ބީއެމްއެލްއިން ހިދުމަތްދޭ ދުވަސްތަކަށް މާދަމާއިން ފެށިގެން ބަދަލު ގެންނަނީ

ބޭންކް އޮފް މޯލްޑިވްސް--- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތް ދެމުންދާ ގަޑިތަކަށް މާދަމާއިން ފެށިގެން މިމަހުގެ 15 އިގެ ނިޔަލަށް ބަދަލު ގެނައުމަށް ނިންމައިފި އެވެ.

ބީއެމްއެލްއިން މިރޭ ނެރުނު އިއުލާނެއްގައި ބުނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާއި އެމްއެމްއޭގެ އިއުލާނުގައި ވާގޮތުގެ މަތިން ހިދުމަތް ދިނުމަށް ޓަކައި މާދަމާއިން ފެށިގެން މިމަހުގެ 15 އިގެ ނިޔަލަށް ބީއެމްއެލް ހުޅުވިފައި ހުންނަ ދުވަސްތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެމުއްދަތުގެ ތެރޭގައި ބީއެމްއެލްްގެ ބްރާންޗް ތަކާއި ސަރވިސް ސެންޓަރުތައް ހުޅުވިފައި ހުންނާނީ ހޯމަ ދުވަހާއި ބުދަ ދުވަހު ހެނދުނު 9:30 އިން މެންދުރު 12:00 އަށް ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް ރާއްޖޭން ބޭރަސް ފައިސާ ޓްރާންސްފާ ކުރުމާއި ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.

"ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރެވޭ ޗެކްތައް ހަފްތާއި ސަރުކާރުން ބަންދު ނޫން ދުވަސްތަކުގައި ޕްރޮސެސް ކުރެވޭނެ." ބީއެމްއެލްގެ އިއުލާނުގައި ބުނެފައިވެ އެވެ.

ބީއެމްއެލްއިން ބުނީ މާލޭ ސިޓީގައި ބޭންކިންގް ހިދުމަތް ހޯދުމަސް ކިއުބީ މެދުވެރިކޮށް އޮންލައިން ނަމްބަރު ނެގުމަށް އެދޭ ކަމަށެވެ. އަދި ހިދުމަތް ހޯދުމަށް ބޭންކަށް ދާއިރު ކިއުގައި ތިބި ކަސްޓަމަރުންގެ އަދަދު ޗެކްކޮށްލުމަށްވެސް ވަނީ އަދިފަ އެވެ.

އޭގެ އިތުރުން އެކައުންޓް އޯޕަނިންގް ސެންޓަރާއި ލޯން ސެންޓަރު އަދި ބިޒްނެސް ސެންޓަރުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމެންޓަށް ކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ. ބީއެމްއެލްގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމެންޓަށް އެދެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް ހުޅުވާ ދުވަސްތަކަށް ބަދަލު ގެނައި އިރު މާލެ ސަރަހައްދުގައި އިންތިހާއަށް ކޮވިޑް ގިނަވެފައި ވާތީ ސަރުކާރު އޮފީސްތައް ބަންދުކޮށް ސުކޫލުތަކުގެ ކިޔެވުންވެސް ވަނީ އޮންލައިން ކޮށްފަ އެވެ.

comment ކޮމެންޓް