އަކީ ފެށުނީއްސުރެ ސިޔާސީ މީހެކެވެ. ބީޖޭޕީގެ ސިޔާސީ މުހައްރިކެކެވެ. ސިޔާސީ ލީޑަރެކެވެ. ބީޖޭޕީގެ ކަނާތު ފިޔައިގެ ހަރުކަށި އަދި ތައައްސުބީ ފިކުރުގެ މުހައްރިކެކެވެ.

ޕްރަފުލް ޕަޓޭލް ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އައުމަށް ފަހު، އޭނާ ކަންކަން ކުރަމުން އަންނަ ގޮތުން ފެންނަނީކީ ނާގާބިލުކަން ނުވަތަ ޒިންމާ ނުނެގުމުގެ މަންޒަރެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ރޭވިފައި ވާ ބޮޑު ރޭވުމެއްގެ ތެރެއިން، ލަކްޝަދްވީޕުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތަކެއް ހިންގެމުން ދާ މަންޒަރެވެ.

މި މަހައްލުގައި، އަޅުގަނޑު ފާހަގަ ކޮށްލާން ބޭނުން ވާ ވަރަށް މުހިއްމު ނުކުތާއެއް އެބައޮތެވެ. އިންޑިޔާ އަކީ އަޅުގަނޑުމެން ވެސް ލޯބި ވާ، އަޅުގަނޑުމެން ވެސް އިހުތިރާމު ކުރާ ގައުމެކެވެ. ޚުދު އަޅުގަނޑުމެން ދިވެހީންގެ އަސްލު އެ ބިމަކާ ގުޅިފައި ވާ ހަމަ ގައިމު ވެސް އެއް ބިމަކީ އިންޑިޔާގެ ބިމެވެ. ސަބްކޮންޓިނެންޓުގެ ބިމެވެ. އިންޑިޔާ މިނިވަން ދައުލަތަކަށް ވީއްސުރެ، ދިވެހިރާއްޖެ އާއި އިންޑިޔާ އާ ދެމެދުގައި އޮތީ ގާތް އަދި މުހުތަރަމު ގުޅުމެކެވެ. އިންޑިޔާގެ ރައްޔިތުންނާއި އަޅުގަނޑުމެން ދިވެހީންނާ ދެމެދު އޮތް ގުޅުމަކީ ދުވަހަކު ވެސް ދެ ގޮތެއް ނުވާނޭ ގުޅުމެއް ކަމަށް ވެސް އަޅުގަނޑު ދެކެމެވެ. އެކަމަށް އުއްމީދު ވެސް ކުރަމެވެ. ނަމަވެސް، އިންޑިޔާގެ ވެރިކަމުގައި މިހާރު އޮތް ބާހރަތިޔާ ޖަނަތާ ޕާޓީގެ (ބީޖޭޕީ) ސަރުކާރުން ކަންކަން ކުރަމުން ދާ ގޮތުން، އެ ސަރުކާރާ ދެކޮޅަށް އަދުލުއިންސާފާއި އިންސާނިއްޔަތުގެ ބަސް އިއްވުމަކީ ނުކޮށް ވާން ނެތް ކަމެކެވެ. މި ވާހަކަތައް ދައްކާން ޖެހޭ ސަބަބަކީ މިއެވެ. މިއީ އެއްވެސް ހާލެއްގައި އިންޑިޔާގެ ލޮބުވެތި އަދި އެކުވެރި ރައްޔިތުންނަށް ރައްދު ކުރެވޭ ބަހެއް ނޫނެވެ. މިއީ އިންސާނިއްޔަތާއި ތަހުޒީބުގެ އެންމެހައި ހައްދުތަކެއް ފަހަނައަޅައި ގޮސްފައި ވާ، އަނިޔާވެރި އަދި "ފޭޝިސްޓް" ޚުދުމުޚުތާރިއްޔަތަކާ ދެކޮޅަށް ދައްކާން މަޖުބޫރު ވެފައި ވާ ވާހަކައެވެ.

