ފަލަސްތީނުގެ ރޮކެޓް ހަމަލާތައް އިސްރާއީލުގެ ވެރިރަށަށް އަރައި 5 މީހުން މަރުވެ 80 އަށްވުރެ ގިނަ މީހުން ޒޚަމް ވެއްޖެ

މުޖާހިދުންގެ ރޮކެޓެއް އިސްރާއީލުގެ މަތިން ދަތުރުކުރަނީ

ޣައްޒާ (މޭ 12) : އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ލޭ އޮހޮރުވުން ބޮޑު އުދުވާނީ ހަމަލާތަކަށް ރައްދިނުމުގެ ގޮތުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން އިސްރާއީލަށް ދިން ރޮކެޓް ޙަމަލާތަކުގައި އިސްރާއީލުގެ ފަސް މީހުން މަރުވެ، 80 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

އިސްރާއީލުގެ ގިނަ ރައްތަކާއި އަވަށްތަކުގައި ސްކޫލްތަކާއި އޮފީސްތައް ބަންދުކޮށް އާންމުންވަނީ ބިންގަރާސްތަކަށް ވަދެ ފިލާފައި

ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކުން އިސްރާއީލުގެ އެކި ކަންކޮޅުތަކަށް 230 ރޮކެޓް ފޮނުވާލާފައިވާ އިރު އޭގެތެރެއިން 130 ރޮކެޓް ފޮނުވާލާފައި ވަނީ ޣައްޒާއާ 100 ކިލޯ މީޓަރަށް ވުރެ ދުރުގައި އޮންނަ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށެވެ. މުޖާހިދުންގެ ރޮކެޓް ޙަމަލާތަކާ ގުޅިގެން އިސްރާއީލުގެ މައި އެއާޕޯޓް ކަމަށްވާ ޓެލްއަވީވުގެ ބެންގޯރިއޮން އެއާޕޯޓް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ. މުޖާހިދުންގެ ރޮކެޓް ހަމަލާތަކާ އެކު ޓެލްއަވީވުގެ އެތަން މިތަނުގައި ވަނީ އަލިފާން ހިފައިފަ އެވެ. އަދި ޓެލްއަވީވާއި އިސްރާއީލުގެ ގިނަ ރައްތަކާއި އަވަށްތަކުގައި ސްކޫލްތަކާއި އޮފީސްތައް ބަންދުކޮށް އާންމުން ވަނީ ބިންގަރާސްތަކަށް ވަދެ ފިލައިފަ އެވެ.

މުޖާހިދުންގެ ރޮކެޓް ޙަމަލާއެއްގައި އިސްރާއީލުގެ ޓެލްއަވީވުގެ ސަރަހައްދެއް ސުންނާފަތިވެފައި

މުޖާހިދުން މިހާވަރުގަދަ ޙަމަލާތަކެއް އިސްރާއީލަށް ދީފައި މިވަނީ އިސްރާއީލުން އިއްޔެ ޣައްޒާގެ އެޕާޓްމަންޓް ބިލްޑިންގް އަކަށާއި ފުލުހުންގެ އެކުވެނި އިމާރާތަކަށް ޙަމަލާދީ 12 މީހުން ޝަހީދުކޮށް އެތައް ބަޔަކު ޒަޚަމް ކޮށްލުމާ ގުޅިގެންނެވެ. އޭގެ ކުރިން އިސްރާއީލުން ވަނީ ޣައްޒާގެ 30 ތަނަކަށް ޙަމަލާދީ ފަލަސްތީނުގެ 22 މީހުން ޝަހީދުކޮށް އެތަށް ބަޔަކު ޒަޚަމް ކޮށްލައިފަ އެވެ.

އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދު ކުރަމުން ގެންދާ ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކުގެ ތެރޭގައި އިސްކޮށް ޙަރަކާތްތެރި ވަނީ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތެވެ. ޣައްޒާގައި މަރުކަޒު ހުންނަ އެ ދެ ޖަމާއަތުން އިސްރާއީލަށް ޙަމަލާ ދެމުން ގެންދަނީ އަމިއްލަ ޓެކްނޮލޮޖީގައި އުފައްދާ ރޮކެޓްތަކުންނެވެ.

