ޓޫރިޒަމް ރިއަލް އެސްޓޭޓަށް ދެވޭނީ ސަރުކާރު 100 ޕަސެންޓު ހިއްސާވާ ކުންފުނިތަކަށް

ސޮނޭވާ ޖާނީ ރިސޯޓް

ޓޫރިޒަމް ރިއަލް އެސްޓޭޓުގެ ގޮތުގައި ކަނޑައެޅޭ ސަރަހައްދެއް ކުއްޔަށް ދެވޭނީ ހަމައެކަނި ސަރުކާރުން 100 ޕަސެންޓް ހިއްސާވާ ކުންފުނިތަކަށް ކަމަށް ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ގެޒެޓް ކޮށްފައިވާ އިންޓަގްރޭޓޭޑް ޓޫރިސްޓު ރިސޯޓު ތަރައްގީކޮށް ހިންގުމާ ބެހޭ ގަވައިދު ބުނާގޮތުން، ސަރުކާރުގެ ޓޫރިިޒަމް ރިއަލް އެސްޓޭޓު ޑިވެލޮޕްމެންޓު ޕްރޮޖެކްޓެއް ހިންގުމަށް ކުއްޔަށް ދުކުރާ ފަޅު ނުވަތަ ބިމުގައި ތަރައްގީކުރާ އިންޓަގްރޭޓޭޑް ޓޫރިސްޓް އިސީޓުގެ ބިމުގެ ސަރަހައްދުގެ މަދުވެގެން 50 ޕަސެންޓުގައި، ސްޓްރާޓާ އުސޫލުން ކުއްޔަށް ދިނުމަށް ވަކިން ކޮޓަރި ނުވަތަ ވިލާ ތަރައްގީ ކުރަން ޖެހެއެވެ.

މީގެ އިތުރުން، ސްޓްރާޓާ އުސޫލުން ކުއްޔަށް ދިނުމަށް ވަކި ކޮޓަރި ނުވަތަ ވިލާ ނުވަތަ އެޕާޓްމެންޓު ތަރައްގީ ކުރުމަށް ކަނޑައަޅާ ބިމުގެ އިތުރުން އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓުގައި ބާކީ އޮންނަ ސަރަހައްދުގައި ވަކިވަކި ޓޫރިސްޓު ރިސޯޓު ނުވަަތަ ޓޫރިސްޓު ހޮޓެލް ނުވަތަ ގެސްޓުހައުސް ތަރައްގީ ކުރެވިދާނެ އެވެ.

ޓޫރިޒަމްް ރިއަލްއެސްޓޭޓު ޑިވެލޮޕްމެންޓު ޕްރޮޖެކްޓުތައް ހިންގުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއްގެ ކުލީގެ އެއްބަސްވުމާ ގުޅޭ ހައްގުތައް އެހެން ފަރާތްތަކަށް ވިއްކާލެވޭނީ އިންޓަގްރޭޓް ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް، ހިންގަން ފަށާތާ 10 އަހަރު ފަހުން ކަމަށް ގަވައިދު ބުނެއެވެ.

ގަވައިދު ބުނާގޮތުން އެގޮތަށް ހައްގު ބަދަލު ކުރެވޭނީ އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓު ކުއްޔަށް ދިނުމަށް، ރައީސުލްޖުމްހޫރިއްޔާ އަށް ޓޫރިޒަމާ ބެހޭ މިނިސްޓްރީ އިން ހުށަހަޅާ ހުށަހެޅުމުގައި ސްޓްރާޓާ އުސޫލުން ކުއްޔަށް ދިނުމަށް ހުށަހަޅާފައިވާ ކޮޓަރި ނުވަތަ ވިލާ ނުވަތަ އެޕާޓްމެންޓުތަކުގެ 75 ޕަސެންޓު އިމާރާތްކޮށް ނިމިފައިވާނަމަ އެވެ.

ގަވައިދާ ހިލާފުވާ ފަރާތްތަކުން 100،000 ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށާއި ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުން ޓޫރިޒަމް މިނިސްޓްރީ އިން ކަނޑައަޅާ މިންގަނޑުތަކަށް އިންޓަގްރޭޓެޑް ޓޫރިސްތު ރިސޯޓު ރިސޯޓަކުން ދޭ ހިދުމަތުގެ ފެންވަރު ދަށްވެއްޖެ ނަމަ އެ ހިދުމަތް ފޯރުކޮށްދޭ ވިޔަފާރިއެއް އެއް މިލިއަން ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުހެ އިހުތިޔާރު ވެސް ގަވައިދުގެ ދަށުން މިނިސްޓްރީ އަށް ލިބިގެން ވެއެވެ.

ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ރިއަލް އެސްޓޭޓެޑް ޓޫރިޒަމްގެ ވިޔަފާރި އަށް ވަނީ މަގުފަހިކޮށްދީފަ އެވެ.

comment ކޮމެންޓް