ލަކްޝަދީބުގެ ރައްޔިތުން ވަނީ އެމީހުންނާ ދެކޮޅަށް ޕްރަފުލް ޕަޓޭލް، އޭނާގެ ލީޑަރުންނާއި އަމުރުވެރީންގެ ސިޔާސަތުތަކުގެ ދަށުން، ހިންގަމުން ގެންދާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ހިތްވަރާ އެކު ނުކުމެފައެވެ. "ސޭވް ލަކްޝަދްވީޕް" އާއި "ސްޓޭންޑް ވިތު ލަކްޝަދީބް" އާއި "ސްޕީކް ފޯރ ލަކްޝަދީބް" އާއި "ރިވޯކް އެލްޑީއޭއާރް" ފަދަ ހޭޝްޓެގުތަކާ އެކު، ވަރުގަދަ މީސްމީޑިއާ ކެންޕޭނެއް ދަނީ ހިންގެމުންނެވެ. ލަކްޝަދީބުގެ ރަށްތަކުގައި، ރައްޔިތުން ވެސް ގެންދަނީ ޝުއޫރު ފައުޅު ކޮށް، އެމީހުންގެ ހައްގުތަކަށް ޓަކައި އަޑު އުފުލަމުންނެވެ. އިންޑިޔާގެ އެތެރެއިން، ލަކްޝަދީބުގެ ރައްޔިތުންނަށް ހަމްދަރުދީ އާއި ތާއީދު ވެސް ދަނީ ލިބެމުންނެވެ. އެގޮތުން، ކެރެލާ ވިލާޔަތުގެ ސަރުކާރު ވެސް އޮތީ ޕްރަފުލް ޕަޓޭލާއި އޭނާގެ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ސާބިތު ވެއެވެ. ކޮންގްރެސް ޕާޓީގެ ޖެނެރަލް ސެކްރެޓަރީ ޕްރިޔަންކާ ގާނދީ އާއި، ޕާޓީގެ ނުފޫޒު ގަދަ ލީޑަރު ޝަޝީ ތަރޫރު ވަނީ މިކަމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އިންޑިއާގެ ގާނޫނު ހަދާ މަޖިލިހުގެ ބައެއް މެންބަރުން ވަނީ މި އަނިޔާތައް ހުއްޓުވައިދެއްވުން އެދިވަޑައިގެން، އިންޑިޔާގެ ރައީސް ރާމް ނާތު ކޯވިންދަށް ސިޓީ ވެސް ފޮނުވައިފައެވެ.

ނަމަވެސް ބީޖޭޕީ އޮތީ ދޫ ދޭ ގޮތަކަށް ކަމަކަށް ނުފެނެއެވެ. އެކި ދިމަދިމާއިން އައި ނުރުހުމާއި ކުށްވެރި ކުރުމުގެ ބަސްތަކަށް ބީޖޭޕީގެ ކެރެލާ ޔުނިޓުގެ ރައީސް ކޭ ސުރެންދްރަން ޖަވާބު ދީފައި ވަނީ، އެ ހުރިހައި ވާހަކަތަކަކީ ވެސް ދޮގު ކަމަށް ބުނެއެވެ. ގޮތް ދޫނުކުރުމާއި ބޯހަރުކަން ކުރިޔަށް ނެރެގެންނެވެ. އޭނާ ބުނެފައި ވަނީ، "އެއީ މޯދީ ސަރުކާރާއި ލަކްޝަދީބުގެ އެޑްމިނިސްޓްރޭޝަން ބަދުނާމު ކުރުމަށް ޓަކައި ދައްކާ ވާހަކަތަކެއް" ކަމަށެވެ. އޭނާ ބުނާ ގޮތުގައި ލަކްޝަދީބާ ބެހޭގޮތުން ދެކެވެމުންދާ ވާހަކަތަކަކީ "ކޮންގްރެސް ޕާޓީ އާއި، ސީޕީއައިއެމް، އަދި ހައްދުފަހަނައެޅި އިސްލާމީ ޖަމްއިއްޔާތަކުން ހަދަހަދައިގެން ފަތުރަމުން ގެންދާ ނަފްރަތްތެރި ވާހަކަތަކެކެވެ". ހަމަ އެހެންމެ، އޭނާ ބުނާ ގޮތުގައި، ލަކްޝަދީބުގައި މިހާރު އަޅަމުންދާ ފިޔަވަޅުތަކަކީ، ތަނަށް ތަރައްގީ ގެނައުމާ އެކު، "ޓެރަރިޒަމުގެ އަމަލުތަކުގެ އިންޒާރު ލިބިފައި ވާތީ" އެޅޭ ފިޔަވަޅުތަކެވެ. ބޮޑުތާ ޖެހުނީ، އެހެން ނޫންތޯއެވެ!

