ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ސީރިއާގެ ރައީސް ބައްޝާރުލް އަސަދާއި އަނބިކަނބަލުން އަސްމާ -- ފޮޓޯ: އޭއެފްޕީ

ދިމިޝްގު (މެއި 28): ސީރިއާގައި ބުދަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު އެގައުމުގެ ރައީސް ބައްޝާރުލް އަސަދު ކާމިޔާބު ކުރައްވައިފި އެވެ.

ސީރިއާގެ ޕާލިމެންޓުގެ ރައީސް ހަމޫދަ ސަބާގް ވިދާޅުވި ގޮތުގައި އެ އިންތިހާބުގައި 14 މިލިއަން މީހުން ވޯޓު ދިނެވެ. އެއީ އެގައުމުގެ އާބާދީގެ 78 ޕަސެންޓެވެ. އަދި އޭގެ ތެރެއިން 95.1 ޕަސެންޓު މީހުން ވޯޓު ދިނީ އަސަދަށެވެ.

އެ އިންތިހާބުގައި އަސަދާ ދެކޮޅަށް ވާދަ ކުރެއްވީ ވޯޓުގައި ބައިވެރިވުމަށް ސަރުކާރުގެ ހުއްދަ ލިބުނު ދެ ކެނޑިޑޭޓެކެވެ. އެއީ ކުރީގެ ސްޓޭޓް މިނިސްޓަރެއް ކަމަށްވާ އަބްދުﷲ ސަލޫމް އަބްދުﷲ އާއި އިދިކޮޅު ޕާޓީއެއް ކަމަށްވާ ނެޝަނަލް ޑިމޮކްރެޓިކް ފްރޮންޓުގެ ރައީސް މަހުމޫދު އަހުމަދު މަރައި އެވެ. އޭގެ ތެރެއިން އަބްދުﷲއަށް 1.5 ޕަސެންޓު ވޯޓު ލިބުނު އިރު މަރައިއަށް ލިބުނީ 3.3 ޕަސެންޓު ވޯޓެވެ.

އެ އިންތިހާބުގައި ވާދަ ކުރަން އިތުރު 48 މީހަކު އެދުނު ނަމަވެސް އެމީހުންނަކަށް ހުއްދައެއް ނުލިބުނެވެ.

ސިރިއާގެ ރައީސްކަމުގެ ހަތަރު ވަނަ ދައުރެއް އަސަދަށް ލިބުމާ އެކު އެ އާއިލާގެ ވެރިކަން އިތުރު ހަތް އަހަރަށް ދެމިގެންދާނެ އެވެ. މީގެ ކުރިން 2000 ވަނަ އަހަރު ބައްޝާރުލް އަސަދު ރައީސް ކަމަށް ވަޑައިގެންނެވުމުގެ ކުރިން އޭނާގެ ބައްޕާފުޅު ހާފިޒުލް އަސަދު ވަނީ އެގައުމުގައި 30 އަހަރު ވަންދެން ވެރިކަން ކުރައްވާފަ އެވެ.

އެ އިންތިހާބު ބޭއްވުމުގެ ކުރިން އދ.އިން ވަނީ ބައިނަލްއަގުވާމީ މޮނިޓަރުންނާ އެކު ވޯޓު ކުރިއަށް ގެންދިޔުމަށް ގޮވާލާފަ އެވެ. އަދި ފްރާންސް، ޖަރުމަނު، އިޓަލީ، އިނގިރޭސިވިލާތް އަދި އެމެރިކާއިން ނެރުނު ބަޔާނެއްގައި ވަނީ އެއީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ނުވާނެ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ސީރިއާގެ އިރުމައްޗާއި އުތުރު ކޮންޓްރޯލް ކުރާ ސީރިއަން ޑިމޮކްރެޓިކް ކައުންސިލް (އެސްޑީސީ)އިން ވަނީ އެ އިންތިހާބު ބޯއިކޮޓް ކޮށްފަ އެވެ. އަދި އެ އިންތިހާބާ ދެކޮޅަށް އެ ސަރަހައްދުތަކުގައި އެއްވުންތައް ބާއްވާފައިވެ އެވެ.

އެ އިންތިހާބަކީ އަސަދާ ދެކޮޅަށް ބޭއްވި މުޒާހަރާތަކުން 2011 ވަނަ އަހަރު ފެށުނު ދާހިލީ ހަނގުރާމައިގެ ތެރޭގައި ބޭއްވި ދެވަނަ ރިޔާސީ އިންތިހާބެވެ. އެގޮތުން 2014 ވަނަ އަހަރު ބޭއްވި އިންތިހާބުގައި އޭނާއަށް 88.7 ޕަސެންޓު ވޯޓު ލިބުނެވެ.

ސީރިއާގެ ދާހިލީ ހަނގުރާމައިގައި މިހާތަނަށް ފަސް ލައްކައަށް ވުރެ ގިނަ މީހުން މަރުވެ، 11 މިލިއަން މީހުން މަގުމަތިވެފައިވެ އެވެ.

comment ކޮމެންޓް