މާލޭގެ މޭޔަރު ޝިފާއާއި، އިންތިހާބީ މޭޔަރު މުއިއްޒު ބައްދަލުކުރައްވައިފި

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދާއި މާލޭގެ މޭޔަރުކަމަށް އިންތިހާބުވެ ވަޑަައިގެންފައިވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ/ ސިޓީ ކައުންސިލް

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދާއި މި މަހު 10ގައި ބޭއްވި ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް އިންތިހާބުވެ ވަޑަައިގެންފައިވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިިފި އެވެ.

މިއަދު މާލޭ ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ވަނީ މޭޔަރު ޝިފާއާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު މުއިއްޒުއާ ބައްދަލުކުރެއްވިކަން ހާމަކުރައްވައިފަ އެވެ. އެ ކައުންސިލުން ބުނި ގޮތުގައި އެ ބައްދަލުވުމަކީ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި މުއިއްޒުއަށް ބާރުތައް ބަދަލުކޮށް، މަގާމު ހަވާލު ކުރުމުގެ ކަންކަމާ ގުޅޭ ގޮތުންނެވެ.

މޭޔަރު ކަމާ ހަވާލުވެވަޑައިގަތުމަށް މުއިއްޒު ތައްޔާރުވެވަޑައިގަންނަވާއިރު، އޭނާ ދަނީ ސޯޝަލް މީޑިއާގައި އެކި ކަންކަމުގައި އާންމުންގެ ހިޔާލު ހޯއްދަވަމުންނެވެ. އެގޮތުން، ކޮންސްޓްރަކްޝަން މަސައްކަތަށް މަގު ބަންދު ކުރަންވީ ވަގުތުތަކާ ބެހޭގޮތުން މި ފަހުން ހިޔާލު ހޯއްދެވި އެވެ.

މާލޭގެ މޭޔަރު ކަމަށް މުއިއްޒު އިންތިހާބުވެޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަބްދުއްސައްތާރާ ވާދަކޮށް، ބޮޑު ތަފާތަކުންނެވެ. އޭނާއަށް 12470 މީހުން ވޯޓުލި އިރު އަނަސްއަށް ވޯޓުލީ 7436 މީހުންނެވެ. މިއީ، މާލޭގެ މޭޔަރު ކަމަށް އެމްޑީޕީ ނޫން ޕާޓީއެއްގެ މީހަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.

ކުރިން އެމްޑީޕީއަށް މާލެ ސިޓީގެ މެޖޯރިޓީ ލިބުނު ނަމަވެސް، މިފަހަރު އިންތިހާބުގައި މާލެ ސިޓީ ކައުންސިލުގެ މެޖޯރިޓީވެސް ލިބިފައިވަނީ ޕީޕީއެމްއަށެވެ. އެގޮތުން މާލެ ސިޓީން ޕީޕީއެމްއިން 11 ގޮނޑި ނަގާފައިވެއެވެ. އެމްޑީޕީއަށް ލިބިފައި ވަނީ ހަ ގޮނޑި އެވެ.

އަލަށް ކައުންސިލުތަކަށް އިންތިހާބުވި މީހުން ހުވާ ކުރުމަށް ހަމަޖެހިފައި ވަނީ މި ހިނގާ ރޯދަ މަހަށް ފަހު އެވެ.

comment ކޮމެންޓް