ޕްރަފުލް ޕަޓޭލްގެ އަނިޔާވެރި ސިޔާސަތުތައް ލަކްޝަދީބުގެ މައްޗަށް އަނދިރި ހިޔަންޏެއްގެ ގޮތުގައި އެޅިފައި ވާ ގޮތް ބަޔާން ކޮށްދޭ އެތައް ވީޑިއޯތަކެއް މިހާރު ވަނީ މީސްމީޑިއާގެ މަންސަތަކުގައި ޝާއިއު ކުރެވިފައެވެ. އޭގެ ތެރޭގައި، މަކްތޫބު މީޑިއާގެ ޔޫޓިޔުބު ޗެނަލުގައި ޝާއިއު ކޮށްފައި ވާ ވީޑިއޯއަކާއި، އިންސާނީ ހައްގުތަކަށް ޓަކައި މަސައްކަތް ކުރާ މުހައްރިކެއް އަދި ނަފްސާނީ ޑޮކްޓަރެއް ކަމަށް ވާ ވާފީ ޝިހާދު އޭނާގެ އިންސްޓަގްރާމުގައި ޝާއިއު ކޮށްފައި ވާ ވީޑިއޯއެއް ހިމެނެއެވެ. މި ވީޑިއޯތަކުގައި ފާހަގަ ކޮށްފައި ވާ މުހިއްމު ކަންކަން ބަޔާން ކޮށްލާނަމެވެ.

ޕްރަފުލް ޕަޓޭލް އޭނާގެ ޓީމާ އެކު ލަކްޝަދީބާ ހަވާލު ވި އިރު، ލަކްޝަދީބުގައި ކޮވިޑް-19 ގެ އެއްމެ ވޭދަނައެއް ވެސް ރިކޯޑު ކުރެވިފައެއް ނުވެއެވެ. ލަކްޝަދީބު އިންޑިޔާގެ މައިބިމާ މުޅީން ވަކި ވެފައި އޮންނަ އޮތުމާއި، ރައްކައުތެރިކަމަށް ޓަކައި އެޅިފައި ހުރި މުހިއްމު ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. ނަމަވެސް ޕަޓޭލްގެ އަމުރުގެ ދަށުން އެންމެ ފުރަތަމަ ވެސް ކުރި އެއް ކަމަކީ، ލަކްޝަދީބުގެ ރަށްތަކަށް ދަތުރު ކުރާ މީހުން ކަރަންޓީނު ވުމަށް ޓަކައި ގާއިމު ކުރެވިފައި އޮތް ހަރުދަނާ ނިޒާމު ރޫޅައިލުމެވެ. ކޮވިޑް-19 އާ ދެކޮޅު ޕްރޮޓޮކޯލްތަކުގެ ނިޒާމު ރޫޅައިލުމެވެ. ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮތިއްޔާ، އެ ޓެސްޓު ހެއްދިތާ 48 ގަޑި އިރު ނުވިޔަސް، ލަކްޝަދީބަށް ދަތުރު ކުރެވޭ ގޮތަށް އުސޫލު ބަދަލު ކޮށްލުމެވެ. ބޭނުން ކޮންމެ މީހަކަށް ބޭނުން އިރަކު ފަސޭހަކަމާ އެކު ލަކްޝަދީބަށް އައިސްގޮސް ވެއުޅެވޭ ގޮތް ހެދުމެވެ. ނަތީޖާއަކަށް ވީ، އިސާހިތަކު ލަކްޝަދީބުގައި ކޮވިޑް-19 ފެތުރި، 7000 އާ ކައިރި ކުރާ އަދަދެއްގެ ރައްޔިތުން ބައްޔަށް ފައްސި ވުމެވެ. 100 ވަރަކަށް މީހުން މަރު ވުމެވެ.

ކޮވިޑް-19 ލަކްޝަދީބަށް "އިންޕޯޓު" ކުރެވުނުތާ މާކަ ގިނަ ދުވަހެއް ނުވެ، ފެނިގެން ދިޔައީ އަނިޔާވެރިކަމާއި ހަރުކަށިކަމުގެ މިސާލުތަކެއް ފަދަ ގަވާއިދުތަކެއް ތައާރަފު ކުރެވުނު ތަނެވެ.

އޭގެ ތެރެއިން ފުރަތަމަ ގަވާއިދަކީ "ލަކްޝަދްވީޕް އެންޓި-ސޯޝަލް އެކްޓިވިޓީޒް ރެގިޔުލޭޝަން 2020" އެވެ. އާއްމުކޮށް ކިޔާ ގޮތަށް ނަމަ، "ގުންޑާ އެކްޓް" އެވެ. މިއީ، އެޑްމިނިސްޓްރޭޓަރާއި އޭނާގެ އޮފިސަރުންނަށް، ކޮންމެ ރައްޔިތަކު ވެސް ހައްޔަރު ކޮށްގެން ޝަރީއަތް ކުރުމެއް ނެތި ބަންދުގައި ބަހައްޓައިގެން ގެންގުޅުމުގެ ބާރު ލިބިދޭ ގަވާއިދެކެވެ. މި ގަވާއިދުގެ ދަށުން، މުޖުތަމައަށް ނުރައްކަލެއް ކަމަށް އެޑްމިނިސްޓްރޭޝަނަށް ފެންނަ ހަމަ ކޮންމެ މީހަކު ވަގުތުން ހައްޔަރު ކުރެވެއެވެ. އާއްމު ޖިނާއީ ގާނޫނުތަކުގެ ދަށުން ހައްޔަރު ކުރެވޭ މީހުންނާ ޚިލާފަށް، "ގުންޑާ އެކްޓް" ގެ ދަށުން ހައްޔަރު ކުރެވޭ މީހުންނަށް، ޖިނާއީ އިޖުރާއާތުގެ ނިޒާމުން ކަށަވަރު ކޮށްދެވޭ އެތައް ހައްގުތަކެއް ވެސް އޮންނަނީ ނުލިބޭ ގޮތަށެވެ. ލަކްޝަދީބަކީ އެންމެ 70 ހާސް މީހުން ދިރިއުޅޭ ތަނެކެވެ. އިންޑިޔާގައި ކުށުގެ ރޭޓު އެންމެ ދަށް ހިސާބަކީ ލަކްޝަދީބެވެ. އެތަނުގެ ޖަލުތައް ވެސް އާއްމު ގޮތެއްގައި ހުންނަނީ ހުހަށެވެ. ވީ އިރު، މިފަދަ ހަރުކަށި، އަދި އިންޑިޔާގެ މީހުން ގިނަ ހިސާބުތަކުގައި ބޮޑެތި ގޭންގުތަކާއި "އޮގަނައިޒްޑް ކްރައިމް" އާ ދެކޮޅަށް ހެދިފައި ވާ ގަވާއިދެއް ލަކްޝަދީބަށް ވެސް ތައާރަފު ކޮށް ހިންގުމުގެ ބޭނުމަކީ ކޮބައިހެއްޔޭ، މިއީ އެންމެން ވެސް ކުރާ ސުވާލެވެ.

ދެވަނަ ގަވާއިދަކީ "ލަކްޝަދްވީޕް އެނިމަލް ޕްރިޒަރވޭޝަން ރެގިޔުލޭޝަން 2021" އެވެ. މި ގަވާއިދުގެ ދަށުން، ލަކްޝަދީބުގައި އެއްވެސް ގޮތަކަށް ގެރި ކަތިލުމާއި، ގެރިމަހުގެ އެއްވެސް އުފެއްދުމެއް އުފެއްދުމާއި، ގަނެ ވިއްކުމާއި، ބޭނުން ކުރުން ވަނީ މުޅީން މަނާ ކުރެވިފައެވެ. ގެރިމަސްކޮޅެއް ގަނެލައި ނުވަތަ ވިއްކައިލައި ހެދުމުގެ އަދަބަށް ވެސް، ގިނަ ވެގެން 10 އަހަރުގެ ޖަލުހުކުމެއް މި ގަވާއިދުގައި ކަނޑައެޅިފައި ވެއެވެ. މީގެ އިތުރުން، ގަވާއިދުގައި ބުނާ ގޮތުން ކޮންމެ ކަހަލަ ޖަނަވާރެއް ވެސް ކަތިލައި ހެދޭނީ، ރަސްމީ އިދާރާތަކުން ދޫކުރާ ޚާއްސަ ސެޓުފިކެޓެއް އޮވެގެންނެވެ. ލަކްޝަދީބަކީ އާއްމު ގޮތެއްގައި އެއްގަމު މަހުގެ ބާވަތްތަކުގެ މައްޗަށް އެކުލެވޭ ކާނާ ކައިއުޅޭ ރައްޔިތުންތަކެއް ދިރިއުޅޭ ތަނަކަށް ވާ އިރު، މިފަދަ ގަވާއިދެއްގެ ސަބަބުން ރައްޔިތުންނަށް ކުރިމަތި ވާނޭ ދަތިތަކާއި ތަކުލީފުތައް ނުހަނު ބޮޑު ވާނެއެވެ.

