ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް ފުލުހުން އަނިޔާ ކުރި ކަމުގެ ތުހުމަތު

މިރޭގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަޒީފާގެ މާހައުލުގައި ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ ޒުވާނުންތަކެއް މާލޭގައި ކުރި މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް، ފުލުހުން އަނިޔާ ކޮށްފައިވާ ކަމަށް ބުނެ، ކަންބޮޑުވުންފާޅުކޮށްފި އެވެ.

މުޒާހަރާގެ ބައިވެރިއަކު ބުނީ މުޒާހަރާ ކުރިއަށް ގެންގޮސްފައި ވާނީ މާސްކު އަޅައިގެން ގައިދުރުކަން ބަހައްޓައިގެން ކަމަށެވެ.

މުޒާހަރާ ހުއްޓުވީ ފަސް މީހުންނަށް ވުރެ ގިނައިން މާލޭގައި އެއް ނުވެވޭނެ ކަމަށް އެޗްޕީއޭއިން އަންގާފައިވާ އެންގުމުގެ ދަށުންނެވެ.

އަޑުގަދަ ކުރާ ބޭނުންކޮށްގެން ރަސްފަންނު ސަރަހައްދުގައި އަޑުއުފުލުމަށްފަހު މުޒާހަރާގެ ބައިވެރިން ވަނީ މަޖީދީމަގަށް ނުކުމެފަ އެވެ. އެއާއެކު ފުލުހުން ވަނީ މުޒާހަރާ ހުއްޓުވުމަށް ބާރުގެ ބޭނުން ކުރަން ފަށާފަ އެވެ.

މުޒާހަރާގައި ފުލުހުންގެ ފަރާތުން ލިބިފައިވާ އަނިޔާ ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ އެއްވުންތައް ކޮންޓްރޯލް ކުރަން ހަރަކާތްތެރިވާ ފުލުހުން އަމަލުކުރާ ގޮތާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބަލައި، އުސޫލުތަކާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައިވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އަދި މިރޭގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާ ގޮތް، ޚާއްސަ އިސްކަމެއް ދީގެން ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުންނާއި ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީން ބަލަން ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް