މާލީގައި ބަޣާވާތް ކުރި ލީޑަރު ރައީސް ކަމަށް އައްޔަންކޮށްފި

މާލީގެ ރައީސް ކަމަށް އަސިމީ ގޮއިޓާ ވަނީ އައްޔަންކޮށްފަ -- ފޮޓޯ: ރޮއިޓާސް

ބަމަކޯ (މެއި 29): މާލީއަށް ފާއިތުވި ނުވަ މަސް ތެރޭގައި ގެނައި ދެވަނަ ބަޣާވާތުގައި އިސްކޮށް ހުންނެވި ސިފައިންގެ ކާނަލް އަދި ނައިބު ރައީސް އަސިމީ ގޮއިޓާ އެގައުމުގެ ދުސްތޫރީ ކޯޓުން ރައީސްކަމަށް އައްޔަންކޮށްފި އެވެ.

މާލީގެ ދުސްތޫރީ ކޯޓުން ނެރުނު އަމުރުގައި ވަނީ މަދަނީ ސަރުކާރެއް ގާއިމު ކުރެވެންދެން އިންތިގާލީ ސަރުކާރުގެ ރައީސްކަމުގައި ދެން ހުންނަވާނީ ގޮއިޓާ ކަމަށެވެ. އަދި އެގޮތަށް ނިންމާފައި ވަނީ ކުރީގެ ރައީސް ބާ އެންޑޯ އިސްތިއުފާ ދެއްވުމުން، މަގާމު ހުސްވެފައި ވާތީ ކަމަށެވެ.

މާލީގެ އަސްކަރިއްޔާއިން މިދިޔަ އޮގަސްޓު މަހު ފުރަތަމަ ބަޣާވާތް ކުރީ އޭރުގެ ރައީސް އިބްރާހިމް ބޫބަކާރު ކެއިޓާއާ ދެކޮޅަށް އެގައުމުގައި ބޮޑެތި މުޒާހަރާތައް ބާއްވާތާ މަސްތަކެއްވީ ފަހުންނެވެ. އެ މުޒާހަރާތައް ބޭއްވީ އޭނާގެ ވެރިކަމުގައި ގައުމުގެ އިގުތިސާދީ އަދި ސަލާމަތީ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް ގިނަ އަދަދެއްގެ މީހުން ދެކޭތީ އެވެ.

އެއަށް ފަހު މާލީގެ ވެރިކަމާ އަސްކަރިއްޔާއިން ހަވާލުވެއްޖެ ނަމަ ސަރަހައްދީ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމުން އެގައުމުގައި އަންނަ ފެބްރުއަރީ މަހު ރިޔާސީ އިންތިހާބެއް ބާއްވާ، މަދަނީ ސަރުކާރެއް އެކުލަވާލެވެންދެން އިންތިގާލީ ސަރުކާރެއް އުފެއްދި އެވެ. އެ ސަރުކާރުގެ ރައީސް ކަމަށް އެންޑޯ އައްޔަން ކުރި އިރު ނައިބު ރައީސް ކަމާ ގޮއިޓާ ހަވާލުވެވަޑައިގެންނެވި އެވެ. އަދި ސިފައިންނަށް ކެބިނެޓުގެ މުހިއްމު މަގާމުތައް ދިނެވެ.

ނަމަވެސް އެ ސަރުކާރަށް ބަދަލުތަކެއް ގެނެސް، ދެ ސިފައިންގެ މީހެއްގެ މަގާމު އަތުލި ފަހުން މިދިޔަ ހޯމަ ދުވަހު އަސްކަރިއްޔާއިން ރައީސް އެންޑޯ އާއި ބޮޑުވަޒީރު މޮކްޓާ އާން ހައްޔަރު ކުރި އެވެ. އަދި އެ ދެ މީހުން ދޫކޮށްލީ މިދިޔަ ބުދަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

comment ކޮމެންޓް