މުޖާހިދުން ރޮކެޓް ޓެކްނޮލޮޖީ ތަރައްގީކުރީ އިސްރާއީލުގެ ހިސާރުގެ ދަށުގައި

އިސްރާއީލުން ޣައްޒާ ހިސާރުކޮށް ސިމެންތިކޮޅެއް ވެސް ޣައްޒާއަށް ވެއްދުމުގެ ފުރުސަތު ނުދޭތާ 15 އަހަރުވެފައިވާ އިރު ކުދިކުދި ވޯކްޝޮޕްތައް ބިމުއަޑީގައި ހަދައިގެން މިފެންވަރުގެ ރޮކެޓް ސައެންސާއި ޓެކްނޮލޮޖީ މިޖަމާއަތްތަކުން ތަރައްގީކޮށްފައިވާތީ އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރުން ހަތިޔާރުއަޅާފައިވާ ނުރައްކާތެރި އަމިޔާވެރި އިސްތިއުމާރީ ބާރު ކަމަށްވާ އިސްރާއީލަށް ވަނީ ބޮޑު ސިހުމެއް ލިބިފަ އެވެ.

އިސްރާއީލުން ޙަމަލާދީ ވައްޓާލި ޣައްޒާގެ އެޕާޓްމެންޓް އިމާރާތް އަރިއަޅާލާފައި

އެއްވެސް ބައެއްގެ އެހީތެރިކަން ނުލިބި އަދި ސައޫދީ އަރަބިޔާ ފަދަ ގައުމުތަކުން ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތައް ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ސިފަކޮށް ސިއްރިޔާތުގައި އިސްރާއީލާ ގުޅުންތައް ގާއިމްކޮށްފައިވާ އިރު ޔޫއޭއީ އާއި ބަހްރައިން ސޫދާން މިސްރު އުރުދުން މަޣްރިބް ފަދަ ގައުމުތަކުން ވަނީ ފާޅުގައި އިސްރާއީލާ ގުޅުންތައް އުފައްދައި ފަލަސްތީނުގެ މައްސަލައަށް ވަރަށް ބޮޑަށް އިހުމާލުވެފަ އެވެ.

ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރުތަކުގައި އީރާނުން ދިން ރޮކެޓް ޓެކްނޮލޮޖީގެ އެހީތަކާ އަދި އީރާނުން ކިޔަވައިދީ ތަމްރީންކޮށްދިން ހަމާސް ޖަމާއަތުގެ މަދު އިންޖިނޭރުންގެ އެހީއާ އެކު ހަމާސް ޖަމާއަތާއި ފަލަސްތީނުގެ އެހެން ޖަމާއަތްތަކުން ވަރަށް އާދައިގެ ގޮތަކަށް ފަށައިގެން ރޮކެޓް ޓެކްނޮލޮޖީ ތަރައްގީ ކޮށްފައި ވަނީ އިސްރާއީލުން އެޖަމާއަތްތަކުގެ ވޯކްޝޮޕްތަކަށާއި މަރުކަޒުތަކަށް ތަކުރާރުކޮށް ބޮން އަޅަމުން ގެންދަނިކޮށެވެ.

ފާއިތުވި އަހަރުތަކުގައި އިސްރާއީލުން ވަނީ ހަމާސްގެ ރޮކެޓް އިންޖިނޭރުންގެ އިސް އެތައް ބަޔަކު ޝަހީދުކޮށްލައިފަ އެވެ. މިއާއެކު ވެސް ބިމުއަޑީގައާއި އެނޫން ވެސް އިސްރާއީލަށް ޙަމަލާދޭން ދަތިތަންތަކުގައި ކުދިކުދި ފެކްޓްރީތައް ބިނާކޮށް ރޮކެޓް ސައެންސާއި އޭގެ ޓެކްނޮލޮޖީ ތަރައްގީކޮށްގެން އިއްޔެ މުޖާހިދުންގެ ޖަމާއަތްތަކުން ވަނީ 100 ކިލޯމީޓަރަށް ވުރެ ދިގު ރާސްތާގެ 130 ރޮކެޓް އިސްރާއީލާ ދެކޮޅަށް ކާމިޔާބުކަމާއެކު ތަޖްރިބާކޮށްފައެވެ. މިއީ މިހާ ދިގު ރާސްތާއެއްގެ ރޮކެޓް ހަމާސްއިން އިސްރާއީލަށް ފޮނުވާލި ފުރަތަމަ ފަހަރެވެ.

މުޖާހިދުން ރޮކެޓް ޓެކްނޮލޮޖީ ތަރައްގީ ކުރީ އަމިއްލަ ހިއްވަރާއި މަސައްކަތުން

މުޖާހިދުންގެ ރޮކެޓް ޙަމަލާތައް ހުއްޓުވުމުގައާއި އެރޮކެޓްތަކަށް ހުރަސްއެޅުމުގައި އިސްރާއީލުގެ ބާރުގަދަ މިސައިލް އައްޑަނައިގެ ނިޒާމު ކަމަށްވާ އަޔަން ޑޯމް ނިޒާމުވަނީ ފެއިލް ވެފަ އެވެ. މުޖާހިދުން ރޮކެޓް ޑިވެލޮޕްކޮށްފައި ވަނީ އަޔަންޑޯމް ނިޒާމަށް ޑިޓެކްޓް ނުކުރެވޭ ޓެކްނޮލޮޖީއަކުން ކަމަށް ޚުދު އިސްރާއީލުގެ ނަންހާމަކުރަން ނޭދޭ މަސްއޫލުވެރިއަކު ވަނީ އިއުތިރާފްވެފަ އެވެ.

