މާލޭގެ އެކި ސަރަޙައްދުތަކުގައި ޕޭ ޓޮއިލެޓްތައް އަމިއްލަ ޚަރަދުގައި ތަރައްގީކޮށް، ދިގު މުއްދަތަކަށް ކުއްޔަށް ހިފުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން އާންމުކޮށް ހުޅުވާލައިފިއެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ މި މަޝްރޫއުގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މުހިންމު ހަތަރު ސަރަޙައްދެއްގައި ހުރި ފާޚާނާތައް ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ އަތޮޅު ފިހާރަ ކައިރީގައި ހުންނަ ޕޭ ޓޮއިލެޓް ހައެއް ހުރި ބިމާއި، ބޮޑުތަކުރުފާނު މަގުގައި މާލެ ސިޓީ ކައުންސިލްގެ އިދާރާއާ އިންވެގެން ހުންނަ ޕޭ ޓޮއިލެޓް ހަތެއް ހުރި ބިމުގެ އިތުރުން ހެންވޭރުގައި ހުރި ޕޭ ޓޮއިލެޓާއި އެމްއެމްއޭ ކައިރީގައި ޕޭ ޓޮއިލެޓް ހުރި ބިމެވެ.
ސިޓީ ކައުންސިލުން ވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށާއި އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި މިކަމާ ގުޅޭ ތަފުސީލު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
މި މަޝްރޫއާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި އާންމު ފާޚާނާތައް އަލުން ތަރައްގީކުރާއިރު، ޚާއްސަ އެހީއަށް ބޭނުންވާ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ފަސޭހައިން ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި ފާޚާނާތަކުގެ ސާފުތާހިރުކަން އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަކީ މި މަޝްރޫގެ މައިގަނޑު އެއް މަގުސަދުކަން މޭޔަރު ފާހަގަކުރެއްވި ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
އަލަށް ތަރައްގީކުރެވޭ އެ ފާޚާނާ ބަރިތަކުގައި ޒަމާނީ ފެންވަރުގެ ޗޭންޖިން ރޫމްތަކާއި، އަންހެނުންނާއި ފިރިހެނުންނަށް ޚާއްސަކުރެވިފައިވާ ވަކި ފާޚާނާ ބަރިތައް ހިމެނޭނެކަން ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
ކައުންސިލުން ވަނީ މި ބަދަލުތަކާއެކު މާލޭގެ މަގުތަކާއި އާންމު ސަރަޙައްދުތައް ބޭނުންކުރާ ރައްޔިތުންނަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނެފައެވެ.