މާމިގިލީގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 278 އަށް އަރައިފި

މާމިގިލި --

އދ. މާމިގިލީން ކޮވިޑް ޖެހުނު މީހަކު މަރުވެ، އެ ބައްޔަށް ޕޮސިޓިވްވި މީހުންގެ އަދަދު 278 އަށް އަަރައިފި އެވެ.

މާމިގިލީ ސިއްހީ މަރުކަޒުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޯމަ ދުވަހާ ހަމައަށް އެ ރަށުގައި ވަނީ 278 މީހަކު ކޮވިޑަށް ޕޮސިޓިވްވެފަ އެވެ. އަދި ދެ މީހަކު ބައްޔަށް ސީރިއަސްވެ، އެ ދެމީހުން ވަނީ މާލެއަށް ބަދަލުކޮށްފަ އެވެ.

އަދި އެ ދެމީހުންގެ ތެރެއިން، އުމުރުން 70 އަހަރުގެ އަންހެނަކު ވަނީ ރޭ މަރުވެފަ އެވެ. އޭނާ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. އެއީ ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވި 101 ވަނަ މީހާ އެވެ.

މާމިގިލީ ސިއްހީ މަރުކަޒުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި މަހު 10 އިން ފެށިގެން އިއްޔެއާ ހަމައަށް ވަނީ 133 މީހަކު ކޮވިޑަށް ޕޮސިޓިވްވެފަ އެވެ. އެއީ އެވެރެޖުކޮށް ދުވާލަކު 17 މީހުންގެ ރޭޓުން ޕޮސިޓިވްވުމެވެ. އަދި ހޯމަ ދުވަހާ ހަމައަށް އެބަލި ތަހައްމަލު ކުރާ، 159 މީހަކު އެ ރަށުގައި އެބަތިއްބެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 119 އެވެ.

މާމިގިލީގައި މިހާތަނަށް އަޅާފައިވާ ފިޔަވަޅަކީ ރޭގަނޑު 9 އިން ފެށިގެން ފަތިހު 4:00 އަށް ބޭރަށް ނުކުމެ އުޅުން މަނާކުރުމުގެ އިތުރަށް ކެފޭ، ރެސްޓޯރަންޓްތައް ބަންދުކުރުމެވެ. އިތުރު ފިވަޅެއް އަދި ނާޅަ އެވެ.

comment ކޮމެންޓް