ރައީސްގެ އެންގުމަށް ސިފައިންގެ ސްކްރީނުގައި ފަލަސްތީނުގެ ދިދަ އަޅުވައިފި

ސިފައިންގެ އިމާރާތުގެ ބޭރުގައި ހުންނަ ބޮޑު ސްކްރީނުގައި ފަލަސްތީނުގެ ދިދަ އަޅުވާފައި -- ފޮޓޯ: ނާޖިހު ދީދީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުމަށް، ޖުމްހޫރީ މައިދާން ކައިރީގައި ހުންނަ ސިފައިންގެ އިމާރާތުގެ ބޭރުގައި ހަރުކޮށްފައިވާ ބޮޑު ސްކްރީނުގައި ފަލަސްތީނުގެ ދިދަ އަޅުވައިފި އެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި އެތައް ސަތޭކަ ގެއެެއް ހަލާކުވެ އެތައް ހާސް އާންމުން ވަނީ ބޯހިޔާވަހިކަމަށް ޖެހިފަ އެވެ. އަދި ފަލަސްތީނުގެ ގިނަ އަދަދެއްގެ އާންމުން މަރުވެފައިވެ އެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެ އެވެ.

ފަލަސްތީނާއެކު ދިވެހީން ތިބިކަން ދެއްކުމުގެ ގޮތުން ދިވެހީން ގިނަ ހަރަކާތްތަކެއް ހިންގަމުންދާއިރު، މިއަދު ސިފައިންގެ ސްކްރީނުގައި ވަނީ ޕަލަސްތީނުގެ ދިދަ އަޅުވައިފަ އެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި ދިދަ އެޅުވީ ސީދާ ރައީސް ސޯލިހުގެ އެންގެވުމަށެވެ.

ސިފައިންގެ ސްކްރީނުގައި ފަލަސްތީނުގެ ދިދަ އެޅުއްވީ، ރައީސް ސޯލިހުގެ އެންގެވުމަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވަނީ "ސަން"އަށް ވިދާޅުވެފަ އެވެ.

"ރައީސް އެގޮތަށް ޑައިރެކްޓް ކުރެއްވި، ދިދަ އަރުވަން،" މަބްރޫކު ވިދާޅުވި އެވެ.

ޣައްޒާއަށް ދިން ހަމަލާތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިންވެސް ވަނީ ކުށްވެރިކުރައްވައިފަ އެވެ. މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވަނީ އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވަމުންދާ ކަމަށް ވިދާޅުވެ، އެގައުމުގެ އަމަލުތައް ކުށްވެރިކުރައްވައިފަ އެވެ.

އޭގެ އިތުރުން، އެމަނިކުފާނު މިއަދު ވަނީ ފަލަސްތީނުގެ ދިދައިގެ ފޮޓޯއަކާއެކު، ދިވެހީން ތިބީ ފަލަސްތީނާއެކު ކަމަށް ވިދާޅުވެ ޓްވީޓު ކުރައްވައިފަ އެވެ.

ސިފައިންގެ ސްކްރީނުގައި ފަލަސްތީނުގެ ދިދަ އެޅުވި އިރު، ގިނަ އަދަދެއްގެ އާންމުން ދަނީ ދިވެހީން ފަލަސްތީނާއެކު ތިބިކަން ދެއްކުމަށް އެކި ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން މިއަދު ބެލްކަނީތަކުގައިއާއި އިމާރާތްތަކުގެ ބޭރުގައި ފަލަސްތީނުގެ ދިދަަ އެޅުވުމުގެ ހަރަކާތެއްވެސް ވަނީ ހިންގައިފަ އެވެ.

އިސްރާއީލުން ޔަހޫދީން ވަޒަންވެރި ކުރުމަށްޓަކައި އިރުމަތީ ގުދުސްގެ ޝައިހް ޖައްރާހުން ފަލަސްތީނުގެ އާއިލާތައް ނެރެން މަސައްކަތް ކުރާތީއާއި އެގައުމުގެ ސިފައިން އަލް އަގްސާ މިސްކިތަށް ވަދެ، ފަލަސްތީނު މީހުންނަށް ހަމަލާ ދިން ފަހުން ފަލަސްތީނުގެ ގިނަ އަަދަދެއްގެ ރައްޔިތުން މުޒާހަރާ ކުރި އެވެ.

އެ ހަމަނުޖެހުންތަކުގެ ތެރެއިން ގައްޒާ ކޮންޓްރޯލް ކުރާ ހަމާސްއިން އިސްރާއީލަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދީފައިވާ އިރު، އިސްރާއީލުން ވަނީ ރައްދުގައި ގައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.

comment ކޮމެންޓް