މުޖާހިދުންގެ ރޮކެޓެއް ތެލްއަވީވަށް އަރަނީ

ހަމާސްއަށް ކުރިން އުފެއްދެނީ ދެ ކިލޯ މީޓަރު އަދި ފަސް ކިލޯމީޓަރުގެ ރާސްތާގެ އަމާޒެއްނެތް ވަރަށް އާދައިގެ މިސައިލް އެވެ. ނަމަވެސް އޭގެފަހުން 20 ކިލޯމީޓަރު އަދި 30 ކިލޯ މީޓަރުގެ މިސައިލް ކުރިޔަށް ވުރެ އަމާޒު ރަނގަނޅުވާ ގޮތަށް އުފެއްދުމުގައި މުޖާހިދުންގެ އިންޖިނޭރުން ވަނީ ކާމިޔާބު ހޯދައިފަ އެވެ. މިފަހަރު އިސްރާއީލާ ދެކޮޅަށް ބޭނުންކޮށްފައި ވަނީ ކުރީގެ ރޮކެޓްތަކާ އަޅާބަލާ އިރު ނިސްބަތުން އަމާޒު ވަރަށް ރަނގަނޅު ރޮކެޓްތަކެކެވެ.

ފަލަސްތީނުން މިނިވަންކަން ހޯދުމަށްޓަކައި އިސްރާއީލައެކު 19 އަހަރުވަންދެން ސުލްހައިގެ ވާހަކަތައް ދެއްކި

ފަލަސްތީނުން މިނިވަންކަން ހޯދުމަށް ޓަކައި އިސްރާއީލާ އެކު 19 އަހަރުވަންދެން ސުލްހައިގެ ވާހަކަތައް ދައްކާފައިވީ ނަމަވެސް އެވާހަކަތަކުން އެއްވެސް ނަތީޖާއެއް ނުކުމެފައެއް ނުވެ އެވެ. މިއާއެކު އަރަބިން ވެސް (އެމެރިކާގެ އެހީގައި ޚުދުމުޚްތާރު ވެރިކަންކުރާ އަރަބި ލީޑަރުން) ފަލަސްތީނުގެ މައްސަލަ އާމެދު އިންތިހާއަށް ފަރުވާކުޑަކޮށް އިސްރާއީލާ ގުޅުންތައް ގާއިމް ކުރަންފެށުމުން އަމިއްލައަށް ހަތިޔާރު އުފައްދައިގެން އަދި އިސްރާއީލާ ސީދާ ގޮތެއްގައި ހަނގުރާމަކޮށް އަމަލީގޮތުން ޖިހާދުކޮށްގެން މެނުވީ ފަލަސްތީނުގެ ހައްގުތައް ދުވަހަކު ވެސް ނުލިބޭނެކަން ފަލަސްތީނު ރައްޔިތުންނަށް ވަނީ ކަށަވަރުވެގެން ގޮސްފަ އެވެ.

އަރަބި ލީޑަރުންގެ ޚިޔާނާތް

ފަލަސްތީނުގެ ޖިހާދަށް ގިނަ އަރަބި ލީޑަރުން ތާއީދު ނުކުރެއްވިޔަސް އެމެރިކާގެ އެހީގައި ވެރިކަންކުރާ އަރަބި ޑިކްޓޭޓަރުންގެ ވެރިކަމުގެ ނިޒާމުތަކުގެ ތެރޭގައި އަނިޔާވެރިކަމުގައި ތާށިވެފައިވާ އަރަބި ރައްޔިތުން ގެންދަނީ ފަލަސްތީނަށް ތާއީދު ކުރަމުންނެވެ. ތާރީޚަށް ބަލާއިރު ގައުމުތައް އިސްތިއުމާރުކޮށްގެން އުޅޭ އިސްތިއުމާރީ ބާރުތަކުގެ މައްޗަށް އެގައުމުތަކުގެ ރައްޔިތުން ކާމިޔާބު ހޯދައި މިނިވަންކަން ހޯދަނީ ބާރުގެ ތިލަފަތް އިސްތިއުމާރީ ބާރުތަކާ އެއްވަރުވެގެނެއް ނޫނެވެ. ހިއްވަރާއި ކެރުމާއެކު އަނިޔާވެރިކަމާ ކުރިމަތިލައިގެންނެވެ.

comment ކޮމެންޓް