ހަތަރު ލައްކަ ފަތުރުވެރިން އައިސްފި

ފަތުރުވެރިންތަކެއް އެއާޕޯޓުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 400،000 އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް 401،361 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. މި މެއި މަހުގެ ފުރަތަމަ ހަތަރު ދުވަހުގެ ތެރޭ 11،591 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ވެސް މިނިސްޓްރީގެ ހިސާބުތައް ދައްކަ އެވެ.

މިހާރު ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުގެ ގޮތުގައި އޮތީ ރަޝިއާ އެވެ. ޖުމްލަ ފަތުރުވެރިންގެ 22.5 ޕަސެންޓް އަންނަނީ ރަޝިއާ އިންނެވެ. ދެވަނާގައ އިންޑިއާ އޮތް އިރު އެގައުމުގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވުމާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާ/ގެސްޓްހައުސް ތަކަށް އިންޑިއާ މީހުން އައުން މަނާކުރުމާއެކު އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ތިންވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެއްގެ ގޮތުގައި ޔުކްރެއިން އޮތް އިރު ހަތަރު ވަނާގައި އޮތީ ޖަރުމަނެވެ. ފަސް ވަނާގައި އޮތީ ކަޒަކިސްތާނެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭ ރާއްޖެ ޒިޔާރަތްކުރީ 91،200 ފަތުރުވެރިންނެވެ. އޭގެ ކުރީ މާޗު މަހު 109،585 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަނީ 2،898 ފަތުރުވެރިންނެވެ. އަދި އެވްރެޖުކޮށް ފަތުރުވެރިން 9.6 ދުވަސް ރާއްޖޭގައި ހޭދަ ކުރެ އެވެ.

ރާއްޖޭގައި މިވަގުތު 722 ޓޫރިސްޓް ފެސިލިޓީ ހިންގަމުންދާއިރު އެއީ ޖުމްލަ 47،355 އެނދެވެ.

comment ކޮމެންޓް