ނޭޕާލްގެ ބޮޑުވަޒީރުގެ އިތުބާރު ނެތް ކަމަށް ޕާލިމެންޓުން ފާސްކޮށްފި

ނޭޕާލްގެ ބޮޑުވަޒީރަށް އިތުބާރު ނެތް ކަމަށް ޕާލިމެންޓުން ވަނީ ފާސްކޮށްފައި -- ފޮޓޯ: ޓީކޭޕީ

ކަތަމަންޑޫ (މެއި 11): ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީގެ އިތުބާރު ނެތް ކަމަށް އެގައުމުގެ ޕާލިމެންޓުގެ ތިރީގެއިން އިއްޔެ ފާސްކޮށްފި އެވެ.

ނޭޕާލްގެ ޕާލިމެންޓުގެ ތިރީގޭގައި އިއްޔެ ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 232 މެމްބަރުންގެ ތެރެއިން 124 މެމްބަރުން ވިދާޅުވީ ބޮޑުވަޒީރު އޮލީއަށް އިތުބާރު ނެތް ކަމަށެވެ. އަދި އިތުބާރު އޮތް ކަމަށް 93 މެމްބަރުން ވޯޓު ދެއްވި އިރު 15 މެމްބަރުން ވަކި ފަރާތަކަށް ޖެހިވަޑައިނުގަންނަވަ އެވެ.

އޮލީއަށް އެ ވޯޓު ކާމިޔާބު ކުރެވެން އޮތީ 136 މެމްބަރުންގެ ރުހުން ލިބުމުންނެވެ.

ނޭޕާލްގެ ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް 2018 ވަނަ އަހަރު އޮލީ ވަޑައިގެންނެވީ އޭނާގެ ކޮމިއުނިސްޓް ޕާޓީ (ސީޕީއެން-ޔޫއެމްއެލް)އިން މައޮއިސްޓް ކޮމިއުނިސްޓް ޕާޓީ (ސީޕީއެން-އެމްސީ)އާ ގުޅި، ނޭޕާލް ކޮމިއުނިސްޓް ޕާޓީ (އެންސީޕީ) އުފެދުމުންނެވެ. ނަމަވެސް އެ ދެ ފަރާތުން ހަދާފައިވާ އެއްބަސްވުމެއްގެ މަތިން މައޮއިސްޓް ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހަލްއަށް ބާރުތައް ދޭން އޮލީ ދެކޮޅު ހެއްދެވުމުން ޕާޓީގެ ތެރޭގައި ކޯޅުމެއް އުފެދުނެވެ. އަދި ދަހަލްގެ ފެކްޝަނުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން މަސައްކަތް ކުރުމުން ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ އުވާލަން މިދިޔަ ޑިސެމްބަރު މަހު އޮލީ އެންގެވި އެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެ އަމުރު ބާތިލު ކުރި އެވެ.

އޭގެ ފަހުން ސުޕްރީމް ކޯޓުން ވަނީ އެންސީޕީ ކިޔާ ޕާޓީއެއް ނޭޕާލްގައި ކުރިންވެސް އޮތުމުން، ސީޕީއެން-ޔޫއެމްއެލް އާއި ސީޕީއެން-އެމްސީއަށް ގުޅިގެން އެނަމުގައި ޕާޓީއެއް ނުހެދޭނެ ކަމަށް މިދިޔަ މާޗް މަހު ނިންމާފަ އެވެ. އެއާ އެކު އެއީ އަނެއްކާ ވެސް ވަކި ދެ ޕާޓީއަކަށް ވަނީ ވެފަ އެވެ. އަދި ދަހަލްގެ ޕާޓީން ވަނީ އޮލީގެ ސަރުކާރަށް ތާއިދެއް ނެތް ކަމަށް ބުނެފަ އެވެ.

އޮލީގެ އިތުބާރު ނެތް ކަމުގެ ވޯޓަށް ފަހު، ޕާލިމެންޓުގައި ހިމެނޭ ޕާޓީތަކުން އާ ސަރުކާރެއް އެކުލަވާލުމަށް މަސައްކަތް ކުރާނެ އެވެ. އަދި އާ ސަރުކާރެއް އެކުލަވާލެވެންދެން އޮލީ ސަރުކާރު ހިންގެވުމަށް ރައީސް އަންގަވާނެ އެވެ.

ނޭޕާލްގައި ސިޔާސީ ހަލަބޮލިކަން އުފެދިފައި ވަނީ އެގައުމުގައި ކޮވިޑް-19އިގެ ކޭސްތައް އިންތިހާއަށް އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން އިއްޔެ އެގައުމުން 24 ގަޑި އިރު ތެރޭ 9،127 ކޭސް ފެނުނު ކަމަށް ރިޕޯޓުކޮށްފައިވާ އިރު އެއީ އޭޕްރިލް 10އަކާ އަޅާ ބަލާއިރު 27 ގުނަ އިތުރު އަދަދެކެވެ.

ނޭޕާލްއިން މިހާތަނަށް 403،000އަށް ވުރެ ގިނަ ކޭސް ފެނިފައިވާ އިރު މިހާރު ބަލިޖެހިފައި ތިބި މީހުންގެ އަދަދު 93،141އަށް އަރަ އެވެ. އަދި އެގައުމުގެ ހޮސްޕިޓަލްތަކުގެ އެނދުތައް ފުރި، އޮކްސިޖެން އާއި ބޭހަށް ޖެހިފައިވާ ކަމަށް ހޮސްޕިޓަލްތަކުން ދަނީ ރިޕޯޓު ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް