ދެކުނު އޭޝިއާ ގައުމުތަކުން ވޯކްޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުން މަނާކޮށްފި

ފެބްރުއަރީ 24، 2021: ރާއްޖޭގައި ލިޔެކިޔުން ނެތި ދިރިއުޅޭ ބިދޭސީން ކޮވިޑް-19 ވެކްސިން ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެކުނު އޭޝިއާގެ ގައުމުތަކުގައި ކޮވިޑް19ގެ ހާލަތު ގޯސްވެ، ބަލި ފެތުރުން ހަލުވިވެފައިވާތީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުން ވަޒީފާ އަދާކުރުމަށް ރާއްޖެއަށް މީހުން އައުން މަނާކޮށްފިއެވެ.

ޑިރެކްޓާ ޖެނެރަޕް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައި ބުނީ މާދަމާ އިން ފެށިގެން ވަކި ގޮތެއް އަންގަންދެން ދެކުނު އޭޝިއާގެ ގައުމުތަކާއި ސަރަހައްދުތަކުން ރާއްޖެއަށް ވޯމިޓް ހޯލްޑަރުން އެތެރެވުން ހުއްޓާލުމަށް އަންގާ ކަމަށެވެ.

މީގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދުން ރާއްޖެއަށް އަންނަ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުމަށްވެސް ހުއްޓާލަން އަންގާފައި ވެއެވެ.

ކޮވިޑްގެ އާ ވޭރިއަންޓެއް އިންޑިއާ އިން ފެނި އެ ވޭރިއަންޓް ލަންކާ އިންވެސް މިހާރު ފެނިފައިވާއިރު، ބަންގްލަދޭޝް، ނޭޕާލް އަދި ޕާކިސްތާނުގައިވެސް ބަލި ފެތުރޭ މިންވަރު ވަނީ އިތުރުވެފައެވެ.

މީގެ ކުރިން އެޗްޕީއޭ އިން ވަނީ އިންޑިއާގެ ފަތުރުވެރިން މީހުން ދިިރުއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ހޮޓާތަކަށް ޗެކްއިން ވުން ހުއްޓާލަން އަންގައިފައެވެ. އަދި އެގައުމުން އަންނަ ވޯކް ޕާމިޓް ހޯލްޑަރުން 14 ދުވަހަށް ކަރަންޓީނުވާން އަންގައިފައެވެ. ނަމަވެސް މިއަދުގެ އެންގުމާއެކު، މާދަމާ އިން ފެށިގެން ސަރަަހައްދުގެ އެއްވެސް ގައުމަކުން ވޯކް ޕާމިޓް ހޯލްޑަރުުންނަށްވެސް ރާއްޖެ އެތެރެ ނުވެވޭނެއެވެ.

ރާއްޖޭގައި ވެސް ކޮވިޑް ފެތުރޭ މިންވަރު ފާއިތުވި ދެ ހަފްތާ ތެރޭ ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އިއްޔެ ވެސް 766 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރުމި ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު ވަނީ 8،261 އަށް އަރައިފައެވެ. ބަލި ޖެހުނު މީހުންގެ ޖުމްލަ އަކީ 34،134 އެވެ. ބަލީގައި 83 މީހުން މަރުވި އިރު މި ފާއިތުުވި ދެ ދުވަހަކީ ރާއްޖޭގައި ކޮވިޑް ޖެހިގެން އެންމެ ގިނަ ބަޔަކު މަރުވި ދެ ދުވަހެވެ.

މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުގައިވެސް ކޮވިޑް ފެތުރޭ މިންވަރު އިތުރުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ. އެގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު ނުވަޔަކުން ފަތިހު ހަރަތަކަށް ކާފިއު ހިންގަން ފަށާފައިވާއިރު މާލެއިން ރަށްރަށަށް ދަތުރުކުރާ މީހުންނައި ރާއްޖެެއިން ބޭރުން އަންނަ ފަތުރުވެރިން ފިޔަވައި އެހެން ފަރާތްތައް ކަރަންޓީނުވާންޖެހޭ މުއްދަތު ވަނީ 10 ދުވަހުން 14 ދުވަހަށް އިތުރު ކޮށްފައެވެ.

މީގެ އިތުރުން ސްކޫލުތަކާއި ކޮލެޖު ޔުނިވާސިޓީތަކުގެ ކިޔެވުން އޮންލައިންކޮށްް ކުރިއަށް ގެންދަން ނިންމައި، ޖިމްތަކާއި ސެލޫން ތަކާއި ކަސްރަތު ކުލާސްތައް ބަންދުކުރަން ވަނީ އަންގައިފައެވެ. ސަރުކާރައި އަމިއްލަ އޮފީސްތަކުންވެސް މުވައްޒަފުން އޮފީހަށް ނެރުމުގެ ބަދަލުގައި ގެއިން މަސައްކަތް ކުރަން ވަނީ އަންގައިފައެވެ.

މާލޭގެ އިތުރުން ކޮވިޑް ބާރަށް ފެތުރެމުންދާ ރަށްރަށުގައިވެސް ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. ޅ. ނައިފަރާއި ބ. އޭދަފުށި، ކ. މާފުށި އަދި އއ. ރަސްދޫ އާއި އެ އަތޮޅު މަތިވެރީގެ އިތުރުން ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގައި ފިޔަވަޅުތައް ހަރުކަށިކޮށް ކާފިއު ހިންގަން ވަނީ ފަށައިފަ އެވެ

comment ކޮމެންޓް