"ލަކްޝަދްވީޕް ޕަންޗާޔަތު ރެގިޔުލޭޝަންސް" ގެ ނަމުގައި ވެސް ގަވާއިދުތަކެއް ވަނީ ނެރެވިފައެވެ. މި ގަވާއިދުތަކުގެ ދަށުން ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރަށް ކުރީން ލިބިދީފައި ނޯންނަ އެތައް ބާރުތަކެއް ލިބިދީފައި ވެއެއެވެ. އެއާއެކު، މި ގަވާއިދުގެ ވަސީލަތުން ތައާރަފު ކުރެވިފައި ވާ އެއް އުސޫލަކީ، ދެ ދަރީންނަށް ވުރެ ގިނަ ދަރީން ތިބޭ އެއްވެސް މީހަކަށް، ޕަންޗާޔަތުގެ މެންބަރުކަމަށް ވާދަ ނުކުރެވުމުގެ އުސޫލެވެ. ޕަންޗާޔަތަކީ، އަޅުގަނޑުމެންގެ ރާއްޖޭގައި ނަމަ، ކައުންސިލެވެ. ރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި ސިޓީ ކައުންސިލެވެ. މިއީ ކޮން ގޮތަކުން ދެކޮޅު ޖެއްސޭނޭ ކަންކަން ބާވައެވެ! މި ހުންނަނީ ލަދުހުތުރު ކަންކަން ނޫން ބާވައެވެ!

ހަތަރުވަނަ ގަވާއިދަކީ "ލަކްޝަދްވީޕް ޑިވެލޮޕްމަންޓް އޮތޯރިޓީ ރެގިޔުލޭޝަންސް" ގެ ނަމުގައި ނެރެވުނު ހަމަތަކެވެ. މި ގަވާއިދުގެ ދަށުން، ލަކްޝަދީބުގެ ރައްޔިތުންގެ ގެދޮރާއި ދަނޑުފަނގުގެ ގޮތުގައި ހުރި ކޮންމެ ބިމެއް ވެސް، އަދި މިސްކިތްތަކާއި ގަބުރުސްތާނު ފަދަ އާއްމު ބިންތައް ވެސް، "ތަރައްގީ" އާއި "ފަތުރުވެރިކަމުގެ" ބޭނުމަށް ޓަކައި ދައުލަތަށް ހިފުމުގެ ފުރިހަމަ ބާރު އެޑްމިނިސްޓްރޭޓަރަށް ވަނީ ދެވިފައެވެ. އަދި އެގޮތުގެ މަތީން ބިމެއް ނެގުމަށް އޭނާ ނިންމާ ނިންމުމަށް އެއްވެސް ފަރާތަކަށް ތައުނު ނުކުރެވޭނޭ ކަމަށް ވެސް ގަވާއިދުގައި ވަނީ ކަނޑައަޅައިފައެވެ. އަދި މި ގޮތުގެ މަތީން ކުރެވޭ މަސައްކަތާ ދެކޮޅު ހެދުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެ ކުށަށް ބޮޑެތި އަދަބުތައް ވެސް ވަނީ ގަވާއިދުގައި ހިމަނައިފައެވެ.

