ކޮވިޑް-19 ފެތުރޭތީ ލ. ގަމާއި އދ. މާމިގިލީގައިވެސް ރޭގަނޑު 9:00ގެ ފަހުން ކާފިއު ހިންގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފި އެވެ.
ޑިރެކްޓާ ޖެެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން މިރޭ ގަމާއި، މާމިގިލީގައި ހާއްސަ ފިޔަވަޅުތައް އެޅުމަށް ވަނީ އަންގައިފަ އެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 9:00އިން ފެށިގެން ފަތިހު 4:00އަށް ކާފިއު ހިންގުން ހިމެނެ އެވެ.
އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން އާންމު ތަންތަނުގައި އެއްވުން ވަނީ މާނަކޮށްފަ އެވެ. ޕާޓީތަކާއި ހަފްލާތައް ބޭއްވުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ވަނީ މަނާކޮށްފަ އެވެ.
ސެލޫންތަކާއި، ޖިމްތައް ބަންދުކޮށް، ހުރިހާ ކުޅިވަރާއި ކަސްރަތު ހަރަކާތައް ހުއްޓާލަން ވަނީ އަންގައިފަ އެވެ. ފިހާރަތަކުންނާއި ޓެކްސީ ތަކުން އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް ހިދުމަތް ދިނުމަށްވެސް އަންގާފައިވެ އެވެ.
ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރެންޓުތަކުން ދެމުންދާ ހިދުމަތްތައް ހުއްޓާލަންވެސް އަންގާފައިވެ އެވެ. އޭގެ ތެރޭގައި ޓޭކްއަވޭއާއި ޑެލިވަރީ ހިދުމަތް ދިނުން ނުހިމެނެ އެވެ.
ޔުނިވާސިޓީޓަކާއި ކޮލެޖުތަކުގެ ކިޔެވުން ދަރިވަރުން ކްލާހަށް ހާޒިރުކޮށްގެން ކުރިއަށްގެންދިޔުންވެސް ހުއްޓާލަން އަންގާފައިވެ އެވެ.
އޭގެ އިތުރުން، ހާއްސަކޮށް، ގަމުގައި އެއް އަވަށުން އަނެއް އަވަށް ދަތުރު ކުރުންވެސް ވަނީ މާނަކޮށްފަ އެވެ.
ރާއްޖޭގައި ކޮވިޑް ކޭސްތައް އިންތިހާއަށް އިތުރުވަމުންދާއިރު، މިއަދު އަތޮޅު ތެރެއިންވެސް 147 މީހުން ވަނީ ކޮވިޑްއަށް ޕޮޒިޓިވްވެފަ އެވެ. ޖުމްލަ މިއަދު މުޅި ރާއްޖެއިން 1091 މީހުން ޕޮޒިޓިވްވި އެވެ.