މީގެ އިތުރުން ވެސް، އެތައް އަނިޔާތަކެއް ޕްރަފުލް ޕަޓޭލްގެ އެޑްމިނިސްޓްރޭޝަނުން ގެންދަނީ ލަކްޝަދީބުގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ހިންގަމުންނެވެ. އޭގެ ތެރެއިން އެއް ކަމަކީ، ރަށްރަށުގެ އަތިރިމަތީގައި ހުރި މަސްވެރި އާއިލާތަކުގެ ހަރުގެތައް ސުންނާފަތި ކުރުމެވެ. މި އަމަލުގެ ސަބަބުން އެތައް އާއިލާއެއް ވަނީ ދިރިއުޅުމަށް ކުރަމުން އައި މަސައްކަތް ހުއްޓައިލާން މަޖުބޫރު ވެފައެވެ. ދެވަނަ ކަމަކީ، އާލަމީ ވަބާއެއްގެ މެދުތެރޭގައި ސަރުކާރުގެ ވަޒީފާތަކުގައި ތިބި އެތައް ބަޔަކު ވަޒީފާތަކުން ވަކި ކޮށް ފަގީރުކަމުގެ ތެރެއަށް އެއްލައިލައި މަގުމަތި ކުރުމެވެ. ތިންވަނަ ކަމަކީ، ރަސްމީ މީޑިއާ އިދާރާއެއް ނުހުންނަ ލަކްޝަދީބުގެ ޚަބަރުތައް ފެތުރުމަށް ޓަކައި މަސައްކަތް ކުރާ ނޫސްވެރީންގެ ވެބްސައިޓުތައް ބަންދު ކުރުމެވެ. ހަތަރުވަނަ ކަމަކީ "މިނިމަމް ވޭޖް" އަށް އެދި މުޒާހަރާ ކުރި ނަރުހުންގެ މައްޗަށް ގަދަބަދަވިކަން ދައްކައި އެމީހުން ހައްޔަރު ކުރުމެވެ. ފަސްވަނަ ކަމަކީ، 95 އިންސައްތަ މުސްލިމު ސަރަހައްދެއް ކަމަށް ވާ ލަކްޝަދީބުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން ހުއްދަ ކޮށް ބަނގުރާ ވިއްކާ ތަންތަން ހުޅުވުމެވެ. ބައެއް ފަރާތްތަކުން ބުނަނީ، ލަކްޝަދީބުގައި ހިނގާ ކަންކަން ދުނިޔެއަށް އެނގުނަނުދިނުމަށް ޓަކައި، އެ ސަރަހައްދުން މޯބައިލް ފޯނުގެ ޚިދުމަތް ވެސް ކަނޑައިލުމަށް ބީޖޭޕީން ރާވަމުން ދާ ކަމަށެވެ.

މި ނާތަހުޒީބު، ލާއިންސާނީ، ބޭހަޔާއީ، އަދި ރަހުމު ކުޑަ އަމަލުތަކުގެ މަގުސަދަކީ ކޮބައިބާވައެވެ! މި އަމަލުތަކުގެ ވަސީލަތުން، ހާސިލު ކުރުމަށް މަސައްކަތް މި ކުރެވެނީ ކޮން ލަނޑުދަނޑިތަކެއް ބާވައެވެ! މިއީ މިއަދު އިންޑިޔާގެ ދެން ތިބި ރައްޔިތުން ވެސް، އަދި އިންސާނިއްޔަތާއި އަދުލުއިންސާފަށް ލޯބި ކުރާ އެންމެހައި މީސްތަކުން ވެސް ސީރިޔަސްކަމާ އެކު ކުރާން ޖެހިފައި ވާ ސުވާލެވެ!

އެއާއެކު، އަޅުގަނޑުމެން ދިވެހީން ވެސް މި ޚުޠޫރަތްތެރި ވަގުތުގައި އަދާ ކުރާން ޖެހޭ ވާޖިބުތަކެއް އެބަހުއްޓެވެ. އެއީ މި ލާއިންސާނިއްޔަތާއި ޒުލްމުވެރިކަމަށް ނުރުހުން ފައުޅު ކުރުމެވެ. އަޅުގަނޑުމެން މި ތިބީ "ތިމަން ރަސްކަލާނގެ ޒާތުފުޅަށް ވެސް އަނިޔާވެރިކަން ޙަރާމް ކުރެއްވީމޭ" މިފަދައިން އެންގެވި އިލާހަށް އީމާން ވެގެންނެވެ. އެހެންކަމުން، އަނިޔާވެރިކަމަށް ނޫނެކޭ ނުބުނެ، ހައްޕު ކިޔައިގެން، ބިރުން ހިމޭން ވެގެން ތިބުމަކީ އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް ޚިޔާރެއް ނޫނެވެ.

ރަނގަޅެވެ! ލަކްޝަދީބަކީ އިންޑިޔާގެ ބައެއް ކަމަށް ވާތީ، އެތަނުގެ ކަންކަން އިންތިޒާމު ކޮށް ބެލެހެއްޓުމުގެ ހައްގު އިންޑިޔާއަށް އޮންނާނެއެވެ. އެތަނުގެ މައްޗަށް ހިނގާނީ އިންޑިޔާގެ ސިޔާދަތީ ބާރެވެ. އިންޑިޔާގެ މި ހައްގަށް އަޅުގަނޑުމެން ވެސް، އަދި ދުނިޔޭގެ އެހެން ގައުމުތައް ވެސް އިހުތިރާމު ކުރާން ވާނެއެވެ. ނަމަވެސް، އެއާ އެކު އަޅުގަނޑުމެން ގަބޫލު ކުރާން ޖެހޭނޭ އެހެން ހަގީގަތެއް ވެސް އެބައޮތެވެ. އެ ހަގީގަތަކީ، ގައުމަކުން އެ ގައުމެއްގެ ރައްޔިތުންގެ ތެރެއިން ބަޔަކާ މެދު އިންސާނިއްޔަތާ ޚިލާފު، އަނިޔާވެރި، އަދި އަދުލުއިންސާފުގެ އަސާސީ އުސޫލުތައް ގަބޫލު ނުކުރާ ޒާތުގެ ކަންތައްތަކެއް ކުރާ ހާލަތެއްގައި، އެއީ ގޯހެއްކަން ފާހަގަ ކޮށް، އެފަދައިން އަމަލު ކުރުން ބަލައިނުގަންނަކަން ބަޔާން ކުރުމަކީ މުޅި އިންސާނިއްޔަތުގެ މައްޗަށް އޮތް ވާޖިބެއް ކަމެވެ. އަނިޔާ އާއި ބޭއިންސާފާއި ޒުލްމުގެ އަމަލުތަކުގެ ކުރިމަތީގައި ލޯ މަރައިލުމަކީ އިންސާނީ ޝަރަފާއި ކަރާމާތާ އެކަށީގެން ނުވާ ކަމެއް ކަމަށް ވާތީއެވެ. ބީޖޭޕީގެ އަނިޔާވެރިކަމުގެ އުޑީގައި ފިތެމުން ގޭނެމުން ދާ ލަކްޝަދީބުގެ ރައްޔިތުންނަކީ އަޅުގަނޑުމެން ފަދަ މުސްލިމުން ކަމަށް ވުމާއި، އޭގެ ތެރޭގައި އަޅުގަނޑުމެންގެ އަމިއްލަ ލެއި ކަމަށް ވާ ދިވެހި ނަސްލުގެ އާބާދީއެއް ވެސް އެބައޮތްކަން ވެސް ފާހަގަ ކުރާން ޖެހެއެވެ. މި ހުރިހައި ކަމަކަށް ވިސްނުމުން، މިއަދު އަޅުގަނޑުމެން ލަކްޝަދީބުގެ ހައްގުގައި ބަސް ބުނުމުގެ ވާޖިބު އެތައް ގުނައެއް އިތުރު ވެއެވެ. ޔަގީނެވެ. މި ކަމުގައި ދިވެހީން ބަސް ނުބުނެ ހިމޭނުން ތިބެއްޖެއްޔާ، އަޅުގަނޑުމެންނަކަށް ދެން ދުވަހަކު ވެސް އިންސާނީ ޝަރަފާއި ކަރާމާތާ އެކު އަނގަ ހުޅުވައިލުމުގެ އެއްވެސް ހައްގެއް ނޯންނާނެއެވެ. މީސްމީޑިއާއިން ފެންނަ ގޮތުގައި، ދިވެހި ރައްޔިތުން ދަނީ މި ކަމާ މެދު ހެޔޮ ގޮތުގައި ޝުއޫރު ފައުޅު ކުރަމުންނެވެ. ދިވެހި ސަރުކާރު ވެސް ޒިންމާ އަދާ ކުރައްވާށެވެ! ހަރުކަށި އިބާރާތުން، ލަކްޝަދީބުގެ ރައްޔިތުންނަށް ކުރެވެމުން ދާ އަނިޔާ ކުށްވެރި ކުރައްވާށެވެ! "ޑިޕްލޮމެސީ" ގެ މަގުން، އެ އަނިޔާ ހުއްޓުވޭތޯ ކުރެއްވެވޭން އޮތް ކޮންމެ ކަމެއް ކުރައްވާށެވެ!

comment ކޮމެންޓް